28 މާޗް 2017 - 00:11

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މިއަދު ނެގި ވޯޓަކީ ކާމިޔާބަށް ލިބޭނެ ކަމަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަން ގުޅިގެން މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ފާސްނުވީ އިލެކްޓްރޯނިކް ވޯޓިން ނިޒާމު ބޭނުން ނުކޮށް، ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓަށް އަހަން ނިންމުމުން އިިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓް ކުރުމުންނެވެ.
އިދިކޮޅު ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ މަސީހުގެ އިތުބާރު އޮތް ކަމަށް ވޯޓު ދިން މެމްބަރުންނާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި އެ މެމްބަރުން ދިން ވޯޓަކީ މެމްބަރުންނަށް ހުރި ފިއްތުންތަކުގެ ސަބަބުން ދިން ވޯޓުތަކެއް ކަމަށެވެ. މެމްބަރުންނާ ވަކިވަކިން ސުވާލު ކޮށްގެން ވޯޓަށް އެހުމުން، ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ހިތްހަމަނުޖެހޭ ކަމަށާއި އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކަށް އެ މެމްބަރުން ތާއީދުކުރާ ކަމަށް ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެކި ގޮތްގޮތުން އެބަ މެސެޖް ލިބޭ އެ ރޯލްކޯލް ގައި ބައިވެރިވަޑައިގަތް މެމްބަރުންގެ ތެރެއިން އެކިއެކި މެމްބަރުންގެ ފަރާތުން. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ތި މަސައްކަތް ކުރިއަށް ގެންދާށޭ. މިކަމުން މިހާރު ސަލާމަތްވާން ޖެހިއްޖެޔޭ. ތިމަންނަމެން ލައްވައި، މިއަދު ކުރި ކަންތަކުން ތިމަންނަމެން ލަދު ގެންފިޔޭ. އެހެންވީމަ އަޅުގަނޑުމެންނަށް މިއަދު އުއްމީދު އާވަނީ،" ފާރިސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މިކަން އަދި އަޅުގަނޑުމެން ކޮޅެއްގައި ޖައްސާނަން،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވި ގޮތުގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގައި ވޯޓު ނެގި ނަމަ، މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ އެވެ. ސަބަބަކީ މަސީހާ ދެކޮޅަށް ވޯޓު ދޭން ބޭނުންވާ މެމްބަރުންތަކެއް ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ތެރޭގައި ވެސް ތިބުމުން ކަމަށާއި އެ މެމްބަރުން ބޭނުންވީ ނަތީޖާ އަންނަ ގޮތަކަށް ބަލާފައި ވޯޓު ދިނުމަށް ކަމަށް ފާރިސް ވިދާޅުވި އެވެ.
"[ސަރުކާރަށް ނިސްބަތްވާ]ވަރަށް ގިނަ މެމްބަރުން ވިދާޅުވި ތިމަންނަ ވޯޓު ދޭނީ ވޯޓު ދާގޮތް ބައްލަވަން އިންނަވާފައި ވަކި އަދަދަކަށް ވޯޓު ހަމަވީމައޭ. 35 ވޯޓު ނުވަތަ 36 ވޯޓު ހަމަވީމައޭ ތިމަންނަ ވޯޓު ދޭނީ. ނުވަތަ ތިމަންނަގެ ވޯޓާ ނުލައި ފާސްނުވާނެ ނަމަ ތިމަންނަ ވޯޓު ދޭނަމޭ. އެހެންވީމަ މި ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ގިނަ މެމްބަރުން ގަބޫލު ކުރައްވައިގެން ތިއްބެވީ،" މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވުމުގައި އިސްކޮށް ހުންނެވި ފާރިސް ވިދާޅުވި އެވެ.
"[ސަރުކާރަށް ނިސްބަތްވާ] މެމްބަރުންނާ ވަކިވަކިން ސުވާލު ކޮށްފިއްޔާ އެ ނޫން ގޮތަކަށް ވޯޓު ދޭކަށް ކެރިވަޑައެއް ނުގަންނަވާނެ. އަދި ހަމަ ތިމަންނަމެން ރޯލް ކޯލް ވޯޓިން ބޭނުމެއް ނޫނޭ ވެސް ވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވާނެ، މިއަދު ދިމާވި ހާލަތަކީ އެއީ."
ފާރިސް ވިދާޅުވީ ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން ވޯޓަށް އަހަން ޖެހޭނީ އިލެކްޓްރިން ނިޒާމު އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފި ނަމަ އެކަނި ކަމަށާއި އެފަދަ ހާލަތެއް މިހާރު ނެތް ކަމަށެވެ. މަޖިލީހުގެ ތާރީޚުގައި ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ފުރަތަމަ ވޯޓަށް އެހީ މިއަދު ކަން ފާހަގަ ކުރައްވައި، ފާރިސް ވިދާޅުވީ އެއީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ވައްދާނެ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ކުރާނެ ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
ވަކިވަކިން މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓަށް އަހަން ނިންމުން އިދިކޮޅު މެމްބަރުން ވަނީ ޖަލްސާގައި އިހްތިޖާޖްކޮށް، ޖަލްސާއަށް ހުރަސް އަޅައިފަ އެވެ. ފަހުން ޖަލްސާ ކުރިއަށް ގެންދިޔައީ ބައެއް މެމްބަރުން ގަދަކަމުން ތަޅުމުން ނެރުމަށްފަހު އެވެ. ވޯޓަށް އެހި ވަގުތު އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ޖަލްސާ ބޮއިކޮޓްކޮށް، ތަޅުމުން ނިކުމެފަ އެވެ.