04 އޮކްޓޯބަރ 2025 - 19:32

އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާ ހުއްޓުވަން ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެގެން ފަރުވާދޭން ޖެހުނު ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ރޭގެ މުޒާހަރާ ކޮންޓްރޯލްކުރަން ހަރަކާތްތެރިވި އަންހެން ފުލުހަކަށާއި ފިރިހެން ދެ ފުލުހަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން ދެ މީހަކަށް ސެނެހިޔާ ހޮސްޕިޓަލްގައި ފަރުވާދިންއިރު، އަނެއް އޮފިސަރަށް ފަރުވާދިނީ ފުލުހުން ބުނި ގޮތުގައި އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
ފުލުހުން ބުނި ގޮތުގައި އަންހެން ފުލުސް އޮފިސަރަށް އަނިޔާވީ ޝީލްޑާ އެކު ވެއްޓިފައި އޮއްވައި އެއްވުމުގެ ބައިވެރިން އެ އޮފިސަރުގެ ގައިމަތިން ހިނގުމުގެ ސަބަބުންނެވެ.
އަނެއް ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވީ ބެރިކޭޑުން ޖެހުމުގެ ސަބަބުން ކަމަށާއި އަނެއް އޮފިސަރަށް އަނިޔާވީ ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.
މުޒާހަރާގައި ފުލުހުންނަށް އަނިޔާވި ކަމަށް ބުނިއިރު، ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާ ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ތުހުމަތު ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އެންމެ ބޮޑަށް ފާޑުކިޔުުން އަމާޒުވެފައިވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރި މައްސަލައިގަ އެވެ.
އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ މި އާލާތް ބޭނުން ކުރުމުގެ ސަބަބުން ބައެއް އާންމުންނަށް ސިއްހީ ގޮތުން އެކި މައްސަލަތަައް ދިމާވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އެ އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.
އާޓިފިޝަލް ބީޗަށް ޖަމާވުމަށް ފަހު މަޖީދީމަގުން ހިނގާފައި ދާން އުޅުމުން މުޒާހަރާ ހުއްޓުވައި އަށް މީހަކު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނީ އެކަން އެގޮތަށް ކުރަންޖެހުނީ ކުރިން މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފުވެފައިވާތީ ކަމަށެވެ. މަޖީދީމަގުން ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނަސޭހަތްދީ އިލްތިމާސްކޮށްފައިވާނެ ކަމަށާއި އެކަމަކު މުޒާހަރާގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލީ ކަމަށް ބަޔާނުގައިވެ އެވެ.