06 އޮކްޓޯބަރ 2025 - 09:53

މިދިޔަ އެއް އަހަރުގެ ތެރޭގައި 60،000 އަށް ވުރެ ގިނަ ވޯކްޕާމިޓް ކެންސަލް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް 123،361 ބިދޭސީންގެ ވޯކްޕާމިޓް ވަނީ ކެންސަލް ކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ގިނަ މީހުންގެ ހުއްދަ ބާތިލް ކޮށްފައިވަނީ ނޮވެމްބަރު 17، 2023 އިން ފެށިގެން ނޮވެމްބަރު 18، 2024 ގެ ނިޔަލަށެވެ. އެ މުއްދަތުގައި 68،848 ބިދޭސީއަކަށް ވޯކްޕާމިޓް ދޫކޮށް އަދި 62،709 ބިދޭސީއެއްގެ ވޯކްޕާމިޓް ބާތިލްކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 60،652 ބިދޭސީއެއްގެ ވޯކްޕާމިޓް ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެ މުއްދަތުގައި 77،015 ބިދޭސީއަކަށް ޕާމިޓް ދޫކޮށްފައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރުގައި 210،887 މީހުންނަށް ވޯކްޕާމިޓް ދޫކުރި ކަމަށެވެ. އަދި 161،684 ބިދޭސީއެއްގެ ހުއްދަ ވަނީ ބާތިލް ކޮށްފަ އެވެ.
އެ މައުލޫމާތުތައް ދައްކާ ގޮތުން ހަތް އަހަރުގެ ތެރޭގައި 356،750 މީހުންނަށް ވޯކްޕާމިޓް ދޫކޮށް އަދި 285،045 ވޯކްޕާމިޓް ވަނީ ކެންސަލް ކޮށްފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ފަށައިފަ އެވެ. އޭގެ ތެރެއިން، ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ފުރުސަތު ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ މަހުގެ 21 ގެ ނިޔަލަށް 181،093 ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ އަޕްޑޭޓުކޮށް އެވެ. އަދި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރިއަސް މިހާތަނަށް އޭގެ ތެރެއިން އެއްވެސް ބިދޭސީއަކު ޑީޕޯޓު ނުކުރާ ކަމަށް އޭރު ބުންޏެވެ.