އެއް ދުވަހު ކަމުނުދާ ލީޑަރު އަނެއް ދުވަހު ކަމުހިނގައިދާނެ: އަބްދުއްރަހީމް
އެއް ދުވަހު ކަމުނުދާ ލީޑަރު އަނެއް ދުވަހު ކަމުހިނގައިދާނެ: އަބްދުއްރަހީމް

ދުނިޔެ ހިނގާއިރު އެކި ދުވަހު އެކި ގޮތަށް ކަންކަން ހިނގުމަކީ ފިތުރަތުގެ އުސޫލު ކަމަށާއި މި އުސޫލުން، އެއް ދުވަހު ކަމުދާ ލީޑަރަކު އަނެއް ދުވަހު ކަމުނުގޮސް ވެސް ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ، ޓެކްސް ޓްރައިބިއުނަލް އަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަން ކުރަން މަޖިލީހަށް ނަން ފޮނުއްވާފައިވާތީ، އެކަމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

މީކާއިލް ވިދާޅުވީ އިތުބާރު ނެތިގެން މަޖިލީހުން ވަކިކުރި ފަނޑިޔާރަކު ޓެކްސް ޓްރައިބިއުނަލް އައްޔަން ކުރަން މި ސަރުކާރުން ލިސްޓުގެ ކުރީގައި ހިމަނުއްވައި ފޮނުއްވުމުން ސުވާލު އުފެދޭ ކަމަށެވެ.

މީކާއީލްގެ ވާހަކައަށް ފަހު، އެހެން މެންބަރަކަށް ފުރުސަތުދެއްވުމުގެ ކުރިން، މަހާޒްގެ ނަން ސަރުކާރުން މަޖިލީހަށް ފޮނުވި ސަބަބު ދިފާއުކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ދުނިޔެ ހިނގަމުންދާ އިރު އެކި ދުވަހު އެކި ގޮތަށް ކަން ހިނގުމަކީ ދުނިޔަވީ ގާނޫނު ކަން ހަނދާން ކޮށްދެެއްވާ ކަމަށެވެ.

"އެއް ދުވަހު ކަމުދާ ލީޑަރު އަނެއް ދުވަހު ކަމުނުގޮސް ހިނގައިދާނެ. އެއް ދުވަހު އިތުބާރުނުކުރެވޭ ވެރިއަކު އަނެއް ދުވަހު ފެނުނީމާ އިތުބާރު ކުރެވިދާނެ. އެއް ދުވަހު އެ ލީޑަރަކާ ނުލައި ދުނިޔޭގައި އުޅެވެން ނޯންނަ ލީޑަރު އަނެއް ދުވަހު އެ ލީޑަރަކާ އެކީގައި ދުނިޔޭގައި ނޫޅެވޭ ހިސާބަށް ވެސް ހިނގައިދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގައި ބަހުސްކުރައްވާއިރު މައުޟޫއަށް ވާހަކަ ދެއްކެވުމަށް ވެސް އަބްދުއްރަހީމް މީކާއިލް އަށް ނަސޭހަތްތެރިވެވަޑައިގަތެވެ. މިއަދުގެ ޖަލްސާގައި އޭރު ބަހުސްކުރަމުން ދިޔައީ، ރީއެމްޕްލޯއިމަންޓް ބިލަށެވެ.

މި ބިލާ ގުޅޭ ގޮތުން ބަހުސްގައި ލިބުނު ފުރުސަތުގައި، މީކާއިލް ވިދާޅުވީ ފަނޑިޔާރުކަމުން މަހާޒް ވަކިކުރީ ޕީއެންސީން އެކަމަށް ތާއީދުކޮށްގެން ކަމަށެވެ.

"ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރޭގައި އެންމެ އިސްކަންދެއްވާފައިވާ، އިއްޒަތްތެރި ރައީސް އެންމެ އިސްކަން ދެއްވާފައިވާ ނަމަކީ އެއްކަލަ [ފަނޑިޔާރުކަމުން ވަކިކުރި] ޕީއެންސީ މެންބަރުންނަށް ދާދި ފަހުން، ކޮރަޕްޓްވި، ނަޒާހަތްތެރިކަމެއް ނެތް، އެއްވެސް ކަހަލަ އޮއްޓަރެއް ނެތް އެފަދަ ފަނޑިޔާރެއްގެ ނަން،" މީކާއީލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވި ގޮތުގައި އެކަމުގެ ހަގީގަތަކީ ކޮބައިތޯ ރައްޔިތުން ސުވާލު އުފައްދަ އެވެ.