05 އޮކްޓޯބަރ 2025 - 15:43

ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ދޫކުރަމުން އަންނަ އިރު މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ.
އެފްޑީސީން "މިހާރު"އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޑްވާންސް ޑިޕޮސިޓް ފައިސާ ދައްކަން އެންގީ 1،731 މީހުންނަށެވެ. އޭގެ ތެރެއިން މިހާތަނަށް 1،273 މީހުން ފައިސާ ދައްކާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކަން އަންގަމުން އަންނަނީ ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީން ބުނީ މިހާތަނަށް 3،140 މީހުން ސޮއިކޮށް ނިމިފައިވާ ކަމަށެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކިވަކިން ކުރިއަށް ގެންދިޔަ އެ ދެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.
ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ފުރަތަމަ ފްލެޓް ހަވާލުކުރަން ފެށީ، އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ މީހުންނަށެވެ. ޒޯންތަކަކަށް ބަހާލައިގެން ފްލެޓްތައް ހަވާލުކުރަމުން އަންނައިރު، ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލްކުރަނީ ވެސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށެވެ.
މި ފްލެޓްތައް އަންނަ ނޮވެމްބަރުގެ ނިޔަލަށް ހަވާލުކޮށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.