04 އޮކްޓޯބަރ 2025 - 18:58

އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކުރީ ގަވާއިދުތަކުން ފުލުހުންނަށް ހުއްދަ ބާރުތައް ބޭނުންކޮށްގެން ކަމަށް ބުނެ، ތުހުމަތުތަކަށް ފުލުހުން ރައްދު ދީފި އެވެ.
ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާ ހުއްޓުވަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވެފައި ވާއިރު އެންމެ ބޮޑަށް ފާޑުކިޔުުން އަމާޒުވެފައިވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރި މައްސަލައިގަ އެވެ. އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ މި އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.
"... އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެ ކަމުގައި ވެސް ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.
އާޓިފިޝަލް ބީޗަށް ޖަމާވުމަށް ފަހު މަޖީދީމަގުން ހިނގާފައި ދާން އުޅުމުން މުޒާހަރާ ހުއްޓުވައި އަށް މީހަކު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނީ އެކަން އެގޮތަށް ކުރަންޖެހުނީ ކުރިން މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފުވެފައިވާތީ ކަމަށެވެ. މަޖީދީމަގުން ހިނގާލުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ނަސޭހަތްދީ އިލްތިމާސްކޮށްފައިވާނެ ކަމަށާއި އެކަމަކު މުޒާހަރާގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލީ ކަމަށް ބަޔާނުގައިވެ އެވެ.
"... ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލައިލުމާއި ފުލުހުން ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުން ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާ ހިލާފް ހަރަކާތްތަކެއް ހިންގާފައިވެ އެވެ،" ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވެސް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މުޒާހަރާ ހުއްޓުވީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި ސިފަ ގެއްލިފައިވުމާއި ހުއްދަ ނޫން ތަނަކަށް އެއްވާން މަސައްކަތްކުރުމުންނެވެ.
ފުލުހުން ބުނީ "... ގާނޫނު ނެގެހެއްޓުމުގެ ގޮތުން މި ހިދުމަތުގެ ފަރާތުން ނަސޭހަތާއި އިންޒާރު ދިނުމަށް ފަހު އެއް އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާ އެކު ކޮށްފައިވާނެ" ކަމަށެވެ.