ޣައްޒާ ސިޓީން 900،000 މީހުން ގެދޮރު ގެއްލިއްޖެ
ޣައްޒާ ސިޓީން 900،000 މީހުން ގެދޮރު ގެއްލިއްޖެ

އިޒްރޭލުން ޣައްޒާ ސިޓީ ހިފަން ހަމަލާދޭން ފެށި ފަހުން އެ ސިޓީން 900،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާކަން އިޒްރޭލުން ހާމަކޮށްފި އެވެ.

"ޣައްޒާ ސިޓީ ހިފަން ނިންމުމާއި، އުސް އިމާރާތްތައް ވައްޓާލުމާއި އިޒްރޭލު ސިފައިންގެ ވަރުގަދަ އޮޕަރޭޝަންތަކާ ހެދި ގާތްގަނޑަކަށް 900،000 މީހުން ޣައްޒާ ސިޓީ ދޫކޮށް ދެކުނުގެ ސަރަހައްދުތަކަށް ދިއުމުން ހަމާސް އާއި ހަމާސްއަށް ތާއީދުކުރާ ގައުމުތަކަށް ވަނީ ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައި،" އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ދިން ބަޔާނެއްގައި ބުންޏެވެ.

ޣައްޒާ ސިޓީން މިލިއަނެއްހާ މީހުން ނުކުމެފައިވާ ކަމަށް ބުނާއިރު ހަމަލާތައް ފެށުމުގެ ކުރިން އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި ޣައްޒާގެ އެންމެ ބޮޑު އާބަން ސެންޓަރު ކަމަށްވާ ޣައްޒާ ސިޓީގައި މިލިއަނެއްހާ މީހުން އުޅޭނެ އެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފަށައި އަދި މުޅި ޣައްޒާ ހިސާރުކޮށް ބަނޑަށްޖެއްސުމަށް ފަހު ޣައްޒާ ސިޓީ ހިފަން މީގެ ދުވަސްކޮޅެއް ކުރިން ހަމަލާތައް ވަރުގަދަކުރީ އިޒްރޭލުގެ އަސީރުން މިނިވަންކޮށް ހަމާސް އެއްކޮށް ނައްތާލެވޭނީ އޭރުން ކަމަށް ބުނެ އެވެ.

ޣައްޒާގައި ދާއިމީ ސުލްހައެއް ގާއިމުކުރަން ހަމާސް އާއި އިޒްރޭލަށް ހުށަހެޅި މައިގަނޑު ކަންކަމަށް ދެ ފަރާތުން އެއްބަސްވުމަށް ފަހު ވެސް އިޒްރޭކުން ދަނީ ޣައްޒާ ސިޓީއަށް ވެސް ވަރުގަދައަށް ހަމަލާ ދެމުންނެވެ. އަދި މިދިޔަ ހަފްތާގައި ވަނީ ޣައްޒާއިން އާންމުން ނުކުތުމަށް ފަހު ފުރުސަތު ކަމަށް ބުނެ އިންޒާރު ވެސް ދީފަ އެވެ.

ޣައްޒާގައި އިޒްރޭލުން ހަމަލާ ދެމުން ގެންދާތާ ދެ އަހަރު ވާން ގާތްވެފައި ވާއިރު ފަލަސްތީނުގެ 66،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.