04 އޮކްޓޯބަރ 2025 - 18:41

އެމްޑީޕީން އިސް ނަގައިގެން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުން ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުމަކަށް ބަދަލުވުމާ ގުޅިގެން އެއީ ޓެރަރިޒަމްގެ ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ސިފަކުރައްވައި ފާޑުވިދާޅުވެއްޖެ އެވެ.

ރޭގެ ނުވައެއް ޖެހިއިރު އާޓިފިޝަލް ބީޗުގައި "ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އެއްވުން ފެށި ނަމަވެސް އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކޮށްލުމާ އެކު، އެ މީހުންނާއި ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުންތަކެއް ހިނގި އެވެ. އެ މީހުން ފަހަތަށް ޖައްސަން ފުލުހުން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ބޭނުންކުރިއިރު ބައެއް މީހުންނަށް އަނިޔާވި އެވެ.

އެ ކަންކަމާ ގުޅިގެން ނައިބު ރައީސް ހުސައިން އެކްސްގައި ވިދާޅުވި ގޮތުގައި އެއީ ސުލްހަވެރި އިހުތިޖާޖެއްގެ ނަމުގައި ގައުމުގެ ސުލްސަމަސަލަސްކަން ނަގާލައި ހަލަބޮލި ކުރުމަށް އެމްޑީޕީން ބޭއްވި ހަރަކާތެކެވެ. އަދި އެ ކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެއީ ރައްޔިތުންގެ ބާރާއި ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީ އާއި ގާނޫނު ހުއްދަ ކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރާވައިގެން ހިންގި ޓެރަރިޒަމްގެ ހަރަކާތެއް ކަމަށް ސިފަކުރައްވާ ކަމަށެވެ.

"އަދި އެތައް ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީން ވަކާލާތު ކުރަމުން އަންނަ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ގަބޫލުފުޅު ކުރައްވަ އެވެ.

ނައިބު ރައީސް ވިދާޅުވީ އެއްވުން ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ފުލުހުން ތަކުރާރުކޮށް ބުނެފައި ވަނީ ރޭގެ އެއްވުން މަޖީދީ މަގުން ކުރިއަށް ގެންދަން އެމްޑީޕީން މަސައްކަތް ކޮށްފައި ވަނީ އެ ޕާޓީ އާއި ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެއްބަސްވި ގޮތާ ހިލާފަށް ކަމަށެވެ. އަދި ހުއްދަ ދިނީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުން ކުރިއަށް ދާން ކަމަށް ބުންޏެވެ.
ނަމަވެސް އެމްޑީޕީން ބުނީ، އެއްބަސްވުމާ ހިލާފުވީ ފުލުހުން ކަމަށާއި އެ ޕާޓީން ގުރޫޕުތައް ނެރެ ހަމަނުޖެހުން ހިންގާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ދެ ދުވަސް ކުރިން ބަޔާން ނެރުނީ ވެސް ފުލުހުން ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ރޭ ބުންޏެވެ.
ރޭގެ އެއްވުމުގެ ތެރެއިން 8 މީހަކު ހައްޔަރުކޮށް އެކަކު ފިޔަވައި އެންމެންނަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ މުއްދަތަށް ބަންދު ޖެހި އެވެ. އެކަމަކު، އޭގެ ފަހުން އޭގެ ތެރެއިން އެކަކު ވަނީ މިއަދު ހަވީރު ދޫކޮށްލައިފަ އެވެ. އެއީ އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރެވެ.