އެކަނިވެރި ބަލި މީހަކާ ދައުލަތުން ހަވާލުނުވެ ހޯނޑެއްދުއަށް ފޮނުވާލުމުން ކަންބޮޑުވުން
އެކަނިވެރި ބަލި މީހަކާ ދައުލަތުން ހަވާލުނުވެ ހޯނޑެއްދުއަށް ފޮނުވާލުމުން ކަންބޮޑުވުން

ގދ. ހޯނޑެއްދޫގައި ބަލާނެ މީހަކު ނެތް، އުމުރުން ދުވަސްވީ މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުނަގައި އަނބުރާ ފޮނުވާލުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ، 64 އަހަރުގެ އަންހެނަކު، އިންޓާނަލް ބްލީޑިންގެ ހާލަތެއް މެދުވެރިވެގެން، އެ އަތޮޅު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިދިޔަ މަހު ގެންދިޔައީ ވެސް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ އެހީގައި ކަމަށެވެ.

އެއަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް އަދި އެ ތަނުގައި ފަރުވާއަށް މަހެއް ވަންދެން އެޑްމިޓުކޮށްފައި އޮތީ ވެސް މިނިސްޓްރީގެ ހަވާލުގައި ކަމަށް މެމްބަރު ވިދާޅުވި އެވެ. ނަމަވެސް، އަންހެން މީހާ ބަލާނެ އިތުރު މީހަކު ނެތް ހާލަތުގައި ވެސް އަނބުރާ ރަށަށް ގެންދިއުމުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ އަންހެން މީހާގެ އެއްވެސް ދަރިއަކު ނުހުރެ އެވެ. ދުނިޔޭގައި ހުރި 73 އަހަރުގެ ފިރިމީހާގެ ވެސް ނަފްސާނީ މައްސަލަތަކުގެ ސަބަބުން އަނބިމީހާ ބެލުމަށް ވަނީ ނުކުޅެދިފަ އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އަންހެން މީހާ ރަށަށް ގެންދިޔައީ ސަރުކާރުގެ ކަމާގުޅުން ހުރި އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި ކަމަށެވެ.

ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ އެހީގައި ރަށަށް ގެންދިއުމަށް ފަހު އޭނާ ބެހެއްޓީ ހެލްތު ސެންޓަރުގަ އެވެ. ނަމަވެސް، އެޑްމިޓްނުކުރާތީ ދެވޭނެ ފަރުވާއެއް ނެތުމުން މިއަދުގެ ވަގުތެއްގައި އަންހެން މީހާގެ ގެއަށް ގެންދާނެ އެވެ. މީގެ ކުރިން އަމިއްލައަށް ހިނގައި އުޅުނަސް، އަނބުރާ ރަށަށް ގެންދިއުމުން އުޅެމުން އަންނަނީ އެހެން މީހުންގެ އެހީގަ އެވެ.

ކައުންސިލުން ބުނީ އެންގުމެއް ނެތި އަންހެން މީހާ ރަށަށް ގެންދިޔައީ ވެސް، އެ މީހާ މަރުކަޒުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދި އާއްމު މީހެއްގެ ރިޕޯޓަކާ އެކު ހޯނޑެއްދޫ ކައުންސިލާއި ސިއްހީ މަރުކަޒުން، ހެލްތު މިނިސްޓްރީ އަދި ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ބަލި މީހާގެ މައުލޫމާތާ އެކު މިދިޔަ މަހުގެ 11 ގައި އެދިފައިވަނިކޮށް ކަމަށެވެ.

"މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އޮކްޓޯބަރު 4، 2025 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ އެމްބިއުލާންސްގައި ހޯނޑެއްދުއަށް ގެނެސް، މި ކައުންސިލާއި ހޯނޑެއްދޫގައި ގާއިމްވެފައިވާ އެއްވެސް އިދާރާއަކަށް ރަސްމީ އެންގުމަކާ ނުލައި ދޫކޮށްލާފައިވުމާއި ހެލްތު ސެންޓަރުގައި އެޑްމިޓުނުކޮށް ބޭއްވުމަކީ ކަންބޮޑުވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

"އެހެންކަމުން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ވީ އެންމެ އަވަހަކަށް މި ފަރާތާއި ހަވާލުވުމަށާއި އޭނާގެ ގާނޫނީ ބަލަދުވެރިޔާ ހޯދައި ޒިންމާ ހަވާލުކުރުމަށް ކައުންސިލުން ގޮވާލަމެވެ،"

ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަމިއްލައަށް ނޫޅެވޭ މީހުން ބެލެހެއްޓުމަކީ ސޯޝަލް މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު އެފަދަ އެހީތެރިކަން ބޭނުންވާ މީހަކަށް އަޅާނުލައި ދޫކޮށްލުމުން ހޯނޑެއްދޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަމަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

ސޯޝަލް މިނިސްޓްރީއާ ހަވާލައިދީ ކައުންސިލުން ބުނީ އެ މީހާ ރަށަށް ގެންދިޔައީ ފިރިމީހާއަށް ގުޅުމަށްފަހު ކަމަށެވެ. އެކަމަކު، އެ ފިރިހެން މީހާ ރަށުގައި ވެސް ނެތް ކަމަށާއި ފޯނު ނިއްވާލާފައި އޮތުމުން ގުޅޭނެ ގޮތެއް ނެތެވެ.

ސިއްހީ މަރުކަޒުގައި ހުރި ދުވަސްތަކުގައި އަންހެން މީހާއަށް ކާން ދީފައިވަނީ އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އަދި ގެއަށް ބަދަލުކުރާ ހިސާބުން ކައުންސިލްގެ މުވައްޒަފުން އެ ޒިންމާއާ ހަވާލުވާނެ ކަމަށް ކައުންސިލުން ވާހަކަދެއްކެވި މެމްބަރު ވިދާޅުވި އެވެ.

ކައުންސިލުން ބުނީ އެ އަންހެން މީހާއަށް ބޭނުންވާ އެހީތެރިކަމާއި އޭނާއަށް ބޭނުންވާ އަސާސީ ހިދުމަތްތައް އަދި އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި އެ މީހާގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މިނިސްޓްރީއާ ގުޅިގެން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާފައިވާނެ ކަމަށް ވެސް ބުންޏެވެ.