06 އޮކްޓޯބަރ 2025 - 06:03

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތައް މިސްރުގައި ފަށާފައި ވާއިރު އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާއި އެ މީހުންގެ ބަދަލުގައި އިޒްރޭލު ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިިނިވަންކުރުން އަވަސްކުރުމަށް ހަމާސް އިން ގޮވާލައިފަ އެވެ.
"ހަނގުރާމަ ނިމުމަކަށް ގެނެސް ގައިދީން ބަދަލުކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށް ހަމާސް އިން ވަރަށް ބޮޑަށް ބޭނުންވޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވި އެވެ.
ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވާފައިވާ ކަންކަމުގެ ތެރޭގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރުމާއި އެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގިނަ އަދަދެއްގެ މީހުން މިނިވަންކުރުން ވެސް ހިމެނެ އެވެ.
ހަމަލާތައް އަވަހަށް ހުއްޓާލައި ސުލްހައިގެ މަސައްކަތް ފަށަން ބޭނުންވާ ކަމަށް ހަމާސް އިން ބުނާއިރު އިޒްރޭލުން މިހާރުވެސް ގެންދަނީ ޣައްޒާއަށް ވަރުގަދައަށް ހަމަލާ ދެމުންނެވެ. އެކަމާ ހެދި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން ގޮވާލައްވައިފަ އެވެ.
"ހަމަލާ ދެމުން ދަނިކޮށް ރަހީނުން މިނިވަނެއް ނުކުރެވޭނެ. އެހެންވެ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެބަ ޖެހޭ،" ސީބީއެސް އަށް ދެއްވި އިންޓަވިއުއެއްގައި ރޫބިއޯ ވިދާޅުވި އެވެ.
"މި ކަންކަން ހިނގަމުންދާއިރު ހަމަ އެއާ އެކީގައި ހަނގުރާމައެއް ނުކުރެވޭނެ."
މިސްރުގެ ޝަރްމުއް ޝެއިޚް ރިސޯޓުގައި ޣައްޒާގެ ބައްދަލުވުން ކުރިއަށް ދާއިރުއިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަހީނުން ސަލާމަތް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.