05 އޮކްޓޯބަރ 2025 - 22:26

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތިން ރަށް ވަކިކޮށް، އެ ތިން ރަށަށް ރަށު ކައުންސިލް އުފެއްދުމާ މެދު އައްޑޫގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ފެންނަ ނުފެންނަ ވޯޓު މި މަހު ނަގަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ވޯޓު ނެގުމާ މެދު ކެބިނެޓުން ގޮތެއް ނިންމީ އައްޑޫގެ ބައެއް މީހުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކެބިނެޓުން ނިންމީ ފޭދު އާއި ހުޅުދޫ އަދި މީދު އަށް ރަށު ކައުންސިލް އުފެއްދުމާ މެދު އެ ތިން ރަށުގެ މީހުންނަށް ފެންނަ ގޮތް ބަަލަން ވޯޓު ނެގުމަށެވެ. ވޯޓު ނަގާނީ ފޭދު އަށް ވަކި ކައުންސިލެއް ވަކިން އުފެއްދުމާ އެކު، ހުޅުދު އާއި މީދޫ އެއް ކައުންސިލުން ހިންގަން "އައްޑޫ ހުޅުމީދޫ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ކަމަށް ވެސް ކެބިނެޓުން މިއަދު ނިންމި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ވޯޓު ނަގާނީ މި މަހުގެ 24 ނުވަތަ 25 ވަނަ ދުވަހު ކަމަށް އެ އޮފީހުން ބުންޏެވެ.
އެގޮތަށް ފާސްވިޔަސް، އައްޑޫގެ ދެން ހުރި ރަށްތަަކަށް އޮންނާނީ މިހާރު ވެސް އޮންނަ ސިޓީ ކައުންސިލެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން އައްޑޫގެ ރަށްރަށުގެ އިހުތިސާސަށް އަންނާނެ ބަދަލުތައް ބަލަން ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓްރީން ފަންނީ ޓީމެއް ފޮނުވައިގެން ބަލާނެ ކަމަށެވެ.
މިއީ ދާދި ފަހުން ރައީސް މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ނަގާ ވޯޓަށް ވެސް ވާނެ އެވެ.
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު ނަގާނެކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 އިގަ އެވެ.
އެ ދުވަހު ގެނެސްދިން ރައީސްގެ ޕޮޑްކާސްޓު ޝޯގައި އެ މަނިކުފާނު ވިދާޅުވީ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހެ އެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އެވެ.