މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި
މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި

މުޅި ރާއްޖެ ޖަމާވެފައިވާ މާލެ ސަރަހައްދުގައި އެންމެ ބޮޑު ކަމަކީ ވެސް އަދި އެއްޗަކީ ވެސް ކުއްޔެވެ. ސޯޝަލް ހައުސިން ފްލެޓްތައް ދޭ ދުވަސްވަރެއް ނަމަ ކުލިތައް ކުޑަކޮށް ދަށަށް ޖެހިލިޔަސް މިއީ މާލެ ސަރަހައްދުގައި އަބަދުވެސް ބޮޑުވަމުންދާ ބުރަ އެވެ. ސަބަބަކީ މާލޭގައި ކުއްޔަށް އުޅޭ މީހުންގެ އާބާދީ ކޮންމެ އަހަރަކު ވެސް އިތުރުވަމުން ދިއުމެވެ.

މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި
މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި

މިކަމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ހެދި ދިރާސާއެއްގެ ނަތީޖާ އާންމުކޮށްފައި ވާއިރު މާލޭގެ އެކި އަވަށްތަކުގައި އަހަރުގެ އެކި ދުވަސްވަރު ކުއްޔަށް އަންނަ ބަދަލު ހާމަވެ އެވެ. މިއީ ފެބްރުއަރީ 2023 އިން ޖެނުއަރީ 2024 އާ ހަމައަށް، އެއް އަހަރު ތެރޭގައި މާލެ ސަރަހައްދުގެ އެކި ތަންތަނުގެ ކުލިތަކަށް އައި ބަދަލުގެ މައްޗަށް ހެދި ދިރާސާއެކެވެ.

މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި
މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި

އެމްއެމްއޭއިން ވަނީ މާލެ ސަރަހައްދުގެ ވަކިވަކި އަވަށްތަކުގެ ކުލިތައް ރެކޯޑުކޮށްފަ އެވެ. އެއީ މާފަންނު، މައްޗަންގޮޅި، ގަލޮޅު އަދި ހެންވޭރުގެ އިތުރުން ވިލިމާލެ އާއި ހުޅުމާލެ ވެސް ހިމަނައިގެންނެވެ. ހިސާބުތަކުން ފެންނަ ގޮތުން މާލެ ސަރަހައްދުގެ އެންމެ ކުލި ކުޑައީ ވިލިމާލޭގަ އެވެ. ވިލިގިނލީގައި އެއް ކޮޓަރީގެ އެޕާޓްމަންޓެއް 7،500ރ. އިން ފެށޭއިރު 13،500ރ. އާ ދޭ ތަންތަން ވެސް އެބަހުއްޓެވެ.

މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި
މާލޭގައި އެންމެ ކުޑަ ކުލި ވެސް 8،000ރ. ގައި

ގަލޮޅުގެ އެޕާޓްމެންޓްތަކުގެ މަހު ކުލި އެވްރެޖުކޮށް ހުރީ 8،000ރ. އިން 14،000ރ. އާ ދެމެދުގަ އެވެ.

ދެވަނައަށް އެންމެ ކުލި ކުޑަ، މާފަންނުގެ އެންމެ ދަށް ކުލި ރެކޯޑު ކުރެވިފައިވަނީ ވެސް 8،000ރ. ގަ އެވެ. އެންމެ ބޮޑު ކުލި ރެކޯޑު ކުރެވިފައިވަނީ 14،500ރ. ގަ އެވެ. މައްޗަންގޮޅީގައި ވެސް އެންމެ ކުޑަ ކުއްޔަކީ 8،000ރ. އެވެ. އެކަމަކު މި އަހަރުގެ ގިނަ މަސްތަކުގައި 10،000ރ. އާއި 12،000ރ. އާ ދެމެދުގައި ކުލި ރެކޯޑްކުރެވިފައިވެ އެވެ.

ހެންވޭރުން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެ ބޮޑު ކުލި 15،000ރ. ގައި ވެސް ރެކޯޑުކުރެވިފައިވެ އެވެ.

