06 އޮކްޓޯބަރ 2025 - 10:07

އައްޔަންކުރާ މަގާމްތަކާއި ރައްޔިތުން އިންތިހާބުކުރާ މަގާމްތައް ހިމެނޭހެން، އެ މަގާމަކަށް ހަމަޖައްސާތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަ ޖެނެރަލަށް މާލީ ބަޔާން ފޮނުވަން ޖެހޭ ގޮތަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ކަރުދާހެއް މިއަދު ހުށަހަޅުއްވައިިފި އެވެ.
މާލީ ބަޔާން ހާމަކުރަން ޖެހޭ މަގާމުތައް އިތުރުކޮށް، ބަޔާން ހާމަކުރަން ޖެހޭ މުއްދަތާއި ހުށަހަޅާ ގޮތް ބަަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކަރުދާހެއް ހުށަހެޅުއްވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އެ ކަރުދާހުގައި މިހާރަށް ވުރެން ބޮޑަށް މާލީ ބަޔާނުގެ ކަންކަން ހަރުދަނާކުރަން ހުރިހާ މުއައްސަސާއެއް ހިމެނޭހެން ގާނޫނެއް ހަދަން ވެސް އޭނާ ހުށަހެޅުއްވި އެވެ.
އޭގެ ތެރޭގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިނިވަން މުއައްސަސާތަކާއި ކޮމިޝަންތައް ހިމެނުއްވި އެވެ.
ކުޑޫގެ ހުށަހެޅުއްވުމުގައިވާ ގޮތުން، އެކަމަށް ހަދާ ގާނޫނެއްގައި ބަދަލުކުރަން އޮތް އެއް ކަމަކީ މާލީ ބަޔާން ހުށަހަޅަން ޖެހޭ މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެ ބަޔާން ފުރަތަމަ ހުށަހަޅަން ޖެހޭ މުހުލަތަކީ މަގާމަށް ވަޑައިގަންނަވާތާ 30 ދުވަސް ކަމަށް ކަނޑައެޅުމެވެ. ހަމައެއާއެކު ކޮންމެ އަހަރަކު މާލީ ހުށަހަޅަން ޖެހޭ ގޮތަށް ހަދަން ވެސް ހުށަހަޅުއްވާފައިވެ އެވެ.
އަނެއް ބަދަލަކީ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ އޮޑިޓަރަކު ލައްވައި ބަޔާނުގެ ސައްހަކަން ކަށަވަރުކޮށްފައި ކަމަށް ކަނޑައެޅުމެވެ.
ކަރުދާހުގައިވާ ގޮތަށް ގާނޫނެއް ހަދައިފި ނަމަ ވަޒީރުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ ރައްުޔިތުންގެ މަޖިލީަހަށާއި އޮޑިޓާ ޖެނެރަލަށެވެ. މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ ތާރީހުގައި ހުށަނާޅުއްވާ ނަމަ އެކަމުގެ އަދަބަކީ މުސާރައިން ދުވަހަކަށް ޖެހޭ ވަރު ކަނޑަމުން ގެންދިއުން ކަމަށް ވެސް ކަރުދާހުގައި ވެ އެވެ.
ކުޑޫ ހުށަހެޅުއްވާފައި އޮތީ މި އުސޫލަކީ މާލީ ބަޔާން އާއްމުކުރަން ޖެހޭ ހުރިހާ ފަރާތަކުން ވެސް އަމަލުކުރަން ޖެހޭ އުސޫލެއް ކަމަށް ވެސް ގާނޫނުން ކަނޑައަޅައިދިނުމަށެވެ.
މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން ހުށަޅަން، ލާޒިމުވާ މަގާމުތައް އިތުރުކުރަން ވެސް ކުޑޫގެ ބިލުގައި ހުށަހަޅާފައި ވެ އެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނާއި ސިވިލްސާސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ވެސް ހިމެނޭ ގޮތުން ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކެއްގެ މެންބަރުންނަކީ ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ ބައެއް ކަމަށް ކަނޑައަޅަން ވެސް އެ ކަރުދާހުގައި ހުށަހަޅާފައި ވެ އެވެ.
ކަރުދާހުގައި ކުޑޫ ވިދާޅުވެފައިވާ ގޮތުގައި މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުގައި އެ ކޮމިޝަންތަކާއި މިނިވަން މުއައްސަސާތައް ހިމަން ޖެހެނީ އެއީ ގާނޫނުއަސާސީއާއި ގާނޫނުތަކުން އުފައްދާފައިވާ މުއައްސަސާތައް ކަމަށް ވާތީ އެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާން ހުށަހެޅުން ނުވަތަ އާއްމުކުރުމާ ބެހެ އުސޫލުތައް މިހާރު ހުރީ އެކި ގާނޫނުތަކުގައި ކަމަށް ވާއިރު ކަރުދާހުގައި ހުށަހަޅާފައި އޮތީ އެ ހުރިހާ ކަމެއް އެއް ގާނޫނަކަށް ގެނައުމަށެވެ.