05 އޮކްޓޯބަރ 2025 - 06:41

ވިކްޓަރީގެ ކުޅުން ރަނގަޅު ކަމަށާއި އިތުރަށް ފެންވަރުމަތި ކުރެވޭނެ ކަމަށް އެ ޓީމުގެ އާ ކޯޗު ޖޯޖިއޯލީ ގެރީ ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި ސްލޮވާކިއާ އަދި ހެންގޭރީ އަށް ވެސް ނިސްބަތްވާ ގެރީ، ވިކްޓަރީގެ ކޯޗުކަމަށް ހަމަޖެއްސީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު އިސްތަވާން އުރުބާނީގެ ލަފާގެ މަތިންނެވެ.
ވިކްޓަރީގެ އާ އެކްސްކޯ ލޯންޗު ކުރުމާއި އޭނާ އާއި ބިދޭސީ ކުޅުންތެރިން ތައާރަފު ކުރަން ބޭއްވި ހަފުލާގައި ވެސް ގެރީ އެންމެ ފުރަތަމަ ވެސް ފާހަގަ ކުރީ އުރުބާނީގެ ނަމެވެ.
އޭނާ ބުނީ ވިކްޓަރީގެ ހުށަހެޅުމުގެ ވާހަކަ އުރުބާނީ ބުނުމުން ރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން އޭނާ ދިރާސާ ކުރި ކަމަށެވެ. އޭނާ ރަސްމީކޮށް މަގާމާ ހަވާލުވުމުގެ ކުރިން، ވިކްޓަރީން ކުޅުނު ދެ މެޗު ވެސް ޓީވީ މެދުވެރިކޮށް ބެލިކަމަށެވެ. އެ ދެ މެޗާއި އެންމެ ފަހުން އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗަށް ވެސް ޓީމު ތައްޔާރުކޮށް އިރުޝާދު ދިނީ ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވާޑް އާދަމް އަބްދުއްލަތިފު (ލައްޗޭ) އެވެ.
"އެ މެޗުތަކުގައި ވެސް ރަނގަޅަށް ކުޅުނު. ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް ވެސް އަހަންނަށް ފާހަގަވި،" އޭނާ ބުންޏެވެ.
ވިކްޓަރީގެ ނައިބު ރައީސް އިބްރާހިމް ނަޒީމު ވިދާޅުވީ ވިކްޓަރީ އަލުން ބިނާ ކުރުމުގެ މަސައްކަތް ކުރާނީ އުރުބާނީ އާއި ގެރީ ގުޅިގެން ކަމަށެވެ.
"ކޯޗު ގެރީ އާއި އުރުބާނީ ވަރަށް ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ،" ނަޒީމު ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވި ގޮތުގައި ވިކްޓަރީން އެންމެ ފުރަތަމަ މަސައްކަތް ކުރީ އެ ޓީމުގެ ކޯޗަކަށް އުރުބާނީ ގެނައުމަށެވެ.
ނަމަވެސް މި ވަގުތު އުރުބާނީގެ ސްޓޭޓަސް ހުރި ގޮތުން ކޯޗެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނާ ޖޮއިން ނުކުރެވުނީ،" ނަޒީމު ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުގައި އުރުބާނީގެ ސަޕޯޓް ވަރަށް ބޮޑަށް ލިބިގެންދާނެ. އިރާދަކުރެއްވިޔާ މާ ލަސްތަކެއް ނުވެ އަޅުގަނޑުމެންނާ އެކު ދުވަސްކޮޅަކު މަސައްކަތް ކުރަން (އުރުބާނީ އަށް) ޖޮއިން ކުރެވޭތޯ މިދަނީ މަސައްކަތް ކުރަމުން."
ވިކްޓަރީގެ ޕްރޮޖެކްޓަކީ ޔޫރަޕުގެ ބައްރުން ބޭރުގައި ގެރީ ކުރާ ފުރަތަމަ މަސައްކަތެވެ.
"ވިކްޓަރީއަކީ ތާރީހީ ކްލަބެއް އަހަރެން އުއްމީދު ކުރަން މި މި ކްލަބް ކާމިޔާބާ ހަމައަށް ގެންގޮސްދެވޭނެ ކަމަށް،" އޭނާ ބުންޏެވެ.
ކޯޗެއްގެ ގޮތުގައި ގެރީ މަސައްކަތް ކުރަން ފެށީ 2014 ގަ އެވެ. ސްލޮވާކިއާގެ އެކި ކްލަބްތަކުގައި 10 އަހަރު އޭނާ ވަނީ ގިނަ މަސައްކަތްކެއް ކޮށްފަ އެވެ.
މިދިޔަ އަހަރު އޭނާ މަސައްކަތް ކުރީ ސްލޮވޭކިއާގެ ޓޮޕް ލީގުގެ ކްލަބް އެފްސީ ކޮސިޝޭގަ އެވެ. ސީޒަނުގެ ވަކި ހިސާބަކުން އެ ޓީމާ ހަވާލުވެ، އޭރު ރެލިގޭޓްވެދާނެ ކަމުގެ ބިރު އޮތް ޓީމު ރެލިގޭޝަނުން ސަލާމަތްކޮށް ދިނެވެ.
ރެލިގޭޝަން ބުރު ކުޅެ އެ ޓީމު ސަލާމަތްކޮށް ދިނުމުން ދެން ޖެހިގެން އައި ސީޒަން (މިދިޔަ ސީޒަނުގައި) ގެރީއާ އެކު ކުރިއަށްދާން އެ ކްލަބްގެ މެނޭޖްމެންޓުން ނިންމި އެވެ. އެކަމަކު އެ ސީޒަންގެ ކުރީކޮޅު ނެރުނު ދަށް ނަތީޖާތަކާ އެކު އޭނާ މަގާމުން ވަކި ކުރި އެވެ.
ވިކްޓަރީގެ ޓީމާ އެކު އޭނާ ފުރަތަމަ މެޗަކަށް ނުކުންނާނީ، ކުރިއަށް އޮތް ގައުމީ ޓީމުގެ ބްރޭކަށް ފަހު އެވެ. އޭނާގެ ފުރަތަމަ މެޗުގައި މި މަހުގެ 21 ގައި ވިކްޓަރީން ނުކުންނާނީ އެ ޓީމުގެ ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.