މާލެ ސަރަހައްދުގައި އެންމެ ބޮޑު ކުއްޔެއް ހުރީ ހުޅުމާލޭގަ އެވެ. ހުޅުމާލެއިން އެންމެ އަގު ހެޔޮކޮށް ވެސް އެއް ކޮޓަރީގެ އެޕާޓްމެންޓް ލިބެނީ 8،750ރ. އަށެވެ. އަދި 22،000ރ. އާ ހިސާބަށް މި އަގު މައްޗަށް ދެ އެެވެ.

ކުލިތައް އެވްރެޖުކޮށް ރެކޯޑުކުރެވިފައިވާ ގޮތަށް ބަލާ އިރު އެކި މަސްތަކުގައި އަގު ބޮޑު އެޕާޓްމެންޓްތައް ފެންނަން ހުރީ އެ ސަރަހައްދުތަކުންނެވެ. މިސާލަކަށް، ޑިސެމްބަރު 2023 ގައި އެންމެ އަގުހެޔޮކޮށް އެޕާޓްމެންޓުތައް ފެންނަން ހުރީ ގަލޮޅުގަ އެވެ. އެއީ 8،500ރ. ގަ އެވެ. ސަބަބެއް ކަމަށް ބެލެވެނީ، ގަލޮޅުން އެ މަހު އެއް ކޮޓަރީގެ ގިނަ އެޕާޓްމެންޓްތަކެއް ކުއްޔަށް ދިނުމަށް ލިސްޓު ކޮށްފައި ވުމެވެ. އެ މަހު އެންމެ އަގު ބޮޑުކޮށް ލިސްޓުކޮށްފައިވަނީ 18،000ރ. އަށް ހުޅުމާލެއިންނެވެ.

އެއީ ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ކަމަށް ބެލެވެ އެވެ. އައިބޭ އާއި ފޭސްބުކްގައި ލިސްޓުކޮށްފައިވާ އެޕާޓްމެންޓްތަކަށް ބަލާއިރު، އެކި މަސް މަހު އެކި އަވަށްތަކުން ލިސްޓުކޮށްފައި ހުންނަނީ އެކި ސައިޒުތަކުގެ އެކި ފެންވަރުގެ ތަންތަނެވެ. ކުލި އެންމެ ބޮޑަށް ބަދަލުވަނީ ތަނުގެ ސައިޒާއި އެތަނުގެ އާ ކަމުގެ މައްޗަށެވެ.

އެޕާޓްމެންޓްގެ ސައިޒުން ކުއްޔަށް އައިސްފައިވާ ބަދަލު:

1 ކޮޓަރި: 8،000ރ.

2 ކޮޓަރި: 16،000ރ.

3 ކޮޓަރި: 23،000ރ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އިންޕްލޭޝަނަށް ބޭނުންވާ ހިސާބުތައް ހެދުމަށް، ކޮންމެ މަހަކު ވެސް ކުއްޔާއި އަދިވެސް އެހެން ހިދުމަތްތަކުގެ އަގުތައް ރެކޯޑު ކުރެ އެވެ. އެމްއެމްއޭ އިން ވަނީ އެމްބީއެސްގެ ހިސާބުތަކުން، އެ އިދާރާއިން ހޯދި ހިސާބުތަކާ އަޅާ ކިޔައިފަ އެވެ. އެގޮތުން ފާހަގަވި އެއް ކަމަކީ، އަހަރުގެ ބޮޑުބައިގައި އެމްބީއެސްއިން ހޯދާ ހިސާބުތައް އެއްވަރެއްގައި ހުރުމެވެ.

އެހެން ދިމާވާ އެއް ސަބަބަކީ، އާންމުގޮތެއްގައި ކުއްޔަށް ނަގާ ތަންތަނުގެ އަގުތައް ބަދަލު އަންނަނީ ތަނުގެ އެގްރީމެންޓް ހަމަވުމުން ކަމަށް ވާއިރު އެމްބީއެސްގެ ރެކޯޑުތައް ބަލަހައްޓަމުން އަންނަނީ އެގްރީމެންޓުގެ މުއްދަތަށް ބަލައިގެންނެވެ. އެހެންވެ، އަހަރުގެ ގިނަ މަސްތަކެއްގައި ކުއްޔަށް މާ ބޮޑު ބަދަލެއް އަންނަކަން ރެކޯޑުތަކުން ނުދައްކަނީ އެވެ.

