06 އޮކްޓޯބަރ 2025 - 12:05

ކުއްޖަކަށް ރައްކާތެރިކަން ދޭންޖެހޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ ސިއްހަތަށް ގެއްލުންވާ ކަމެއް ކުރި އަންހެނަކު ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއްގެ ގޮތުގައި ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަމެއް އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށް ސާބިތުވި އަންހެނަކު ތިން އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިިޔަ އަންގާރަ ދުވަހު ކަމަށެވެ.
އެއީ ކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އެ މައްސަލައިގެ ރިޕޯޓު އަޕްލޯޑެއް ނުކުރެ އެެވެ. އަދި އެއީ ކޮން ހާދިސާއަކާ ގުޅިގެން ދައުވާކުރި މައްސަލައެއް ކަމެއް ވެސް ކޯޓުން ހާމައެއް ނުކުރެ އެވެ.
ކުޑަކުދިިިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، ރައްކާތެރިކަން ދޭންޖެހޭ މަގާމެއް ކަމަށް ބަލަނީ މައިންބަފައިން ނުވަތަ ބެލެނިވެރިންނާއި ކުއްޖާ ބެލެހެއްޓުން ހަވާލުވެފައިވާ ނަމަ އެވެ. މިއީި 2020 ވަނަ އަހަރު އަމަލުކުރަން ފެށި އެ ގާނޫނުގެ ދަށުން އެފަދަ އަދަބެއް ދިން ފުރަތަމަ ފަހަރެވެ.