އެލްއާރުއޭޑީ ބޭނުންކުރި އޮފިސަރުގެ މައްސަލަ ބޭރުގެ އިދާރާތަކަށް ހުށަހަޅައި، ޓޯޗާގެ ދައުވާކުރަނީ
އެލްއާރުއޭޑީ ބޭނުންކުރި އޮފިސަރުގެ މައްސަލަ ބޭރުގެ އިދާރާތަކަށް ހުށަހަޅައި، ޓޯޗާގެ ދައުވާކުރަނީ

ރޭގެ މުޒާހަރާގައި، ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ސޮނިކް ވެޕަން ބޭނުންކުރި ފުލުހުންގެ އޮފިސަރުގެ މައްސަލަ ބޭރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައި، އެކަމާ ގުޅިގެން އެންޓި-ޓޯޗާ މުއާހަދާގެ ދަށުން ކުރެވެން ހުރި ދައުވާތައް ކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ ސޮނިކް ވެޕަން ބޭނުން ކުރުމުގެ ސަބަބުން ބައެއް އާންމުންނަށް ސިއްހީ ގޮތުން އެކި މައްސަލަތަައް ދިމާވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރަން އެ އަލާތް ރާއްޖޭގައި ބޭނުންކުރީ ފުރަތަމަ ފަހަރަށެވެ.

ކާރުބާރު ބޮޑު، އާންމުންގެ ގެތަކާއި ފިހާރަތައް ވެސް ގިނަ މަޖީދީމަގުގައި އެލްއާރުއޭޑީ ބޭނުންކުރުމާ ގުޅިގެން ސަރުކާރަށާއި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވިދާޅުވީ، އެކަމާ ގުޅިގެން ކުރެވެން ހުރި ދައުވާތަކަކީ ކޮބައިކަން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ގާނޫނީ ވަކީލުން މިހާރު އެ ދަނީ ބަލަމުން 'ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ޓްރިޓީ'ގެ ދަށުން، އެ ބޭނުންކުރުމާ ގުޅިގެން ކުރެވިދާނެ ދައުވާތަކަކީ ކޮބައިކަން،" ފައްޔާޒު ވިދާޅުވި އެވެ.

އޭގެއިތުރުން "ވަރަށް ހެވިފައި ހުރެ" އެ އަލާތް އާންމުންނަށް އަމާޒުކޮށް ބޭނުންކުރި ފުލުސް އޮފިސަރުގެ މައްސަލަ އެފަދަ މައްސަލަތައް ހުށަހެޅޭ ދުނިޔޭގެ ހުރިހާ ތަނަކަށް ވެސް ހުށަހަޅާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ފުލުހުން، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން ވިޔަސް ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާ ނަމަ، އެ ބަޔަކާ މެދު ފިޔަވަޅު އަޅަން އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީން ރައްޔިތުންނަށް ލިބޭ ހައްގުތައް ނިގުޅައިގަންނަން ބައިވެރިވާ މީހުން، އޭގެން އެހެން ރައްޔިތުންނަށް އެ ލިބޭ އަނިޔާ އަކީ ތިޔަބޭފުޅުންގެ ވަޒީފާ ރައްކާތެރިކުރުމަށްޓަކައި އަނެކާއަށް ލިބޭ އަނިޔާއެއް ބަލައެއް ނުގަނެވޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި އޮންނާނެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާން ނުޖެހޭނެ ކަމަށް. އެ ބޭފުޅުންގެ ވަޒީފާގެ ބިރުގައި އެކަން ކުރުމަކީ އެއީ އެ ބޭފުޅުންނަށް އެކްސްކިއުޒަކަށް ދެއްކޭނެ އެއްޗެއް ނޫން."

އެލްއާރުއޭޑީއަކީ މުޒާހަރާތައް ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އެ އާލަތް ބޭނުންކުރަނީ މުޒާހަރާ ކުރާ މީހުންނަށް އިންޒާރު ދިނުމަށެވެ. އަދި ފުލުހުންގެ އަމުރަށް ތަބާނުވެއްޖެ ނަމަ ކަންފަތަށް އުނދަގޫވާ ވަރުގެ ވަރަށް ތޫނު އަޑެއް އެއިން ފޮނުވަ އެވެ.

ފުލުހުން ރޭގެ މުޒާހަރާގައި އެ އާލާތް ބޭނުންކުރީ 11 ޖަހަން ކައިރިވެފައިވާ ހުއްޓަ އެވެ. އެއާ އެކު، އެ ސަރަހައްދުގައި ވަރަށް ބާރު އަޑެއް އިރުގަނޑެއް ވަންދެން އިވެން ހުއްޓެވެ. އެ އަޑު އިވުމާ އެކު، މުޒާހަރާގެ ބައިވެރިންނާއި އާންމުންނަށް އުނދަގޫވެގެން ގިނަ ބަޔަކު އެ ވާހަކަ ދެއްކި އެވެ.

މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. ރޭގައި ފުލުހުން މި އާލާތް ބޭނުންކުރީ އާންމުންނާއި ފުލުހުންނާ ދެމެދުގައި ޝީލްޑް ޖަހައިފައި ހުރި ހިސާބުގައި ތިބެގެންނެވެ. މީގެން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.

އެ އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.

ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.

އާޓިފިޝަލް ބީޗަށް ޖަމާވުމަށް ފަހު މަޖީދީމަގުން ހިނގާފައި ދާން އުޅުމުން މުޒާހަރާ ހުއްޓުވައި އަށް މީހަކު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނީ އެކަން އެގޮތަށް ކުރަންޖެހުނީ ކުރިން މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފުވެފައިވާތީ ކަމަށެވެ. މަޖީދީމަގުން ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނަސޭހަތްދީ އިލްތިމާސްކޮށްފައިވާނެ ކަމަށާއި އެކަމަކު މުޒާހަރާގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލީ ކަމަށް ބަޔާނުގައިވެ އެވެ.