ރެކޯޑް މުގުރާލެވުމުގެ އުފަލުގައި ގާޑިއޯލާ ދޭ ރޭގަނޑުގެ ކެއުމެއް ފާގަސަން އާއި ވެންގާއަށް
ރެކޯޑް މުގުރާލެވުމުގެ އުފަލުގައި ގާޑިއޯލާ ދޭ ރޭގަނޑުގެ ކެއުމެއް ފާގަސަން އާއި ވެންގާއަށް

ޕްރިމިއާ ލީގުގައި 250 މެޗުން މޮޅުވެ، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރެކޯޑެއް ހަދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ބްރެންޓްފޯޑާ ދެކޮޅަށް 1-0 ސިޓީން ހޯދި މޮޅާ އެކު ގާޑިއޯލާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ކުރު މުއްދަތަކުން 250 މެޗުން މޮޅުވުމުގެ ރެކޯޑް ހަދައިފަ އެވެ. އެ އަދަދު އޭނާ ހަމަ ކުރީ 349 މެޗުންނެވެ.

މަޝްހޫރު އެލެކްސް ފާގަސަން މެންޗެސްޓާ ޔުނައިޓެޑާ އެކު އެ އަދަދު މޮޅުވުމުގެ ރެކޯޑް ހާސިލު ކުރީ 404 މެޗުންނެވެ. އާސެނަލްގެ ލެޖެންޑަރީ ކޯޗު އާސެން ވެންގާ އެ އަދަދަށް ވާސިލުވީ 423 މެޗުންނެވެ.
ޔުނައިޓެޑްގެ ކުރީގެ ކޯޗު އަދި މިހާރު ސަންޑަލޭންޑްގެ ކޯޗު ޑޭވިޑް މޮއިސް 250 މެޗުން މޮޅުވީ 645 މެޗުންނެވެ.

ގާޑިއޯލާ ބުނީ އޭނާގެ އަމިއްލަ ރެކޯޑްގެ އުފާ، ފާގަސަން އާއި ވެންގާއާ އެކު ހިއްސާ ކުރަން ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދޭނެ ކަމަށެވެ.

"އަހަރެން އެ މީހުންނަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދޭނަން. ފަހަރެއްގައި މެންޗެސްޓާގައެއް ނޫން. ކޮންމެވެސް އެހެން ތަނެއްގައި. ނޫނީ މެންޗެސްޓާގައި،" ގާޑިއޯލާ ބުންޏެވެ.

"ޕްރިމިއާ ލީގުގެ ތާރީހްގެ ތެރޭގައި (އަހަރެން) ހިމެނުމަކީ ލިބުނު ޝަރަފެއް އަދި ވަރަށް ބޮޑު އުފަލެއް ވެސްމެ. ކްލަބަށާއި ކުޅުންތެރިންނަށް އަހަންނާ އެކު މަސައްކަތް ކުރާ ކޯޗުން ޓީމަށާއި މުވައްޒަފުންނަށް ޝުކުރުއަދާކުރަން. އަހަރެމެން މިކަން ހާސިލު ކުރީ ވަރަށް ހަލުވިކޮށް އަދި ވަރަށް އަވަހަށް. ހިނގާ އަނެއްކާވެސް އިތުރު 240 މެޗުން މޮޅުވުމުގެ އުއްމީދުގައި މަސައްކަތް ކުރަން."

ބްރެންޓްފޯޑްގެ މެޗުގައި ސިޓީން އަލުން ފޯމަށް އެނބުރި އައިތަން ފެނުނެނެވެ. އެ ޓީމު ލަނޑު ޖެހީ ރަނގަޅު ފޯމެއްގައި މިވަގުތު ހުރި އާލިންގް ހާލަންޑެވެ. ޓީމު އަލުން ރަނގަޅަށް ކުޅެން ފެށުމުގެ ހިތްހަމަޖެހުން ލިބުނު ނަމަވެސް، ޓީމުގެ ތަރީ ރޮޑްރީ ހެނާންޑޭޒަށް އަނިޔާވުމަކީ ސިޓީ އަށް ކުރިމަތިވާނެ ނުތަނަވަސް ކަމެކެވެ. މެޗުގައި އޭނާ އަށް ލިބުނު އަނިޔާއާ އެކު ސްޕެއިންގެ ގައުމީ ޓީމުން ވެސް މިހާރު ވަނީ އޭނާގެ ނަން އުނިކޮށްފަ އެވެ.

ސިޓީ މިހާރު އޮތީ ޕްރިމިއާ ލީގުގެ ފަސްވަނައިގަ އެވެ.