05 އޮކްޓޯބަރ 2025 - 06:05

(ބުދަ ދުވަހާ ގުޅޭ)
"މި ރަށް ސަލާމަތް ކުރަން، ބަރުގާންގެ ލޯބި ހޯދަން، ދައްތައަށް އެންމެ ރަނގަޅު ގޮތް ހޯދައިދޭން، އަހަރެން ބުނާ ކަމެއް ކުރަން ކެރޭނެ؟" މަކަރުވެރި ރާގެއްގައި އަތީލާ ބުންޏެވެ.
އަތީލާ ބުނަން އުޅެނީ، ކުރަން ފަސޭހަކަމެއް ނޫން ކަމާއި ރަނގަޅު ކަމެއް ވެސް ނޫންކަން ބަރުގާންއަށް ވިސްނުނެވެ.
"އާނ!" ބަރުގާން ބުންޏެވެ. "ބުނޭ! އަންޖަލްއަށް ޓަކާ އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ."
ރާއިފު ގެއްލުނު ވާހަކަ ނުދައްކާ މީހަކު ނެތެވެ. ގިނަ މީހުން ނިންމީ ލޯތްބާ ގުޅުން ހުރި ކަމެއް ކަމަށާއި ކޮންމެ ވެސް އެހެން ރަށަކުން ރާއިފު ފެންނާނެ ކަމަށެވެ. ބޮޑު އޮޅުންބޮޅުންގަނޑެއް ވެސް އެރިއެވެ. މާފިލާފުށްޓަށް ރާއިފު ދިޔަ ފަހުން ކުރެންދޫ އިން ހަވީރު ރާއިފު ދުށް ކަމަށް ވެސް ދެ މީހަކު ބުނާތީއެވެ. ރާއިފުއާ އެކުގައި އަންހެންކުއްޖަކު ހުރި ކަމަށް ވެސް ވެއެވެ. އެހެނަސް، ރޭގަނޑު ރާއިފު ހުރީ މާފިލާފުށީގައެވެ. އެ ވީ ގޮތް އެކަކު ވެސް ނޫހަށް ބުނެދީފައެއް ނެތެވެ.
މުޅި މާފިލާފުށި ކޮޅުންކޮޅަށް ހޯދުމަށް ފަހު، ރާއިފު ނުފެނިގެން މީހުން އެ ރަށުން ފޭބިއެވެ. އާންމު ހާލަތަށް ރަށް ރުޖޫއަވިއެވެ. ފަޅުވިއެވެ. މިލަހަނދުވަރުން ނާމާންވެފައިވާ ވަލުތެރޭގައި ރަސްކަންކުރީ ފަނޑު ހަނދުވަރެކެވެ. ވާލުގެ އަޑާއި މާކަނާގެ އަޑާއި ފަނިފަކުސައިގެ އަޑުގެ ތެރެއަށް ރާޅުބީއްސާ އަޑު ފޭދިފޭދި އޮތެވެ. ފުއްޓަރު ފަރާތަށް ބިންދާ ރާޅުތައް، ވަރުބަލި ކަމެއް ނެތި އެ ކަމުގައި ދެމިތިއްބެވެ. ދުރުން އައިސް ގަސްތަކު ތެރެއަށް ޖެހިގަތް އަލިގަނޑަށް ސަމާލުކަން ދޭނެ މީހަކު އެ ތާކު ނެތެވެ.
އަނދިރިކަން އެންމެ ފުންވެފައިވާ ދިމާއިން ދެ އަލިކޮޅު ދިއްލުނެވެ. ހަނދުވަރުގެ އަލި ބިމަށް ފޯރާފައިވާ ހުސް ދިމާއަކަށް އެ އެތި ނުކުތެވެ. މަޑުމަޑުން، ވިސްނަމުން، ހޯދަމުންނެވެ. އޭގެ ސިފަ ހާމަވީ ކަންކަށީގައި ހަނދުވަރު ބީހުމުންނެވެ. އެއީ ކަޅު ވިޔަޅެކެވެ. ރާއްޖޭގެ މާހައުލަށް ބީރައްޓެހި، ކުއްތާއަކާ ވައްތަރު ގޮތެއް ހުންނަ، އެ ސައިޒުގެ ޖަނަވާރެކެވެ. ދިގުލީ ރާގަކަށް ވިޔަޅު ގޮވައިލިއެވެ. ސާދަވިލޭރޭގެ ވަށްބުރު ހަމަ ހަނދު މެދު އުޑުގައި ސާބިތުވުމުން، ރާގުރާގަށް ގޮވުމަކީ ވިޔަޅުގެ އާދައެކެވެ. ވީ އިރު މިލަހަނދުވަރުގައި، މާފިލާފުށިން ވިޔަޅު ގޮވާ އަޑު އިވެންވީ ކީއްވެގެން ހެއްޔެވެ؟ އެ އަށް ވުރެ ވެސް ހައިރާން ކުރަނިވި ކަމަކީ، އެ ވިޔަޅަށް ރައްދު ލިބުނު ކަމެވެ. ދާދި ގާތުން އެހެން ވިޔަޅެއް ނުކުތް ކަމެވެ. އެކި ދިމަދިމާއިން ޖުމުލަ ސާޅީސް ވިޔަޅު ޖަމާވެ، ކަޅު ވިޔަޅަށް އިހުތިރާމު އަދާކުރިއެވެ. އެއީ ކުރިން ހަމަޖެހިފައިވާ ބައްދަލުވުމެކެވެ.
