ރޭގެ މުޒާހަރާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހުނު މީހަކަށް އައިސީޔޫގައި ފަރުވާދެނީ
ރޭގެ މުޒާހަރާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހުނު މީހަކަށް އައިސީޔޫގައި ފަރުވާދެނީ

އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އެބަދެ އެވެ.

ހާޓްއެޓޭކެއް ޖެހި، ހާލު ސީރިއަސްވެފައި ވަނީ އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އަށެވެ.

އައިޖީއެމްއެޗުގެ އައިސީޔޫގައި މިހާރު ވެސް އަންނަނީ އޭނާ އަށް ފަރުވާދެމުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުން ކުށްވެރި ކުރާ ކަމަށެވެ. އަދި ރަސްލާނަށް ހާޓްއެޓޭކް ޖެހުނީ އޭނާ ގަޔަށް ފުލުހުން ޕެޕާސްޕްރޭ ޖަހައި، ތޫނު އަޑު ފޮނުވާ އެލްއާރުއޭޑީ ހަތިޔާރު ބޭނުންކުރި ފަހުން ސިއްހީ ހާލަތު ގޯސްވެގެން ކަމަށް އިބޫ ތުހުމަތު ކުރެއްވި އެވެ.

ރައްޔިތުންގެ އަޑު ކަނޑުވާލަން މިގޮތަށް އަނިޔާވެރިވުމަކީ ސަރުކާރަކުން ގާނޫނަށް ތަބާނުވާކަމުގެ ހެއްކެއް ކަމަށް އިބޫ ވިދާޅުވި އެެވެ.

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ވެސް ވަނީ ފުލުހުން އަމަލުތައް ކުށްވެރިކޮށްފަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، ރޭގެ މުޒާހަރާއިން 8 މީހަކު ހައްޔަރުކޮށްފައިވެ އެވެ.