މާލޭގައި ކުއްޔަށް ދޫކުރާ ތަންތަނަށް އާންމުގޮތެއްގައި އެއް އަހަރާއި ދެ އަހަރުގެ މުއްދަތަކަށް އެގްރީމެންޓް ހަދަ އެވެ. އަދި އެ މުއްދަތުގައި ކުއްޔަށް ބަދަލުތަކެއް ނާދެ އެވެ. ނަމަވެސް، އައިބޭ އާއި އޮންލައިން އެހެން ފްލެޓްފޯމުތަކުގައި ލިސްޓުކޮށްފައި ހުންނަ ތަންތަނުގެ ކުއްޔަށް ބަލާއިރު، ކުއްޔަށް އަހަރުގެ ތެރޭގައި ބަދަލުތައް އަންނަކަން ފާހަގަކުރެވޭ ކަމަށް އެމްއެމްއޭގެ ރިސާޗުގައި ފާހަގަކޮށްފައިވެ އެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ސޯޝަލް ހައުސިން ރޭޓުތައް ވެސް ކަނޑައަޅަނީ އެތަންތަން އެގްރީމެންޓަށް ދޫކޮށްފައި ހުންނަ އަގުތަކުގަ އެވެ. އެކަމަކު އާންމުކޮށް ސޯޝަލް ހައުސިންއަށް ދީފައިވާ ތަންތަނުގެ ކުލިވެސް އުޅެނީ ސަރުކާރުން ދީފައިވާ އަގުތަކަށް ވުރެ ދެގުނަ އިތުރަށެވެ. އެހެންވެ، އަގުތައް ބެލުމުގައި ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ގެންގުޅެނީ އެންމެ ރަނގަޅަށް ކުލިތައް ބެލޭ ނިޒާމު ނޫން ކަން އެމްއެމްއޭގެ ސާވޭއިން ހާމަވެ އެވެ.

އެމްއެމްއޭއިން ވަނީ ކުލިތައް ދެނެގަނެ، ކުލިތަކަށް އަންނަ ބަދަލުތައް މިހާރަށް ވުރެ ރަނގަޅު ނިޒާމެއްގެ ތެރެއިން ހޯދޭނެ ގޮތްތައް ބަލައި، އެ އުސޫލުން އަމަލުކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ.

މި ހުރިހާ ކަމަކާ އެކު ވެސް ދިރާސާއިން އެނގުނީ އެކި ސަބަބުތަކާ ހެދި، އެއް އަހަރުތެރޭ ވެސް ކުލި ބޮޑުވެފައިވާ ކަމެވެ.

އެންމެ ފަހުން، 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން އެނގޭ ގޮތުގައި ރާއްޖޭގެ އާބާދީގެ 41 ޕަސެންޓު އުޅެނީ މާލެ ސަރަހައްދު އެވެ. އަދި 2019 ވަނަ އަހަރުގެ ހައުސްހޯލްޑް އިންކަމް އެކްސްޕެންޑިޗާ ސާވޭއިން ދައްކާ ގޮތުން މާލޭގައި ދިރިއުޅޭ އާބާދީގެ 74 ޕަސެންޓް އުޅެނީ ކުއްޔަށެވެ. އަދި ކުއްޔަށް އުޅޭ މީހުންގެ ހަރަދުތަކުގެ 37 ޕަސެންޓު ހޭދަކުރަނީ ދިރިއުޅޭ ތަނުގެ ކުއްޔަށް ކަމަށް ވެސް އެ ސާވޭއިން ދައްކާއިރު ކުލީގެ ބުރަ އާންމުންނަށް އޮތް ވަރު ފެނެ އެވެ.