05 އޮކްޓޯބަރ 2025 - 00:00

މެންޗެސްޓާ (އޮކްޓޫބަރު 4) - ސަންޑަލެންޑް އަތުން 2-0 އިން މުހިއްމު މޮޅެއް ހޯދައި، އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް ހަމަޖެހިލައިފި އެވެ.

ޔުނައިޓެޑްގެ ދެ ގޯލު ވެސް ޖަހާފައި ވަނީ މިރޭގެ މެޗުގެ ފުރަތަމަ ހާފުގަ އެވެ. އެޓީމަށް ލަނޑުތައް ޖަހައިދިނީ މޭސަން މައުންޓާއި ބެންޖަމިން ސެސްކޯ އެވެ.
މި ހާފުގައި ސަންޑަލެންޑްގެ ގްރޭނިޓް ޒާކާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލްކީޕަރު ސެން ލެމެންސް ވަނީ ދިފާއު ކޮށްފަ އެވެ. މިއީ ބެލްޖިއަމްގެ އޭންޓްވާޕް އިން ޑެޑްލައިންޑޭގައި ޔުނައިޓެޑުން ގެނައި ކީޕަރު އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.
ހަމައެއާއެކު މި ހާފު ނިމެނިކޮށް ސެސްކޯ ކުށެއް ކުރި ކަމަށް ބަލައި ސަންޑަލެންޑުން އެޕީލް ކޮށްގެން ޕެނަލްޓީއެއް ހޯދަން ކުރި މަސައްކަތް ވީއޭއާރުން ވަނީ ނާކާމިޔާބު ކޮށްލައިފަ އެވެ.
"ވަރަށް މުހިއްމު ކްލީންޝީޓް. މުޅި މެޗުގައި އެންމެ ރަނގަލަކަށް ނުކުޅެވޭ އެކަމަކު ވަގުތުތަކެއ ދިޔަ ރަނގަޅަށް ކުޅެވުނު. ޖުމްލަކޮށް ބަލާނަމަ ޓީމެއްގެ ގޮތުގައި ކުޅެވުނު މެޗެއް މިއީ. އޭނާ [ލެމެންސް] ގެ ފުރަތަމަ މެޗާ ބަލާފަ ވަރަށް އިތުބާރާ އެކު ކުޅުނީ. ބުނެވިދާނެ އެހެން ކުޅުންތެރިން ވެސް ވަނީ އޭނާ މޮޅަށް ކުޅެން އެހީވެފައޭ. އެއީ ހުރިހާ ކުޅުންތެރިންގެ ވެސް ފޯކަސް ހުރީ މެޗަށް،" މެޗަށް ފަހު އަމޯރިމް ބުންޏެވެ.
"މިރޭގެ މެޗުން އެނގިއްޖެ ކުޅުންތެރިން އެމީހުންގެ ބެސްޓް ދޭޏް ބޭނުންވެފައިތިބިކަން. އަދި ކޯޗު ބަދަލުކުރަން ވެސް އެމީހުން ބޭނުން ނުވާކަން ހާމަވެއްޖެ."
މި ނަތީޖާއާއެކު ޔުނައިޓެޑް މިވަނީ މިދިޔަ ހަފްތާ ބްރެންޓްފޯޑް އަތުން ވީ ބައްޔަށް ފަހު ކޯޗު އަމޯރިމްގެ ޕްރެޝަރު ލުއި ކޮށްލައިފަ އެވެ. ޔުނައިޓެޑް ވަނީ މިހާތަނަށް ކުޅުނު ހަތް މެޗުން 10 ޕޮއިންޓް ހޯދައި، ކުރީގައި އޮތް ޓީމުތަކާ ފަރަގު ކުޑަކޮށްފަ އެވެ.
އިންޓަނޭޝަންލް ބްރޭކަށް ފަހު މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ޔުނައިޓެޑް ނުކުންނާނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށެވެ.