އަރްބާޒްގެ ދެވަނަ ކައިވެންޏަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ
އަރްބާޒްގެ ދެވަނަ ކައިވެންޏަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ

ބޮލީވުޑްގެ އެކްޓަރު އަރްބާޒް ޚާންގެ ދެވަނަ ކައިވެންޏަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ.

އަރްބާޒް މިހާރު ކައިވެނިކޮށްގެން އުޅެނީ މޭކަޕް އާޓިސްޓް ޝޫރާ ޚާންއާ އެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ވިހެއީ އިއްޔެ އެވެ. އެ ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޝޫރާ ވިހެއީ އިންޑިއާގެ މުމްބާއީގައި ހުންނަ ޕީޑީ ހިންދުޖާ ހޮސްޕިޓަލުގަ އެވެ. ޝޫރާ ވިހެއުމުން ދެ ފަރާތު އާއިލާގެ ގިނަ ބަޔަކު ހޮސްޕިޓަލަށް ދިޔަ އެވެ. އޭގެ ތެރޭގައި އަރްބާޒްގެ ބޭބެ އަދި ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ވެސް ހިމެނެ އެވެ.

ޝޫރާ އިއްޔެ ވިހެއިރު، ދެ ފަރާތުގެ އާއިލާއިން އޭނާއަށް މިދިޔަ ހުކުރު ދުވަހު ވަނީ ބޭބީ ޝަވާއެއް ވެސް ބާއްވައިފަ އެވެ.

އަރްބާޒްގެ ކުރީގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ހުރެ އެވެ. އެއީ މަލައިކާ އަރޯރާއާ ކައިވެނިކޮށްގެން ލިބިފައި ހުރި 22 އަހަރުގެ އަރްހާން ޚާން އެވެ.

އަރްބާޒް އާއި ޝޫރާ ކައިވެނިކުރީ ޑިސެމްބަރު 24، 2023 ގަ އެވެ.