05 އޮކްޓޯބަރ 2025 - 16:23

ޣައްޒާގައި އިޒްރޭލުން ދޭ ހަމަލާތައް ހުއްޓުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޑީލް ހަމާސް ޖަމާއަތުން ގަބޫލުކުރުމުން، އިސްލާމީ ބައެއް ގައުމުތަކުން އެ ކަމަށް މަރުހަބާ ކިޔައިފި އެވެ.
އިސްލާމީ ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ ޓްރަމްޕް ހުށަހެޅުއްވި ގޮތަށް، ދިރިތިބި ހުރިހާ އަސީރުން މިނިވަންކޮށް، މަރުވެފައިވާ އަސީރުންގެ ހަށިތައް ހަވާލުކޮށް، މަޝްވަރާތައް ވަގުތުން ފަށަން ހަމާސް އިން އެއްބަސްވުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އެ ބަޔާން ނެރުނީ ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ، ގަތަރު، ޔޫއޭއީ، މިސްރު، ތުރުކީ އުރުދުން، އިންޑޮނީޝިއާ އަދި ޕާކިސްތާނުގެ ފޮރިން މިނިސްޓަރުން ގުޅިގެންނެވެ.
ބަޔާނުގައިވާ ގޮތުން، ހަނގުރާމަ ހުއްޓާލަން ޓްރަމްޕް އިޒްރޭލަށް ގޮވާލުމުން އެކަމަށް ވެސް ފޮރިން މިނިސްޓަރުން މަރުހަބާ ވިދާޅުވި އެވެ.
"މިނިވަން ޓެކްނޮކްރޭޓުން ހިމެނޭ، ފަލަސްތީނުގެ އިދާރީ ކޮމިޓީއަކާ ޣައްޒާގެ ހިންގުން ހަވާލުކުރަން ހަމާސް ތައްޔާރަށް އޮތުމުން އެކަމަށް ވެސް ފޮރިން މިނިސްޓަރުން މަރުހަބާ ވިދާޅުވި،" ގުޅިފައިވާ ބަޔާނުގައި ބުންޏެވެ.
ފޮރިން މިނިސްޓަރުން ފާހަގަކުރެއްވި ގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ޣައްޒާގައި އޮތް ހައްސާސް ހާލަތަށް އެޑްރެސް ކުރަން ހަމާސްގެ އެ ނިންމުމުގެ ސަބަބުން ފުރުސަތު ލިބޭނެ އެވެ.
"ޕްރޮޕޯސަލް ތަންފީޒުކުރާނެ ގޮތް ތަކާ ބެހޭ ގޮތުން އަވަހަށް މަޝްވަރާތައް ފެށުމުގެ މުހިއްމުކަން އެބޭފުޅުން ފާހަގަކުރެެއްވި،" ބަޔާނުގައި ވެ އެވެ.
ޣައްޒާގެ ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން ޓްރަމްޕު ހުށަހެޅުއްވި ޕްލޭނަށް ޖަވާބު ދިނުމަށް ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން ދުނިޔޭގައި ތިބި މީހުންގެ އިތުރުން މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހަވާލުކުރާނެ ކަމަށެވެ.
"މި އެއްބަސްވުމުގެ ތަފްސީލަށް ގޮސް މީޑިއޭޓަރުން މެދުވެރިކޮށް މަޝްވަރާތައް ވަގުތުން ފަށަން ތައްޔާރަށް އޮތްކަން މި ހަރަކާތުން ޔަގީންކޮށްދެން،" ހަމާސް އިން ޓެލެގްރާމްގައި އާންމުކުރި ބަޔާނުގައިވެ އެވެ.
ޣައްޒާގެ ވެރިކަމުން ހަމާސް ދުރުވެ ފަލަސްތީނުގެ ސަރުކާރާ ހަވާލުކުރުމަށް ޓްރަމްޕުގެ ހުށަހެޅުމުގައި ހިމެނޭއިރު ހަމާސް އިން ބުނީ އަދި ފަލަސްތީނު ރައްޔިތުން ބޭނުންވާ ގޮތަކަށް، އަރަބި އިސްލާމީ ޖަމާއަތްތަކުގެ އެއްބާރުލުމާ އެކު ފަލަސްތީނުގެ ތަޖުރިބާކާރުންގެ ބަޔަކާ ޣައްޒާގެ ވެރިކަން ހަވާލުކުރަން ވެސް އެއްބަސްވާ ކަމަށެވެ.
ހަމާސް އިން ބުނީ ޣައްޒާގެ މުސްތަގުބަލާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕުގެ ހުށަހެޅުއްވުމުގައި ހުރި އެހެން ކަންކަން ގުޅިފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަރާރުތަކާ ކަމަށެވެ.
އެ ކަންކަމާ މެދު އަމަލުކުރާނީ ގައުމީ ފެންވަރެއްގައި ކަމަށާއި އެ އޮނިގަނޑު އެކުލަވައިލުމުގައި ހަމާސް އިން ޒިންމާދާރުކަމާ އެކު ބައިވެރިވާނެ ކަމަށް ވެސް ބުންޏެވެ.
ހަމާސް އިން ޓްރަމްޕުގެ ހުށަހެޅުމަށް ޖަވާބު ދީފައި ވާއިރު ޓްރަމްޕު ހުކުރު ދުވަހު ވަނީ ހަމާސްއަށް ވަގުތު ލިބޭނީ އާދީއްތަ ދުވަހުގެ ރޭ ޖީއެމްޓީން 10:00 (ރާއްޖޭ ގަޑިން އެ ރޭ މެންދަމުން އަލިވެ 3:00) އާ ހަމައަށް ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. "މި ފަހުގެ ފުރުސަތު" ގައި އެއްބަސް ނުވެއްޖެ ނަމަ "ދުވަހަކު ފެނިފައިނުވާ ވަރުގެ އަނިޔާވެރިކަން ހަމާސްއާ ދެކޮޅަށް ފެންނާނެ" ކަމަށް ޓްރަމްޕުގެ އިންޒާރުގައިވެ އެވެ.
ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވާ ކަމަށް އޭނާ ވަނީ އިއުލާނުކޮށްފަ އެވެ.