ޕީސީބީން ކުންފުނިތަކުގެ ހިސާބުތައް އާންމުނުކުރާތާ އަހަރެއް
ޕީސީބީން ކުންފުނިތަކުގެ ހިސާބުތައް އާންމުނުކުރާތާ އަހަރެއް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތައް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމު ނުކުރާތާ އަހަރެއްހާ ދުވަސްވެއްޖެ އެވެ.

ޕީސީބީގެ ވެބްސައިޓުން އެނގޭ ގޮތުން ކުންފުނިތަކުގެ މާލީ ހިސާބުތައް އެންމެ ފަހުން އާންމު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާ އާއި މި އަހަރުގެ އެއްވެސް ހިސާބުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ޕީސީބީއާ ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެ އެވެ.

ޕީސީބީން ކުންފުނިތަކުގެ ޖުމްލަ މާލީ ހިސާބުތައް އާންމު ނުކުރި ނަމަވެސް، އާންމު ހިއްސާދާރުން ހިމެނޭ ކުންފުނިތަކުން މާލީ ހިސާބުތައް އަބަދުވެސް އާންމުކުރެ އެވެ. އަދި ސަރުކާރުގެ ބަައެއް ބޮޑެތި ކުންފުނިތަކުގެ ހިސާބުތައް އޮޑިޓް ރިޕޯޓުތަކުގެ އެހީގައި ވެސް މި އަހަރު އާންމުކޮށްފައި ވެ އެވެ. އެކަމަކު، އަދިވެސް ގިނަ ކުންފުނިތަކަކީ، އެފަދަ މައުލޫމާތުތައް ވެސް އެންމެ ފުރިހަމައަށް ވެބްސައިޓުގައި ވެސް ޝާއިއު ނުކުރާ ކުންފުނިތަކެވެ.

ކުންފުނިތަކަށް މާލީ ގޮތުން ލިބޭ ފައިދާ އާއި ގެއްލުންތަކުގެ އިތުރުން ދަންޏާއި ހަރަދުތަކުގެ ތަފްސީލުތައް ޕީސީބީގެ ވެބްސައިޓުން މީގެ ކުރިން ފެންނަން ހުރެ އެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގެ ހިސާބުތައް ފެންނަ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު ފައިދާ ވަނީ ހަތަރު ޕަސެންޓަށް ދަށްވެފަ އެވެ. ގާތްގަނޑަކަށް 30 ކުންފުނީގެ ތެރެއިން 13 ކުންފުންޏަކަށް ގެއްލުންވެފައިވާ އިރު ކުންފުނިތަކުގެ މުޅި ފައިދާ ހިފަހައްޓަނީ ދެތިން ކުންފުންޏަށް ލިބޭ ފައިދާއިންނެވެ. އެއީ ބީއެމްއެލް އާއި އެސްޓީއޯ އާއި އެމްއޭސީއެލް އާއި އެޗްޑީސީ އެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ކުންފުނިތަކުގެ ދަރަނި 54 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާ ކަމާ އެކު ނުހިނގާތީ، ކޮންމެ އަހަރެއްގެ ބަޖެޓުން ވެސް ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާއެއް ހޭދަކުރެ އެވެ. މި އަހަރުގެ މިހާތަނަށް ވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ކުންފުނިތަކަށް ހޭދަކޮށްފައިވެ އެވެ.