06 އޮކްޓޯބަރ 2025 - 08:53

އދ. އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ، ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަންނަވާނީ ދަނގެއްޗާއި ދިއްދު އާއި އޮމަދު އާއި ދިގުރަށާއި މާމިގިއްޔާއި މަންދު އާއި ފެންފުށްޓާއި ހަންޏާމީދު އާއި މަހިބަދޫ އަދި ކުނބުރުދު އަށް ކަމަށެވެ.
މިއަދު ފުރަތަމަ ވަޑައިގަންވަނީ ދަނގެއްޗަށެވެ. އެ އަށް ފަހު ދިގުރަށް، ދިއްދޫ، ފެންފުއްޓަށް ވެސް ވަޑައިގަންނަވާނެ އެވެ. މިއަދުގެ އެންމެ ފަހު ރަށަކަށް ވަޑައިގަންނަވާނީ މާމިގިއްޔަށެވެ. މިރޭގެ ބޮޑު ޖަލްސާ ވެސް ބާއްވަނީ މާމިގިލީގަ އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް އޮފީހުން ބުނީ، އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެއް ކަމަށެވެ.
އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނިގޮތުގައި، މިއީ، ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
ރައީސް އދ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.
އެ މަނިކުފާނު މިދިޔަ މަހު ވަނީ އއ. ވ. މ. ފ. އަދި ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގެންފަ އެވެ.