ޕެޕަސްޕްރޭ އަކީ އޭގެ ޒާތުން ހާޓްއެޓޭކް ޖެހޭ އެއްޗެއް ނޫން: އައިޖީއެމްއެޗް
ޕެޕަސްޕްރޭ އަކީ އޭގެ ޒާތުން ހާޓްއެޓޭކް ޖެހޭ އެއްޗެއް ނޫން: އައިޖީއެމްއެޗް

އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހުއްޓާ މީހަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާދެމުންދަނިކޮށް، ޕެޕާ ސްޕްރޭއަކީ އޭގެ ޒާތުގައި ހާޓްއެޓޭކް ޖެހެން މެދުވެރިވާނެ އެއްޗެއް ނޫން ކަމަށް ބުނެ އައިޖީއެމްއެޗުން މިރޭ ބަޔާނެއް ނެރެފި އެވެ.

ހާޓް އެޓޭކެއް ޖެހި، ހާލު ސީރިއަސްވެފައި ވަނީ އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އެވެ. ރޭ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅުވުމުން މިހާރު ވަނީ ސީސީޔޫއަށް ބަދަލުކޮށްފަ އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެ ވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. އެހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުންޏެވެ.

"ޕެޕާސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓްއެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން" ކަމަށް ބަޔާނުގައި ބުންޏެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނީ "ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން" ސިއްހީ މައްސަލައެއް ހުންނަ މީހަކަށް ހާޓްއެޓޭކެއް ޖެހުން ފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ. ހޮސްޕިޓަކުން ބުނީ ރޭ މުޒާހަރާގެ ތެރެއިން ހާޓްއެޓޭކެއް ޖެހުނު މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އެހެންވެ މިހާރު ފަރުވާ ދެމުން އަންނަނީ ސީސީޔޫގައި ބާއްވައިގެން ކަމަށެވެ.

ރޭގެ މުޒާހަރާގެ ބައިވެރިއަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، މުޒާހަރާ ކޮންޓްރޯލް ކުރަން އުޅުނު ތިން ފުލުހަކަށް އަނިޔާވެގެން ވެސް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނު ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މުޒާހަރާގައި ފުލުހުންނަށް އަނިޔާވި ކަމަށް ބުނިއިރު، ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާ ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ތުހުމަތު ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އެންމެ ބޮޑަށް ފާޑުކިޔުުން އަމާޒުވެފައިވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރި މައްސަލައިގަ އެވެ.

އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ މި އާލާތް ބޭނުން ކުރުމުގެ ސަބަބުން ބައެއް އާންމުންނަށް ސިއްހީ ގޮތުން އެކި މައްސަލަތަައް ދިމާވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އެ އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.

ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.

އާޓިފިޝަލް ބީޗަށް ޖަމާވުމަށް ފަހު މަޖީދީމަގުން ހިނގާފައި ދާން އުޅުމުން މުޒާހަރާ ހުއްޓުވައި އަށް މީހަކު ހައްޔަރުކޮށްފައިވެ އެވެ.