ދާއިމީ ބަލި މީހުންނަށް ޕެންޝަން ފައިސާ ކުރިން ދިނުމަށް އިސްލާހެއް ހުށަހަޅައިފި
ދާއިމީ ބަލި މީހުންނަށް ޕެންޝަން ފައިސާ ކުރިން ދިނުމަށް އިސްލާހެއް ހުށަހަޅައިފި

ދާއިމީ ބަލިތަކުގައި އުޅޭ މީހުންނަށް އަވަހަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ މީހުންގެ ޕެންޝަން ފައިސާ އުމުރުން 65 އަހަރު ވުމުގެ ކުރިން ލިބޭނެ ގޮތަކަށް ހެދުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ހުށަހަޅުއްވައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް އެ ހުށަހެޅުން ހުށަހެޅުއްވީ ޕެންޝަން ފައިސާ ކުރިން ލިބޭނެ މަގު ތަނަވަސްކޮށްދީ، ކްލެއިމް ކުރުމުގެ އިޖުރާއާތުތައް ފަސޭހަކުރުމަށް ބަދަލުތަކެއް ގެނައުމަށެވެ.

އެ އިސްލާހު ހުށަހެޅުއްވީ "ޓާމިނަލް އިލްނެސް" ތަހައްމަލު ކުރަންޖެހޭ މީހެއް ކަމަށް ކަށަވަރު ކޮށްދޭ މެޑިކަލް ސެޓްފިކެޓް އެ މީހެއްގެ އުމުރާއި މަސައްކަތްކުރި އަހަރުތަކަށް ބެލުމެއް ނެތި ޕެންޝަންގެ ފައިދާ ވީހާ ވެސް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ކަމަށް ކުޑޫ ވިދާޅުވި އެވެ.

އެފަދަ ބަލިމީހުންގެ އެ ހާލަތުތައް ވަޒަން ކުރާނީ އިސްލާހުގައިވާ ގޮތުން ޕެންޝަން އޮފީހުން އެކުލަވައިލާ މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމަކުންނެވެ.

ފައިސާ ދިނުމުގެ އިޖުރާއަތުތައް އަވަސްކުރުމުގެ ގޮތުން ޕެންޝަން ފައިސާ ހޯދަން ހުށަހަޅާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ޖެހޭނެ ގޮތަށް ލާޒިމު ކުރަން ވެސް އިސްލާހުގައި ވެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގައި ހުރި އުނި ކަންކަމުގެ ތެރޭގައި ވަނީ ކުޑޫ ފާހަގަކުރެއްވީ ދާއިމީ ބަލި ތަހައްމަލުކުރާ މީހުންނާ ގުޅޭ ގޮތުން ސާފުކޮށް ބަޔާންކޮށްފައިވާ މާއްދާތަކެއް ވެސް އެ ގާނޫނުގައި ނުހިމެނޭ ކަމެވެ.

ކުޑޫ ވިދާޅުވި ގޮތުގައި "މެޑިކަލް ޕްރޮގްނޯސިސް" އަށް ބިނާކޮށް ޕެންޝަން އަވަހަށް ލިބޭނެ އެއްވެސް ނިޒާމެއް މިހާރަކު ނެތެވެ. އެ ހުސްކަމުގެ ސަބަބުން އެފަދަ ހާލަތު ދިމާވެފައިވާ މީހުންގެ އާއިލާތަކަށް އެކަށީގެންނުވާ މާލީ އަދި ނަފުސާނީ ބުރަތަކެއްްް އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.