ބަލި މީހެއްގެ މައުލޫމާތު ހާމަކޮށް އައިޖީއެމްއެޗުން ނެރުނު ބަޔާން ގާނޫނާ ހިލާފް ކަމަށް ބުނެފި
ބަލި މީހެއްގެ މައުލޫމާތު ހާމަކޮށް އައިޖީއެމްއެޗުން ނެރުނު ބަޔާން ގާނޫނާ ހިލާފް ކަމަށް ބުނެފި

ރޭ އެމްޑީޕީން ކުރި މުޒާހަރާގެ ތެރޭގައި ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުންދާ މީހާގެ ހާލަތު ބަޔާންކޮށް އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާން ސިއްހީ ހިދުމަތުގެ ގާނޫނާ ހިލާފަށް ކަމަށް ބައެއް ވަކީލުން ވިދާޅުވެއްޖެ އެވެ.

ހާޓް އެޓޭކެއް ޖެހި، ހާލު ސީރިއަސްވެފައި ވަނީ އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އެވެ. ރޭ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅުވުމުން މިހާރު ސީސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭނާގެ ހާލަތު ބަޔާންކޮށް، ފަރުވާ އާއި ބަލި ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗް ނެރުނު ބަޔާނާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ބައެއް ވަކީލުން ވަނީ އެއީ ގާނޫނާ ހިލާފަށް އެ ހޮސްޕިޓަލުން ކުރި ކަމެއްކަން ފާހަގަކޮށްފަ އެވެ.

ވަކީލް އިބްރާހިމް ޝަމީލް ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި އެކަން ސިއްހީ ހިދުމަތުގެ ގާނޫނުގެ 40 ވަނަ މާއްދާއާ ހިލާފެވެ.

އެ މާއްދާގައި ބުނެފައިވަނީ ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ ހާލަތާއި، އޭނާއަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާއާއި، އެނޫން ވެސް އޭނާގެ ސިއްހީ ހާލަތާއި އޭނާ ލިބިގަތް ހިދުމަތާ ގުޅުންހުރި އެންމެހައި މައުލޫމާތަކީ، ސިއްރު އަދި އިމްތިޔާޒު ލިބިފައިވާ މައުލޫމާތު ކަމަށެވެ. ވަކި ހާލަތެއްގައި ފިޔަވައި އެހެން އެއްވެސް ހާލަތެއްގައި މި މާއްދާގެ އެފަދަ މައުލޫމާތެއް، އެއްވެސް ފަރާތަކުން ކަމާނުބެހޭ ފަރާތަކަށް ހާމަކޮށްގެންނުވާނެ ކަމަށް އެ މާއްދާގައި އޮވެ އެވެ.

އެ ހާލަތްތަކަކީ:

- ހިދުމަތް ލިބިގަންނަ ފަރާތުން ލިޔުމުން ހުއްދަ ދިނުމުން؛

- ކޯޓު އަމުރަކުން އެންގުމުން؛

- ގާނޫނަކުން ލިބިދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވާ މައުލޫމާތެއް، އެ ގާނޫނަކުން ފޯރުކޮށްދިނުމަށް ލާޒިމުކުރާ ފަރާތަކަށް ފޯރުކޮށްދިނުމުގެ ގޮތުން؛

- މީހެއްގެ ޒިންމާ އަދާކުރުމަށް، ސިއްހީ ހިދުމަތްދޭ ތަނެއްގައިވާ އެއްވެސް ބަލިމީހަކާބެހޭ މައުލޫމާތެއް ނުވަތަ އޭނާއާ ގުޅޭގޮތުން ބަހައްޓާފައިވާ ރެކޯޑުތަކުގެ ތެރެއިން އެއްވެސް ރެކޯޑެއް ބަލަން ބޭނުންވެގެން އެފަރާތުން ލިޔުމުން އެ މައުލޫމާތު ހޯދަން އެދުމުން؛

މި މާއްދާއާ ހިލާފަށް އަމަލު ކުރުމަކީ ކުށެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ 10,000 އާއި 100,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ތަކުރާރުކޮށް މިކުށް ކޮށްފި ނަމަ ޖޫރިމަނާކުރުމުގެ އިތުރުން، އެ މީހަކު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް ވެސް ބަޔާންކުރެ އެވެ.

އައިޖީއެމްއެޗުން ރަސްލާންގެ ހާލު ރަނގަޅު ކަމަށް މިރޭ ބުނިއިރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ހާލު ސްޓޭބަލް ނޫން ކަމަށާއި އިތުރު ސާޖަރީތަކެއް ހެދުމުގެ މަސައްކަތް ވެސް އައިޖީއެމްއެޗްގެ ޑޮކްޓަރުން ކުރަމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެ ވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. އެހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުންޏެވެ.

"ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓްއެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން" ކަމަށް ބަޔާނުގައި ބުންޏެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ "ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން" ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ. ހޮސްޕިޓަކުން ބުނީ ރޭ މުޒާހަރާގެ ތެރެއިން ހާޓްއެޓޭކެއް ޖެހުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެހެންވެ މިހާރު ފަރުވާ ދެމުން އަންނަނީ ސީސީޔޫގައި ބާއްވައިގެން ކަމަށެވެ.