"ހަނދާން އެބަ ހުރި؟" ކަޅު ވިޔަޅު ފުރަތަމަ ނެރެލި އަޑުގެ މާނައަކީ އެއީއެވެ. އަދި ބުންޏެވެ. "އަހަރުމެންގެ ތެރެއިން އެކަކަށް ދޭ ހަމަލާއަކީ އެންމެނަށް ދޭ ހަމަލާއެއް. ވަގުތުން ރައްދު ދޭން ޖެހޭނެ. އެއްވެސް ރަހުމެއް ނޯންނާނެ. ބަޔަކު މަރުވާނެ ކަން ޔަގީން. ދިރި ހުންނަން ބޭނުމިއްޔާ މީ ފަހު ފުރުސަތު. އަވަހަށް ގެއަަށް ދޭ!"
އެހެން ޖަނަވާރުތައް ރައްދު ދިނީ ލޮލުގެ އިޝާރާތުންނެވެ. ގެއަށް ދާން ބޭނުންވާ އެކަކު ވެސް ނެެތެވެ. އެ ޖަވާބަށް ފަހު، ވަށައިގެން ދިމަދިމާއަށް ވިޔަޅުތައް ބެހިލިއެވެ. ކޮންމެ ޖަނަވާރަކާ ހަވާލު ކުރެވިފައިވަނީ ވަކި ސަރަހައްދެކެވެ. ސަރަހައްދު އެއްކޮށް ބަލައި ނިމޭ އިރު، ހަތަރު މޮށްގަނޑު ޖެހުނު ހުރިހައި ތަނެއް ހުންނާނީ ރެދަން ލައިފައެވެ. އެންމެ ތަންކޮޅެއް ފިޔަވައެވެ. ހޯދަން ބޭނުންވަނީ އެ ތަންކޮޅެވެ. ވަށައިލަން ބޭނުންވަނީ ވެސް އެ ތަނެވެ.
ވަލުތެރެ ވަށައިގެން ރެދަންލަމުން، ވަށްބުރު ހަނިވަމުން އަންނަ ތަން ބަތޫރަށް ފެނެއެވެ. ބައްޓަމެއް ނެތް ހިޔަންޏެއްގެ ސިފައިގައި ބަތޫރު ހިރެމުން، ފަހަތަށް ޖެހުނެވެ. އެ ފަދަ ބޮޑު ލަސްކަރަކާ ކުރިމަތިލާނެ ހިތްވަރެއް ބަތޫރުގެ ނެތެވެ. ބަރުގާން އެކަނި ހުރި ނަމަ ތަފާތު ނަތީޖާއެއް ނެރެވުނީހެވެ. ސަލާމަތް ވުމަށް ޓަކައި ބަތޫރަށް އޮތް ހަމަ އެކަނި ގޮތަކީ ފިލުމެވެ. އެހެނަސް، ތަން ދޫކޮށްލާފައި ފިލާކަށް ބަތޫރުގެ ނަފުސު އެއްބަހެއް ނުވިއެވެ. އިސާހިތަކު މުޅި ރަށް ރެދަނުން އެއްކުލަކޮށް ނިންމައިލި އިރު، ކުލަނުހިފައި ހުރީ އެންމެ ތަންކޮޅެއްގައެވެ. އެ ތަންކޮޅު އެކި ކޮޅުކޮޅަށް ދުވުނެވެ. ފިލަން އުޅުނެވެ. ވިޔަޅުގެ ފައުޖު ހުސިޔާ ރުކަމާ އެކުގައި ފަހައި ދުވިއެވެ. ހަމަ ހިލާ ފިލިޔަކަ ނުދިނެވެ.
