ޓްރަމްޕުގެ ގޮވާލުމަށް ފަހު ވެސް ޣައްޒާގައި ހަމަލާތައް ކުރިއަށް
ޓްރަމްޕުގެ ގޮވާލުމަށް ފަހު ވެސް ޣައްޒާގައި ހަމަލާތައް ކުރިއަށް

ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ގިނަ ކަންކަމަށް އެއްބަސްވެ މަޝްވަރާކުރަން ހަމާސްއިން ނިންމުމުން ވެސް އިޒްރޭލުން ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްފި އެވެ.

ހަމާސް އިން ސުލްހަ ބޭނުންވާ ކަމަށް ގަބޫލުކުރެއްވާ ކަމަށާއި އެހެންވެ އެކަމަށް ފުރުސަތު ދޭން އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން ޓްރަމްޕު ވަނީ ގޮވާލައްވައިފަ އެވެ.

އެކަމަކު ޣައްޒާގެ މެޑިކަލް އިދާރާތަކުން ބުނި ގޮތުގައި އޭގެ ފަހުން ވެސް އިޒްރޭލުން ކެނޑިނޭޅި ގެންދަނީ ހަމަލާ ދެމުންނެވެ. އަދި އެ ހަމަލާތަކުގައި މިހާތަނަށް 70 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ބުންޏެވެ.

އިޒްރޭލުން ހިފަން މަސައްކަތްކުރާ ޣައްޒާ ސިޓީގައި އިއްޔެ، މަދުވެގެން 45 މީހަކު ޝަހީދުކޮށްލާފައިވެ އެވެ. ޣައްޒާ ސިޓީގެ ތުއްފާހް ނެއިބަހުޑްގައި 18 މީހަކު ޝަހީދުކޮށްލި ކަމަށާއި އެ މީހުން ޝަހީދުވި ހަމަލާތަކުގައި އެތައް އިމާރާތެއް ބިމާ ހަމަކޮށްލާފައިވާ ކަމަށް ވެސް ޣައްޒާގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ޓެލެގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނި ގޮތުގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި ކުޑަ ހަތް ކުއްޖަކު ހިމެނެ އެވެ. އޭގެ ތެރޭގައި، އުމުރުން އެންމެ ދެ މަހާއި އަށް އަހަރާ ދެމެދުގެ ކުދިން ހިމެނޭ ކަމަށް ބަޔާނުގައިވެ އެވެ.

އިޒްރޭލުން ވަނީ ޣައްޒާއިން ގެދޮރު ގެއްލިފައިވާ މީހުންނަށް ހާއްސަކޮށްގެން ޣައްޒާގެ ދެކުނު މަވާސީގައި ހަދާފައިވާ ކޭމްޕަކަށް ވެސް ހަމަލާ ދީފަ އެވެ. އެ ހަމަލާގައި ވެސް ކުޑަ ދެ ކުއްޖަކު ޝަހީދުވެ އިތުރު އަށް މީހަކު ޒަހަމްވެފައިވެ އެވެ.

މަވާސީ އަކީ ރައްކާތެރި ޒޯނެއްގެ ގޮތުގައި އިޒްރޭލުން ކަނޑައަޅާފައިވާ ތަނެކެވެ.

އިޒްރޭލުގެ އަނިޔާވެރިކަމަށް ބަދަލެއް ނުގެނެސް މީހުން ޝަހީދުކުރަމުން ދަނިކޮށް ޓްރަމްޕު ވަނީ އިޒްރޭލުގެ އަސީރުން މިނިވަންކުރުން ހަމާސް އިން އަވަސްކުރުމަށް ގޮވާލައި އިންޒާރު ދީފަ އެވެ.

"ގިނަ ބަޔަކު އުންމީދުކުރާ ގޮތަށް މިކަން އަވަސްކުރަންޖެހޭނެ. ޣައްޒާ އަލުން ނުރައްކަލަކަށް ވެދާނެ ފަދަ އެއްވެސް ހާލަތެއް އަޅުގަނޑު ގަބޫލެއް ނުކުރާނަން. މިކަން އަވަހަށް ނިންމާ. އެންމެންނާ މެދު ވެސް ކަންތައް ކުރާނީ އިންސާފުވެރިކޮށް،" ޓްރަމްޕްގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.

އެހެން ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އިޒްރޭލުން "ވިތުޑްރޯވަލް ލައިން" އަކަށް އެއްބަސްވެފައިވާ ކަމަށާއި އެކަން ހަމާސްއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

"ހަމާސް އިން މިކަމަށް އެއްބަސްވުމާ އެކު، ހަނގުރާމަ ހުއްޓާލުމަށް ވަގުތުން އަމަލު ކުރަން ފަށާނެ. ރަހީނުންނާއި ގައިދީން ބަދަލުކުރުމުގެ މަސައްކަތް ފަށާނެ. އަދި ކުރިއަށް ހުރި މަރުހަލާތައް ކުރިއަށް ގެންގޮސް ސިފައިން ބޭލުމާ ގުޅޭ ކަންކަން ފެށޭނެ،" އޭނާ ލިޔުއްވާފައިވެ އެވެ.

ހަމާސް އިން ވަނީ ޓްރަމްޕުގެ 20 ޕޮއިންޓުގެ މައްޗަށް އެކުލެވޭ ޕްލޭނުގެ މައިގަނޑު ހުރިހާ ކަމަކަށް އެއްބަސްވެފަ އެވެ. އެކަމަކު ދެން ހުރި ކަންކަމާ މެދު ގޮތެއް ނިންމަން ތަފްސީލް ބޭނުންވާ ކަމަށާއި އެ ކަންކަމާ މަޝްވަރާކުރަން ތައްޔާރުކަން ވަނީ ހާމަކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުން އިޒްރޭލާއި ހަމާސްއާ ދެމެދު ނުސީދާ ވާހަކަތައް މިހާރު ވަނީ ފަށައިފަ އެވެ.