ފްލޮޓީލާގެ 140 އަށްވުރެ ގިނަ މީހުން އިޒްރޭލުން ޑީޕޯޓްކޮށްފި
ފްލޮޓީލާގެ 140 އަށްވުރެ ގިނަ މީހުން އިޒްރޭލުން ޑީޕޯޓްކޮށްފި

ޣައްޒާގެ ހިސާރު ނިމުމަކަށް ގެނެސް އެހީގެ މަގުތައް ހުޅުވާލަން ކަނޑުމަގުން ޣައްޒާއަށް ވަންނަން މަސައްކަތްކުރަނިކޮށް އިޒްރޭލުން ހުއްޓުވި ގްލޯބަލް ސުމޫދް ފްލޮޓީލާގައި ހިމެނުނު 140 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑީޕޯޓްކޮށްފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އެކި ގައުމުތަކުން 400 އަށް ވުރެ ގިނަ މީހުން 40 އަށް ވުރެ ގިނަ އުޅަނދުގައި ޣައްޒާއަށް ވަންނަން ދަނިކޮށް ބުރާސްފަތި ދުވަހު އިޒްރޭލުން ވަނީ ހުރިހާ އުޅަނދެއް ހުއްޓުވައި އެންމެން ހައްޔަރުކޮށްފަ އެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އުޅަނދުތައް ހުއްޓުވައި މީހުން ކިޑްނެޕްކުރީ ކަމަށް ފްލޮޓީލާ އިން ވަނީ ބުނެފަ އެވެ. އަދި އެކަން އެކި ގައުމުތަކާއި ޖަމާއަތްތަކުން ގެންދަނީ ކުށްވެރިކުރަމުންނެވެ.

އިޒްރޭލުން އިއްޔެ ވަނީ މި މީހުންގެ ތެރެއިން އިޓަލީގެ ހަތަރު މީހަކު ޑީޕޯޓްކޮށްފަ އެވެ. އަދި މިއަދު 137 މީހަކު ޑީޕޯޓްކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި އެމެރިކާ، އިޓަލީ، ޔޫކޭ، ސްވިޓްޒަލެންޑް، ޖޯޑަން އަދި އެކި ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް އިޒްރޭލުން ބުންޏެވެ.

ފްލޮޓީލާގައި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓު ގްރެޓާ ތަންބާގް އާއި ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންގެ އިތުރުން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާ އެތައް އެކްޓިވިސްޓުންނެއް ބައިވެރިވި އެވެ.