06 އޮކްޓޯބަރ 2025 - 16:18

ވޮކޭޝަނަލް ތަމްރީނު ދިނުމަށް އަލަށް ހުޅުވާ ސްކޫލު ހިންގާނީ ޕޮލިޓެކްނިކްގައި ކަމަށާއި މި މަހުގެ ފަހުކޮޅު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
އަލަށް އުފައްދާ "މާލެ ވޮކޭޝަނަލް ހައި ސްކޫލު"ގެ ޖާގައަށް ހުޅުވާލައި އަންނަ ހުކުރު ދުވަހާ ހަމައަށް ފޯމު ހުށަހަޅަން ވަނީ މުއްދަތު ދީފަ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ މަތީ ސާނަވީ އަށް ވޮކޭޝަނަލް ތަމްރީނު ދޭ ސްކޫލު ހުންނާނީ، މިހާރު ވެސް ވޮކޭޝަނަލް ކޯސްތައް ހިންގާ ޕޮލިޓެކްނިކްގެ ތެރޭގައި ކަމަށެވެ. ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔަވައިދޭނީ ހެނދުނުގެ ދަންފަޅީގައި ކަމަށް ޝަފީއު ވިދާޅުވި އެވެ.
ކޮންސެޕްޓް ތަފާތުވިއަސް ވޮކޭޝަނަލް ހައި ސްކޫލު ހިންގާނީ، އެހެން ސްކޫލުތަކޭ އެއްގޮތަށް ޕްރިންސިޕަލެއްގެ ދަށުންނެވެ. އަދި ކޮންމެ ސްކޫލަކަށް ވަކި ލޯގޯއަކާއި ޔުނީފޯމެއް އޮންނާނެ އެވެ.
މިނިސްޓްރީން ބުނީ އެ ތަނުން ޖާގަ ލިބޭ ކުދިންނަށް މާދަމާ އިން ފެށިގެން އަންގަން ފަށާނެ ކަމަށާއި އަދި މުވައްޒަފުން ހޯދައި މި މަހުގެ ފަހުކޮޅު ކިޔަވައިދޭން ފަށާނެ ކަމަށެވެ.
އެ ސްކޫލުން ކަނޑައަޅާފައިވާ ޖާގައިގެ 25 ޕަސެންޓް މިހާރު ވެސް ވަނީ ފުރިފަ އެވެ.
"މަޖުބޫރު މާއްދާތަކުގެ އިތުރުން އެ ކުއްޖަކު ބޭނުން ދާއިރާއެއް އިހުތިޔާރުކުރުމުގެ ފުރުސަތު އޮންނާނެ،" އިސްމާއިލް ވިދާޅުވި އެވެ.
މިނިސްޓްރީން ކުރިން ބުނީ، ފަންނީ އަދި ގާބިލް ދަރިވަރުން އުފެއްދުމަށް ފަށާ ޕްރޮގްރާމުތައް ފުރިހަމަކުރުމުން ލެވެލް 4 ގެ ގައުމީ ސެޓްފިކެޓެއް ދޭނެ ކަމަށެވެ. އޭގެ އިތުރުން، ސެޓްފިކެޓް ހޯދި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ވެސް އެ ދަރިވަރުންނަށް ލިބޭނެ ކަމަށް ބުންޏެވެ.
މި އަހަރުގެ އިންޓޭކުގައި ތަފާތު 10 ވައްތަރެއްގެ ތަމްރީނު ކުރިއަށް ގެންދާނެ އެވެ. އެއީ؛
- އާކިޓެކްޗަރަލް ޓެކްނޮލޮޖީ އަދި ޑިޒައިން
- އޮޓޮމޭޓިވް އިންޖިނިއަރިން
- ކޭކު ޑެކެރޭޝަން
- ސިވިލް އިންޖިނިއަރިން
- ވަޑާމުގެ މަސައްކަތް
- އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސް އިންޖިނިއަރިން
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ފޮޓޯ ނެގުން
- ރެފްރިޖަރޭޝަން އަދި އެއާ ކޮންޑިޝަނިން
- ކުދި ވިޔަފާރި މެނޭޖުކުރުން
އިސްމާއިލް ވިދާޅުވީ ދަރިވަރުންނަށް މީގެ ކުރިން ފަހިކޮށްދީފައި އޮތީ އެކަޑެމިކް ޕާތުވޭ އެކަނި ކަމަށެވެ. އޭގެ ސަބަބުން، ނަތީޖާ ދަށް ކުދިންނަށް ސްކޫލު މާހައުލެއްގައި ކުރިއަށް ދިއުމަށް ދަތިވާކަން ފާހަގަކުރެއްވި އެވެ.
އެއާ ހިލާފަށް، ވޮކޭޝަނަލް ވާތުވޭ ފަހިކޮށްދިނުމުން، އެ ދަރިވަރަކު ބޭނުންވާ ރޮނގަކުން މަތީ ތައުލީމް ހާސިލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރަށްރަށަށް ވޮކޭޝަނަލް ތައުލީމް ފުޅާކުރުމުގެ ފުރަތަމަ މަރުހަލާގައި، ރ. އަލިފުށީގައި އެ ތަމްރީނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އޭރުން އެ ތަނުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކިޔައިދޭނެ ކަމަށް ވިދާޅުވި އެވެ