"ނުފިލޭނެ!" ބަރުގާން ބުންޏެވެ. "ތިހިރީ ބެދިފަ."
ކުއްލިއަކަށް ބޮޑު ހުޅުގަނޑެއް ފަޅައިގެންދިޔައެވެ. އެ އަލިފާން ގަސްތަކަކު ނުހިފައެވެ. ނުވެސް ފެތުރެއެވެ. އެ އަކުން ދުމެއް ނުމެއަރައެވެ. އަނދައަނދާ ހުރީއެވެ. ބައެއް ވިޔަޅު ފެޔަށް ޖެހިލިއެވެ. ކޮންމެ ވިޔަޅެއްގެ ލޮލުން ފެންނަނީ ދެ އަލިފާންކޮޅެވެ. ބައެއް ލޮލުން ނުތަނަވަސްކަން ފެންނަ އިރު، އަނެއްބައި ލޮލުން ފެންނަނީ ސާބިތުކަމާއި ބިރުކުޑަކަމެވެ.
"އަހަރެންގެ ކަންކަމުގެ ތެރެއަށް ބޭނެންޏާ ވަރަށް ހިތިވާނެ،" ބަތޫރު އިންޒާރު ދިނެވެ. "ބޮޑު ފައުޖެއް ގޮވައިގެން ތި އައީ. އެކަމަކު ކޮންމެ ފަހަރަކު ފައުޖެއް ނޯންނާނެ. މާދަމާ ކަލޭގެ ނަސީބު ވެސް މިހާ ރަނގަޅެއް ނުވާނެ. ވިސްނާލާ!"
"އަހަރެން މި ކަމާ ހަވާލުވީ ވިސްނާނެ ވަރަށް ވިސްނާފަ،" ބަރުގާން އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ.
"ކަލޭ ފޮރުވައިގެން ތި ގެންގުޅޭ އިންސި އަހަންނާ ހަވާލު ކޮށްފަ މި ތަނުން ރައްކާވޭ!"
"ގޯހެއް ތި ހަދަނީ!" ބަތޫރު ހަނދާން ކޮށްދިނެވެ. "އަހަރެން ނުދައްކަނީހެއް ކަލެއަކަށް އޭނައެއް ނުފެންނާނެ. މަރާލިޔަސް އޭނައެއް ނުދައްކާނަން."
"ދައްކާނެ،" ބަރުގާން ޔަގީންކަމާ އެކުގައި ބުންޏެވެ. "ކަލޭ ބޭނުމެއް ނުވާނެ އަހަރެން އަތުން މަރުވާކަށް."
ބަރުގާން އަޑެއްލައްވައިލިއެވެ. ހުރިހައި ވިޔަޅުތައް އެކުގައި އަޑެއްނެރިލައި މުޅި ރަށް ތޮރުފައިލިއެވެ. ފުއްޓަރަށް ބިންދައިލި ރާޅުން ބުރައިގެން ދިޔަ ލޮނުގަނޑު ރުއްތައް މަތީން އަނެއް ފަރާތަށް އޮހިގަތެވެ. ބަތޫރުގެ އަލިފާންގަނޑުގައި ލޮނުތިކިތައް ޖެހުމުން ހީވީ ތެޔޮ ތާހަކަށް ފެން ޖެހިގެންނެވެ. ގުގުރިއެއްގެ އަޑާ އެކު، ބޮޑު ސިންގާ ހުޅުގަނޑެއް ފަޅައިގެން ގޮސްފައި އަލިފާންގަނޑު ގެއްލުނެވެ. ހަމަހިމޭންކަން ވެރިވި އިރު، ބާރަ ވިޔަޅު މަރުވެފައި އޮތެވެ. އިތުރު ފަހެތި މަރަށް ތެޅުނެވެ. ސަލާމަތްވި ވިޔަޅުތައް އައިސް، އެކަތި ނަމަވެސް ސަލާމަތް ކުރެވޭތޯ ބެލިއެވެ. އެ ކަމެއް ނުވިއެވެ. ބިމާ އެއްކުލަވެ، އެ ސޫރަތައް ފޭދިގެން ގެއްލުނީއެވެ. ކައިރީގައި ހުރި ގަހެއްގައި ރެދަންލަމުން ރެދަންގަނޑު މައްޗަށް އެރިއެވެ. މުޅި ގަސް ދިއްލުނެވެ. ރާއިފު އޮތީ އެ ގަހުގައެވެ. ގަހަށް ތިރިކޮށްލި ބަރުގާންގެ އަތްދަނޑި މަތީގައި ރާއިފު ގެނެސް ބިންމަތީގައި ބޭއްވިއެވެ. އޭރު އެހެން ވިޔަޅެއް ފެންނާކަށް ނެތެވެ. ރާއިފުގެ މޫނަށް ބަލަހައްޓައިގެން ބަރުގާން ހުރި އިރު، ހަނދާނަށް އަންނަނީ އަތީލާ ދެއްކި ވާހަކައެވެ.
