04 އޮކްޓޯބަރ 2025 - 22:11

އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ސަރުކާރަށް ކުރި ޑިމާންޑުތަކަށް އިޖާބަ ނުދީފި ނަމަ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އަނެއްކާވެސް ބޮޑު މުޒާހަރާއެއް ކުރަން އެ ޕާޓީން މިރޭ ނިމްމައިފި އެވެ.
"ލޫޓުވާލައިފި" ނަމުގައި ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފައިވާއިރު، އެ އެއްވުމަކީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ދިން "އިންޒާރެއް" ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އާޓިފިޝަލް ބީޗުގައި ރޭގެ ނުވައެއް ޖެހިއިރު ފެށި ބޮޑު އެއްވުމުގެ ބައިވެރިން ފުލުހުންނާ އެކު އެމްޑީޕީން ވި އެއްބަސްވުމާ ހިލާފަށް މަޖީދީ މަގުން ދާން އުޅުމުން ފުލުހުން އެ މީހުންނަށް ހުރަސް އެޅި މައްސަލަ ކުށްވެރިކޮށް މިރޭ ބޭއްވި ގައުމީ މަޖިލީހަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ގަރާރެއް ހުށަހެޅުއްވި އެވެ. އެ ގަރާރުގައި ގޮވައިލީ ރޭގެ އެއްވުމުން ހައްޔަރުކުރި 8 މީހުންގެ ތެރެއިން ބަންދުކުރި ހަ މީހުން ދޫކޮށްލުމަށެވެ.
މީގެ އިތުރުން، ރައްޔިތުންގެ އަސާސީ ހައްގުތައް ދިފާއުކުރަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލުމަށާއި ރޭގެ މުޒާހަރާގައި ކުރި ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބޮޑު މުޒާހަރާއެއް ކުރަން އިގުރާރުވުމަށް ވެސް ގަރާރުގައި ވަނީ ބަޔާންކޮށްފަ އެވެ. ގައުމީ މަޖިލިހަށް ވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ގަރާރު ފާސްކުރި އެވެ.
ނޮވެމްބަރު 17 އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ފުރޭ ދުވަހެވެ.
އެމްޑީޕީގެ ގަރާރަށް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ހިމެނެ އެވެ.
ޝާހިދު ވިދާޅުވީ ރޭ އެމްޑީޕީން ވާނީ ޑިމާންޑްތަކެއް ކޮށްފައި ކަމަށާއި އޭގެ ތެރޭގައި ގާނޫނުއަސާސީ އަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލު އުވާލުން ހިމެނޭ ކަމަށެވެ. އަދި މީޑިއާ ކޮންޓްރޯލް ކުރަން ހަދާފައިވާ ގާނޫނު އުވާލުމަށާއި ޕްރައިވެޓް ސެކްޓާއަށް ޖެއްސުން ކުރުން ހުއްޓާލުމަށް ވެސް ޑިމާންޑްކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ސަރުކާރުން ކުރަންވީ ކަމަކީ އަޅުގަނޑުމެން ކޮށްފައިވާ ޑިމާންޑްތައް ދިރާސާކޮށް މާދަމާ ވިޔަސް އެއަށް ފިޔަވަޅު އަޅަންވީ. ރައްޔިތުންނާ ހަމައަށް ފައިބާވަޑައިގަންނަވަންވީ. ރައްޔިތުންގެ ޝުއޫރުތައް އަޑުއައްސަވަންވީ،" ޝާހިދު ވިދާޅުވި އެވެ.
"މިކަންކަން މި މަގަށް ނުދާ ކަމަށްވާ ނަމަ އަޅުގަނޑުމެން 17 ނޮވެމްބަރާ ހަމައިގައި އަނެއްކާވެސް އަޅުގަނޑުމެން ތިބޭނީ މަގުމަތީގައި."
އެމްޑީޕީގެ މުޒާހަރާ ފަށަމުން އިއްވި ފަސް ޑިމާންޑަކީ؛
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިއުން،
- އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭ ދޭން ފެށުން،
- ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އުވާލުން،
- މީޑިއާ ރެގިއުލޭޝަން ގާނޫނު އުވާލުން،
- އާސަންދަ އާއި ބޭސްފަރުވާ އަދި ބޭސް ހަމައަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެމްޑީޕީގެ އެއްވުމަށް ގިނަ އަދަދެއްގެ މީހުން ޖަމާވިއިރު، އެ އެއްވުމުގެ ބައިވެރިން މަޖީދީމަގަށް ނުކުތުމާ އެކު، ފުލުހުން ހުރަސް އަޅައި އެ މުޒާހަރާ ހުއްޓުވި އެވެ. ފުލުހުން ބުނީ، އެމްޑީޕީއާ އެކު އޭގެ ކުރިން ބޭއްވި ބައްދަލުވުމުގައި އެއްބަސްވީ އެ އެއްވުން އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ބާއްވާށެވެ. މަޖީދީ މަގުން އެއްވުމުގެ ބައިވެރިން ދާން އުޅެ، ފުލުހުންގެ ސަފުތައް ފޫއަޅުވައިލަން އުޅުމުން ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ އެވެ.
ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާ ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ތުހުމަތު ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އެންމެ ބޮޑަށް ފާޑުކިޔުުން އަމާޒުވެފައިވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރި މައްސަލައިގަ އެވެ.
އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ މި އާލާތް ބޭނުން ކުރުމުގެ ސަބަބުން ބައެއް އާންމުންނަށް ސިއްހީ ގޮތުން އެކި މައްސަލަތަައް ދިމާވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އެ އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.