06 އޮކްޓޯބަރ 2025 - 12:59

ޣައްޒާގެ ހިސާރު ނައްތާލައި އެހީ ފޯރުކޮށްދޭން މަސައްކަތްކުރި އެކްޓިވިސްޓުންނާ މެދު އިޒްރޭލުން އަމަލުކުރީ "ޖަނަވާރުންނާ އެއްފަދައިން" ކަމަށް، އިޒްރޭލުން ޑީޕޯޓްކުރި އެކްޓިވިސްޓުން ބުނެފި އެވެ.

ޣައްޒާއަށް ކަނޑުމަގުން ވަންނަން މަސައްކަތްކުރި ގްލޯބަލް ސުމޫދު ފްލޮޓިލާގެ 40 އަށް ވުރެ ގިނަ އުޅަނދު ހުއްޓުވައި 400 އަށްވުރެ ގިނަ މީހުން ހައްޔަރުކުރުމަށް ފަހު ހުކުރު ދުވަހުން ފެށިގެން އިޒްރޭލުން ދަނީ އެ މީހުން ޑީޕޯޓްކުރަމުންނެވެ.
މީގެ ތެރެއިން 13 ގައުމެއްގެ 137 އެކްޓިވިސްޓުން ހޮނިހިރު ދުވަހު ތުރުކީގެ އިސްތަންބޫލަށް ގޮސްފައިވެ އެވެ.
"އަހަރެމެން ހުއްޓުވީ އަސްކަރީ ވަރަށް ގިނަ އުޅަނދުތައް ބޭނުންކޮށްގެން،" ފްލޮޓީލާގައި ބައިވެރިވި، އިޓަލީގެ ލޮމްބާޑީ ސަރަހައްދުގެ ރީޖަނަލް ކައުންސިލާ ޕާއޯލޯ ރޮމާނޯ އިސްތަންބޫލު އެއާޕޯޓުގައި އޭއެފްޕީއަށް ބުންޏެވެ.
"ބައެއް އުޅަނދުފަހަރަށް ވޯޓަ ކެނަން އިން ފެން ވެސް ޖެހި. އެއްގަމަށް ގެންދިޔައީ ހުރިހާ އުޅަނދަކަށް ވެސް ވަރުގަދަ ހަތިޔާރާ އެކު އެރުމަށް ފަހު،" 29 އަހަރުގެ ރޮމާނޯ ބުންޏެވެ.
"އަހަރެމެން ކުޑަކަކޫމައްޗަށް ތިރިކުރުވި. ހަރަކާތެއް ކޮށްފިއްޔާ ގައިގައި ޖަހާ، އެ މީހުން އަހަރެމެންނަށް ފުރައްސާރަކޮށް، މަލާމާތްކޮށް ތަޅަމުން ދިޔައީ،" އޭނާ ބުންޏެވެ.
"އެމީހުން ދެމުން ދިޔައީ ނަފްސާނީ އަދި ޖިސްމާނީ އަނިޔާ."
ރޮމާނޯ ބުނީ، އެ މީހުން ޣައިރު ގާނޫނީ ގޮތުން އިޒްރޭލަށް ވަން ކަމަށް އިއުތިރާފުވާން މަޖުބޫރުކުރަން މަސައްކަތްކުރި ކަމަށެވެ.
"އެކަމަކު އަހަރެމެން ގާނޫނާ ހިލާފަށް އިޒްރޭލަކަށް ނުވަންނަން. އަހަރެމެން ތިބީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި. އެތާ ތިބުމުގެ ހައްގު އަހަރެމެންނަށް އޮންނާނެ."
އެއްގަމަށް އެރުވުމަށް ފަހު ޖަލަކަށް ގެންދިޔަ ކަމަށާއި، އެތަނުން ބޭރަށް ނުނެރެ ބަންދުކޮށްފައި ތިބި އިރު، ފުޅީގައި ބަންދުކޮށްފައިވާ ފެންފުޅިއެއް ވެސް ނުދޭ ކަމަށް ބުންޏެވެ.
ރޮމާނޯ ބުނީ އެ މީހުންނާ މެދު މުއާމަލާތްކުރީ އިންސާނީ ހައްގުތަކާ ހިލާފަށް ކަމަށެވެ. އަތުގައި ހުރި ތަކެތި އަތުލައި ގަދަކަމުން ފާސްކޮށް އަދި އެކަށީގެންވާ ކާނާ އާއި ބޯފެން ނުދީ ބެއިތިއްބި ކަމަށް އޭނާ ބުންޏެވެ.
އެހެން އެކްޓިވިސްޓުން ވެސް މިފަދަ ވާހަކަތައް ދެއްކި އެވެ. އެ މީހުން ބުނެފައިވަނީ އިޒްރޭލު ސިފައިން އެމީހުންނާ މެދު އިންސާނިއްޔަތާ ހިލާފަށް މުއާމަލާތްކޮށްފައިވާ ކަމަށެވެ. ބައެއް މީހުން ބުނީ ނަފްސާނީ ގޮތުން ވެސް އަނިޔާކުރި ކަމަށެވެ.
މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ޖަމާއަތްތަކުން އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފައިވެ އެވެ. އެ މީހުން ގޮވާލާފައިވަނީ މިކަމާ ގުޅޭގޮތުން މިނިވަން ތަހުގީގެއް ހިންގަންޖެހޭނެ ކަމަށެވެ. އަދި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުން ހުއްޓާލުމަށް އިޒްރޭލަށް ގޮވައިލި އެވެ.
މި ތުހުމަތަށް އިޒްރޭލުން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އިޒްރޭލު އަސްކަރިއްޔާއިން އަބަދުވެސް ބުނާ ގޮތަށް މިކަމުގައި ވެސް ބުނަމުން ދިޔައީ ހުރިހާ ކަމެއް ގާނޫނާ އެއްގޮތަށް ކުރާ ކަމަށެވެ. ޣައްޒާއަށް ދަތުރުކުރި އުޅަނދުތައް ހުއްޓުވީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށް ބުނެފައިވެ އެވެ.