"އޭނަ އުމުރަށް ގެއްލުވާލާ!" އަތީލާ ބުންޏެވެ. "ވީނުވީއެއް ދައްތައަކަށް ނޭނގޭނެ. ހަމަ އެކަނި ގޮތަކީ އެއީ."
ރާއިފުގެ މޫނަށް ބަލަހައްޓައިގެން ހުރި އިރު ބަރުގާން ހިތަށްއެރިއެވެ. އަންޖަލްއަށް އެންމެ ރީތި ސިފައަކީ އެއީ ހެއްޔެވެ؟ އެ ނޫން ސިފައެއް ދެކެ އަންޖަލް ލޯތްބެއް ނުވާނެ ހެއްޔެވެ؟ ހުރިހައި ބާރެއް އޮތީ ބަރުގާން އަތުގައެވެ. ދެން ނުފެންނަ ގޮތަށް ރާއިފު ގެއްލުވައިލުމަކީ ބަރުގާން އަށް ވަރަށް ފަސޭހަކަމެކެވެ. އެހެނަސް ބުއްދިވެރި ކަމަކަށް ނުވެދާނެއޭ ބަރުގާން ހިތަށް އެރިއެވެ. ބަރުގާން ހަނދާން ވަނީ އަންޖަލްގެ ލޯބިލޯބި މޫނެވެ. އެއީ ހަނދާން ނައްތައިލަން ފަސޭހަ މޫނެއް ނޫނެވެ. ބަރުގާން އަށް އޮތީ އެންމެ ގޮތެކެވެ. ލޯތްބަށް ޓަކައި ބަރުގާންގެ ދުނިޔެ އާއި އެހެން އުފާތަކުން މަހުރޫމުވުމެވެ. ދިރިއުޅުމުގެ ހަމަ އެކަނި އުފަލަކަށް އަންޖަލް ހެދުމެވެ. ފަހު ފަހަރަށް ބަރުގާން ވިސްނައިލިއެވެ. އެއީ ނުދެވޭ ވަރުގެ ގުރުބާނީއެއް ނޫނެވެ.
އިރާކޮޅުގެ ވަގުތެވެ. އަންޖަލް ހުރީ ލޯގަނޑު ކައިރީގައެވެ. ލޮނުޒިޔާރަތް ފާކުގައި އޮންނަ ކައިވެނި ހަފުލާއަކީ، އަންޖަލް އެހައި ދާން ބޭނުންވާ ތަނެއް ނޫނެވެ. އެހެނަސް އާއިލާ މީހެއްގެ އުފަލުގައި މުޅި އާއިލާ ބައިވެރިވާ އިރު އަންޖަލް އެކަނި ބައިވެރި ނުވުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. މައްސަލައަކީ އަންޖަލްގެ މޫނެވެ. އެ މޫނު ކިހައި މިލައި މޯޅިވެއްޖެކަން އަންޖަލްއަށް އެނގެއެވެ. އެ ކަން ފޮރުވޭނެ ގޮތެއް ނެތެވެ. ރާއިފުއާ އެކުގައި އަންޖަލްގެ ހިނިތުންވުން ގެއްލިއްޖެއެވެ. ލޯގަނޑުން ފެންނަން ހުރި އަންޖަލްގެ ނިތްކުރިން ފެށިގެން ފައިތިލަޔާ ހަމައަށް އަންޖަލް ނަޒަރު ހިންގައިލިއެވެ. ހިތަށް އެރިއެވެ. އެ ހަށިގަނޑަކީ ރާއިފުގެ އަމާނަތެކެވެ. އެހެން މީހަކު އިނގިލި ކުރި ޖައްސައިލާކަށް ވެސް އަންޖަލް ހުއްދައެއް ނުދޭނެއެވެ. އެހެނަސް ދެން ވާނީ ކިހިނެއް ބާއެވެ؟
"ދަރިފުޅާ!" މާމަގެ އަޑު އިވުނެވެ.
