އައްޑޫގެ ރިފަރެންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް: ރައީސް
އައްޑޫގެ ރިފަރެންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް: ރައީސް

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ފެނޭތޯ ބެލުމަށް މި މަހު އެ ސިޓީގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި ސަރުކާރުގެ "ވަކި ސްޓޭންޑެއް ނެތް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކެބިނެޓުގެ މިއަދުގެ ޖަލްސާޣައި ވަނީ އައްޑޫ ފޭދު އާއި ހުޅުދޫ އަދި މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމައިފަ އެވެ، އަދި ހުޅުދު އާއި މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް ވެސް އެ ވޯޓުގައި ހިމެނުމަށް ކެބިނެޓުން މިއަދު ނިންމި އެވެ.

ކެބިނެޓުން ނިންމި ގޮތުން ނަމަ އެ ވޯޓުލުން ބާއްވާނީ މި މަހުގެ 24 ނުވަތަ 25 ގަ އެވެ.

އެ ނިންމުމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ފަހުން ވިދާޅުވީ ފޭދޫ، ހުޅުދޫ އަދި މީދޫ ގައި ނަގާ ރިފަރެންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ.

"ސަރުކާރުން އިހުތިޔާރު ކުރާ ވަކި ނަތީޖާއެއް ނެތް. ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒު ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ނިންމެވީ އެ ސިޓީގެ ބައެއް މީހުންގެ ފަރާތުން އެ މައްސަލަ އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާތީ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ ރަށްރަށުގެ އިހުތިސާސަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި ލޯކަލް ގަވަމެންޓް މިނިސްޓްރީން އިސްވެ، މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލާނެ އެވެ. އެ ޓީމުގެ ދަށުން "އައްޑޫގެ ކޮންޓެކްސްޓް" އެނގޭ މީހުންގެ ފަންނީ ޓީމެއް އެކުލަވާލައިގެން އައްޑޫގެ ރަށްރަށުގެ އިހުތިސާސާ ގުޅޭ މަސައްކަތްތައް ފެށުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު ނަގާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 އިގަ އެވެ.

އެ ދުވަހު ގެނެސްދިން ރައީސްގެ ޕޮޑްކާސްޓު ޝޯގައި އެ މަނިކުފާނު ވިދާޅުވީ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހެ އެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.