ޓީޗަރުން އުޅެން ޖެހޭލެއް ބުރަކަމުން ދިމާވާ ނަފްސާނީ މައްސަލަތައް ގިނަ: ދިރާސާ
ޓީޗަރުން އުޅެން ޖެހޭލެއް ބުރަކަމުން ދިމާވާ ނަފްސާނީ މައްސަލަތައް ގިނަ: ދިރާސާ

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ، އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނެފައިވާ ގޮތުގައި، ދިވެހި ޓީޗަރުން ނުލިބުމެވެ. ކޮންމެ އަހަރަކު އެތައް ހާސް ކުދިން އޯ ލެވެލް އަދި އޭ ލެވެލް ނިންމިޔަސް މި ދާއިރާ އިން ކުރިއަށް ނުދާ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ އެއް ސަބަބަކީ ދާއިރާގައި މިހާރު ތިބި ޓީޗަރުން ގަބޫލުކުރާ ގޮތުގައި، ޓީޗަރަކަށް ވުމުން ކުރަން ޖެހޭ މަސައްކަތާއި އުޅެން ޖެހޭ ބުރަ ކަމެވެ.

އެ ބުރަ މާހައުލުގެ ސަބަބުން، ކުރިމަތިވާ ނަފްސާނީ މައްސަލަތައް ގިނަ ކަން ރާއްޖޭގައި ޓީޗަރުން ކުރި ދިރާސާ އަކުން ވެސް ވަނީ ދައްކައިފަ އެވެ. ވަޒީފާގެ ސަބަބުން ނަފްސާނީ ބުރަކަން 93 ޕަސެންޓް ޓީޗަރުންނަށް ކުރިމަތިވާ ކަމަށައި އެއީ ލަފާކޮށްފައިވާ މިންވަރަށްވުރެ މަތީ އަދަދެއް ކަމަށް އެ ދިރާސާގައިވެ އެވެ.

އެމްއެންޔޫގެ ދެ ލެކްޗަރާއަކު ކުރި އެ ދިރާސާ ހުށަހެޅީ، މި އަހަރުގެ "ތެވެލި" ކޮންފަރެންސަށެވެ. މިއީ، ތަފާތު ދާއިރާތަކުން އެކި މައްސަލަތަކާ އޭގެ ހައްލުތަކާ ގުޅޭ ގޮތުން ދިރާސާ ކަރުދާސް ހުށަހަޅައި މަޝްވަރާ ކުރުމަށް އެމްއެންޔޫ އިން 2017 އިން ފެށިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ މަހާސިންތާ އެވެ.

މިދިޔަ އޮގަސްޓު މަހުގެ 18 އިން 20 އަށް ކުރިއަށް ގެންދިޔަ ތެވެލި ކޮންފަރެންސަށް އައިމިނަތު ނީނާ އާއި އައިމިނަތު ނަޝީދާ އެ ދިރާސާ ހެދީ، ކިޔަވައިދިނުމުގެ ފެންވަރަށް ނޭދެވޭ އަސަރު ކުރާ ކަންކަމާ މެދު ޓީޗަރުން ދެކޭ ގޮތުގެ މައްޗަށެވެ.

ތައުލީމީ ދާއިރާގައި 10-30 އަހަރު ހޭދަކޮށްފައިވާ ޓީޗަރުންނާ ސުވާލުކޮށްގެން ތައްޔާރު ކޮށްފައިވާ އެ ދިރާސާ އިން ދެއްކި ގޮތުގައި، ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މަސައްކަތުގެ މާހައުލުގެ ސަބަބުން ނަފްސާނީ ގޮތުން ދިމާވެފައިވާ މައްސަލަތައް ގިނަ ވުމެވެ.

ޓީޗަރުންނާ ހަވާލުކޮށްފައިވާ ގިނަ އަދަދެއްގެ ތައުލީމީ އަދި އިދާރީ މަސްއޫލިއްޔަތުތަކުގެ ސަބަބުން، އަމިއްލަ ދިރިއުޅުމާއި މަސައްކަތު މާހައުލުގައި ވެސް އޭގެ ނޭދެވޭ އަސަރުކުރާ ކަަމަށް ދިރާސާގައި ވެ އެވެ.

ދިރާސާގައި ބުނީ ޓީޗަރުން ކުރިމަތިލާން ޖެހޭ އެފަދަ ކަންކަމުގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރު ދަށްވުމާއި މަސައްކަތުގެ ހަރުދަނާކަން ގެއްލި ދަރިވަރުންނާ މެދު އޮންނަ ގުޅުމަށް ވެސް އަސަރުކުރާ ކަމަށެވެ.

މިއީ، ހަމައެކަނި ރާއްޖޭގެ ހާލަތެއް ވެސް ނޫނެވެ. އެހެން ގައުމުތަކުގައި ވެސް ޓީޗަރުން އުޅެން ޖެހޭލެއް ބުރަ ކަމަށް ބޭރުގެ ދިރާސާތަކުން ދައްކަ އެވެ.

ތައުލީމީ ދާއިރާއާ ގުޅޭ ގޮތުން، ޕޭން އާއި ޗަންގް އަދި ލިން 2023 ގައި ހެދި ދިރާސާއަކުން ދެއްކީ ޓީޗަރުންގެ މަސައްކަތުގެ ބުރަކަމާ މެދު އެ މީހުން ހިތްހަމަނުޖެހި ރިޕޯޓްކުރާ އަދަދު ގިނަ ކަމަށެވެ. އޭގެ ތެރޭގައި އެސެސްމަންޓާއި މާކުކުރުމާއި ޑޭޓާ އެންޓްރީގެ މަސައްކަތްތަކަކީ އެންމެ ގިނަ ވަގުތު ހޭދަވާ އަދި އެންމެ ނަފްސާނީ ބުރަ ބޮޑު ކަންތައްތައް ކަމަށް ޓީޗަރުން ބުނެފައިވެ އެވެ.

ކިޔަވައިދިނުމުގެ މާހައުލުގައި ދިމާވާ އެފަދަ ކަންކަމުގެ ސަބަބުން ޓީޗަރުންގެ އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރު ދަށްވާ ކަމަށް އެ ދިރާސާގައި ވެސް ފާހަގަ ކޮށްފައިވެ އެވެ. އަދި މީގެ ސަބަބުން މީހުންނާ ޒާތީވުމާއި އެހެން މީހުންނާ ދުރުވެ، މީހުންނާ މުއާމަލާތްކުރުމުގައި ރަނގަޅު ނޫން ކަންކަން ކުރިމަތިވާ ކަމަށް އެ ދިރާސާގައި ވެ އެވެ.

އެހެން ދިރާސާއެއްގައި ބުނެފައި ވަނީ ވަރަށް ބޮޑަށް ނަފްސާނީ ބަލިކަށިކަން ކުރިމަތިވެފައިވާ ޓީޗަރަކު ކިޔަވައިދޭ ކްލާސްތަކުގައި ދަރިވަރުންގެ ނަތީޖާ އާއި މާކްސްގެ މައްސަލަތައް ފެންނަ ކަމަށެވެ.

ރާއްޖޭގައި ޓީޗަރުން ލިބުމުގެ ދަތިކަން އޮތުމާ އެކު ދާއިރާގައި މިހާރު ތިބި ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވިސްނައި ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ. މިއީ، ކިޔަވައިދިނުމުގެ މާހައުލާއި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރަން ވެސް މުހިއްމު ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކަ އެވެ.