06 އޮކްޓޯބަރ 2025 - 10:08

ހަށިވިއްކުމާއި ސެކްސް ޓްރެފިކިންގެ ދައުވާ ސާބިތުވެ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޕްރޮޑިއުސަރު ޝޯން ޖޯން ކޮމްބްސް (ޕީ ޑިޑީ) ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
އެމެރިކާގެ ނިއު ޔޯކުގެ ޑިސްޓްރިކް ކޯޓުން ޑިޑީގެ މައްޗަށް އެ ހުކުމް އިއްވީ މިދިޔަ ހުކުރު ދުވަހު އެވެ.
އޭނާގެ ކުރީގެ ދެ ލޯބިވެރިއަކު ލައްވައި ހަށިވިއްކުވިކަމާއި ސެކްސް ޓްރެފިކިންގެ އަމަލު ހިންގިކަން ޑިޑީގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އެހެންވެ އޭނާ ހަތަރު އަހަރާއި ދެ މަސް ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
ޖޫރިމަނާގެ ގޮތުގައި 500،000 ޑޮލަރު ދެއްކުމަށާއި ޖަލުން މިނިވަންވާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ވަންދެން ދައުލަތުގެ ހާއްސަ ބެލެހެއްޓުމުގެ ނިޒާމުގެ ދަށުން އުޅެން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ޑިޑީ ބަންދުގައި ހުންނަތާ މިހާރު އަހަރެއްހާ ދުވަސްވެފައި ވާތީ، އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ ތިން ވަރަކަށް އަހަރު ދުވަހެވެ.
އޭނާއަށް ހުކުމް އިއްވަން ބޭއްވި ޝަރީއަތުގައި ޑިޑީ ވަނީ އޭނާގެ ކުށަށް އެއްބަސްވެ، އެ އަމަލުތައް ހިންގުނީތީ މާފަށް އެދޭ ކަމަށް ބުނެފަ އެވެ. އޭނާގެ އަނިޔާގެ ޝިކާރައަކަށްވި ކުރީގެ ދެ ލޯބިވެރިންނާއި އޭނާގެ މަންމަ އާއި ކުދިންގެ ފަރާތުން ވެސް މާފަށް އެދޭ ކަމަށް ޑިޑީ ބުންޏެވެ.
މުޑުދާރު އެތައް އަމަލެއް ހިންގިކަމުގެ ތުހުމަތު ކޮށްފައިވާ، ރެޕް މިއުޒިކްގައި އެންމެ ކާމިޔާބު އެއް ފަންނާނު ކަމަށްވާ ޑިޑީއަކީ ހޮލީވުޑާއި މިއުޒިކް އިންޑަސްޓްރީގެ އެންމެ މަޝްހޫރު ތަރިން ގެންގޮސްގެން ބޮޑެތި ޕާޓީތައް ބޭއްވުމަށް މަޝްހޫރު މީހެކެވެ.
ޑިޑީގެ މައްޗަށް ކުރާ އެކި ތުހުމަތުތަކާ ގުޅިގެން 10 މައްސަލަ ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެެއިން ޝަރީއަތް މި ނިމުނީ އަދި އެންމެ މައްސަލައެއްގެ އެވެ.