އަންޖަލް ގޮސް ދޮރުގެ ނިވަލަށް ވަދެ، ކުޑަކޮށް ދޮރު ހުޅުވައިލިއެވެ.
"އަދި ވެސް ހެދުން ނުލާ؟" މުހުސިނާ ބުންޏެވެ. "ހުރިހާ އެންމެން ތައްޔާރު ވެއްޖޭ ދަރިފުޅާ!"
އަންޖަލް ހުރީ ފެންކަޅިވެފައެވެ. މުހުސިނާއަށް އެ ތަން ވެސް ފެނުނެވެ. ސަބަބެއް ނުވިސްނެއެވެ. ފަހަކަށް އައިސް އަންޖަލްގެ ލޮލަށް އަބަދު ކަރުނަ ޖަމާވެފައި ހުންނަނީ ކީއްވެގެން ހެއްޔެވެ؟ އަންޖަލް ހިނިތުން ނުވަނީ ކީއްވެގެން ހެއްޔެވެ؟
"މާމަ ދޭ! މި އަންނަނީ." އަންޖަލް ބުންޏެވެ.
ދޮރުލައްޕާފައި އަންޖަލް ގޮސް ހެދުމެއް ނެގިއެވެ. ނުލާތާ އެންމެ ދުވަސްވީ ހެދުމެވެ. ހެދުން ގަޔަށް މަހައިލަމުން ލޯގަނޑު ކައިރިއަށް ހުއްޓުނެވެ. އެންމެ ލާ ހިތްނުވާ، އެންމެ ކަޓު ހެދުން ލުމުން ވެސް އަންޖަލްގެ ރީތި ކަމަކަށް ބަދަލެއް ނާދެއެވެ. މައްސަލައަކީ އެއީ އެވެ. އަންޖަލް އަނދުނެއް ނާޅައެވެ. ތުންފަތުގައި ކުލައެއް ނުޖައްސައެވެ. ކަންފަތާއި ކަރު ވެސް ފަޅަށް ދޫކޮށްލީއެވެ. ކުއްލިއަކަށް އަންޖަލްގެ ލޮލުގައި އަޅައިގަތީ، އެނދުމަތީގައި އޮތް ބޮލުގަޖަހާ އެއްޗެކެވެ. ދުވަހަކު ވެސް އަންޖަލް ބޭނުންކުރި އެއްޗެއެް ނޫނެވެ. ކޮއްކޮއަކު ވެސް ގެންގުޅެނިކޮށް އަންޖަލް ދުށް އެއްޗެއް ނޫނެވެ. އަންޖަލްގެ ރަތް ހެދުމާ ގުޅެއެވެ. އެހެނަސް ކަޓު ގޮތެއް ހުއްޓެވެ. ތަންކޮޅެއް ބޮޑުހެން ވެސް ހީވެއެވެ. އަންޖަލް އިސްތަށިގަނޑުގައި އޭތި ޖައްސައިލިއެވެ.
"ނަލަ!" އަޑެއް އިވުނެވެ.
"އޭނ؟" އެހެން ބުނެފައި އަންޖަލް ފަހަތް ބަލައިލިއެވެ.
އެކަކު ވެސް ނެތެވެ. އެއީ އަންޖަލްގެ ވަހުމެކެވެ. ވިސްނައިލި އިރު، އިވުނުހެން އަންޖަލްއަށް ހީވީ ރާއިފުގެ އަޑެވެ. އެ ވަގުތު ހިނި އާދެވުނެވެ. ދެވަނަ ސިކުންތުގައި ހިތުގަ ޖެހުނެވެ. ރޮވުނެވެ.
"ވަރަށް ހަނދާންވޭ!" މަޑުމަޑުން އަންޖަލްއަށް ބުނެވުނެވެ.
"ދަރިފުޅާ!" ކާފަގެ އަޑު އިވުނެވެ.
އެކައްޗެއް ވެސް ބޮލުގަ ޖަހާކަށް އަންޖަލް ބޭނުމެއް ނޫނެވެ. ސެންޓެއް ވެސް ނުޖަހައެވެ. ބޮލުގަ ޖަހާ އެތި ޑުރެސިންޓޭބަލް މަތީގައި ބާއްވައިފައި، އިސްތަށިގަނޑުގައި އަތް ހިންގައިލައިފައި، ފުނާ ނާޅައި ނުކުންނަން ހިނގައިގަތެވެ. ގަޔަށް ހީވީ ފެން އެއްޗެއް އޮއްސައިލި ހެންނެވެ. (ނުނިމޭ)