އަތްފޯރާފަށުގެ ބޯހިޔާވަހިކަން ތަންފީޒު ކުރަން ހާއްސަ ލުއިތަކެއް!
އަތްފޯރާފަށުގެ ބޯހިޔާވަހިކަން ތަންފީޒު ކުރަން ހާއްސަ ލުއިތަކެއް!

ދިވެހިންނަށް އަގު ހެޔޮ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައި، އެ ކަމަށް މަގުފަހި ކުރުމަށްޓަކައި ހާއްސަ ކަންތައްތަކެއް ތަންފީޒު ކުރަން ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން ރޭ ބުނީ، "ނެޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ" މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި ކަމަށެވެ.

އޭގެ ބޭނުމަކީ އެ އޮފީހުން ބުނިގޮތުގައި، ރާއްޖެ އަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ އަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމެވެ.

އަގުހެޔޮ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި ހާއްސަ ކަންތައްތަކެއް ތަންފީޒު ކުރަން ވެސް ކެބިނެޓުން ނިންމި އެވެ. އެއީ:

● އިމާރާތްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުން. އެ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ހެދުމުގެ ފުރުސަތު ހުޅުވައިލުން.

● އެ އުސޫލުގެ ދަށުން ހަދާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ މީހުންނަށް ބޭންކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި "އެންޑް-ޔޫޒާ ފައިނޭންސް" ގެ ހާއްސަ މޯގޭޖް ސްކީމެއް ބޭންކުތަކާ މަޝްވަރާ ކޮށްގެން ތައާރަފްކުރުން.

● މާލީ އިދާރާތަކުގެ އެހީތެރިކަމާ އެކު، ބޯހިޔާވަހިކަމުގެ ޔުނިޓުތައް ހަދައި "ލީޒް-ޓު-އޯން މޮޑެލް" އެއްގެ ދަށުން އާންމުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

● ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެއީ ކަނޑައެޅޭ ވަކި ޝަރުޠުތަކެއް ފުރިހަމަވާ މީހުންނަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމަށް ކަނޑައެޅުން.

ރައީސް އޮފީހުން ބުނީ، އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ކަންކަން ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، އެ މަޝްރޫއާ ގުޅޭ ކަންކަން އިތުރު ކުރަން ވެސް ކެބިނެޓުން އިއްޔެ ނިންމި ކަމަށެވެ.

ބޭނުން ޖެހިފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ.