އައިޖީއެމްއެޗްގެ އައިނުފިހާރައަށް އަހަރަކު ހަރަދުވަނީ ތިން މިލިޔަން ރުފިޔާ
އައިޖީއެމްއެޗްގެ އައިނުފިހާރައަށް އަހަރަކު ހަރަދުވަނީ ތިން މިލިޔަން ރުފިޔާ

އައިޖީއެމްއެޗްގައި ސަރުކާރުން ހިންގާ އައިނު ފިހާރަ ހިންގަން އަހަރަކު ހަރަދުވަނީ ތިން މިލިޔަން ރުފިޔާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި މިިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗްގެ އައިނު ފިހާރަ ހިންގަން، ރިކަރެންޓް ހަަރަދުގެ ގޮތުގައި އަހަރަކަށް ހޭދަވާނެ ކަމަށް ލަފާކުރެވެނީ 3،456،212.67.ރ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފިހާރަ ހަދަން ހަރަދުވީ 2.6 މިލިޔަން ރުފިޔާ އެވެ. އެއީ ފިހާރަ ހެދުމަށާއި އެތަނަށް ބޭނުންވާ އިންސްޓްރޫމެންޓް ގަތުމަށް ކުރި ހަރަދު ހިމަނައިގެންނެވެ.

އައިނު ފިހާރަ ހިންގަން ހަރަދުކުރަނީ ކިހާވަރެއްތޯ ކުރި ސުވާލުގެ އިތުރުން، އެ ފިހާރަ ހަދަން ނިންމި ސަބަބާ ބެހޭ ގޮތުން ވެސް މެންބަރު ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން، ހެލްތު މިނިސްޓަރު ވިދާޅުވީ އައިނު ހެއްދުމުގެ މަސައްކަތް ސަރުކާރުން ފަށަން ނިންމީ އެ ހިދުމަތްދޭ އަމިއްލަ ތަންތަނުން ނަގާ އަގު ބޮޑުވެ، ރައްޔިތުންނަށް އެކަން ބުރައަކަށް ވުމުން ކަމަށެވެ.

"އާސަންދައިން ކަވަރުކުރަމުން ދަނީ، ނަމްބަރު އައިނުއަޅާ ފަރާތްތަކަށް ކޮންމެ ދެ އަހަރަކުން އެއް ފަހަރު އެއްހާސް ރުފިޔާކަމުން ގިނަ ރައްޔިތުންނަށް ޖެހެނީ އަމިއްލަ ޖީބުން އިތުރު އެތައް ހާސް ރުފިޔާއެއް ހަރަދުކުރަން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އައިނު ހެދުމުގެ ހިދުމަތް ސަރުކާރުން ފެށި އިރު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އޭގެ "އެޑްވާންޓޭޖު" ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެ މަނިކުފާނު ނުދެއްވާނެ ކަމަށެވެ.

"މި ޖެއްސި އަގު 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން،" މިދިޔަ މޭ 31 ވަނަ ދުވަހުގެ ރޭ ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމާ އެކު، އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އެ މަނިކުފާނަށް މުހިންމީ "ވިޔަފާރިވެރިން ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލަން" ކަމަށެވެ.