ފުވައްމުލަކު އެއާޕޯޓުގެ ފެންސަށް އަރަން އުޅެ، މުވައްޒަފަކަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފި
ފުވައްމުލަކު އެއާޕޯޓުގެ ފެންސަށް އަރަން އުޅެ، މުވައްޒަފަކަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފި

ޏ. ފުވައްމުލަކު އެއާޕޯޓުގެ ފެންސްމަތިން ބަޔަކު އަރަން އުޅުމުން އެކަން ހުއްޓުވި މުވައްޒަފަށް ހަމަލާދިން މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުވައްމުލަކު އެއާޕޯޓްގެ ފެންސްމަތިން ބަޔަކު އަަރަން އުޅެނިކޮށް އެ މީހުން ހުއްޓުވި ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އެއީ އެރަށު ހޯދަޑު އަވަށު ގުލްކޯޒުގޭ ހަސަން ހުމާމް މުހައްމަދާއި ހަމަ އެ އަވަށު ޒަމްހަރީރުގޭ އިބްރާހީމް ސިމަން އަހުމަދާއި ފުނާޑު އަވަށު ޝުހާނާ، ބައްސާމް އަހުމަދެވެ.

އެ ހާދިސާގައި ފުވައްމުލަކު އެއާޕޯޓްގެ މުވައްޒަފަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހު 28 ވަނަ ދުވަހުގެ ރޭ ފަތިހު 4:05 އެހާކަން ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.