04 އޮކްޓޯބަރ 2025 - 13:31

މާލޭގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިނދެގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމުގެ ހުއްދަ ދީފަ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ރަތަފަންދޫ، ނީލްވިލާ، މުހައްމަދު ސުހައިލް، 33، އާއި ހދ. ކުޅުދުއްފުށި، ކަސްތޫރިގެ، އަހްމަދު އަލީ، 37، އެވެ.
ބަންދުގެ އަމުރުގައި ބުނީ އެ ދެމީހުންނަކީ ވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ.
އެ އަނބު ގަހަކީ މަގުމައްޗަށް ވާ ގޮތަށް ހުރި ގަހެއް ކަމަށް ވާތީ، އެ ގަހުން އަނބު ބިނުމަކީ މަނާކަމެއް ކަން ނޭނގޭ ކަމަށް އެ ދެމީހުން ކޯޓުގައި ބުނެފައިވެ އެވެ. އަނބު ބިނީ ގަހަށް އަރައިގެން ނޫން ކަމަށާއި ބިންމަތީގައި ހުރެގެން އަތްލެވޭ ވަރަށް ހުރުމުން އަނބު ބިނީ ކަމަށް އެ މީހުން ބުންޏެވެ.
އެ ގަހުން އެ މީހުން ބިނީ އެންމެ ހަތަރު އަނބު ކަމަށް ވެސް ބަންދުގެ މަޖިލީހުގައި އެ މީހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ނަމަވެސް، ފުލުހުންގެ ހާދިސާގެ ރިޕޯޓުން އެނގޭ ގޮތުގައި، އަހްމަދު އަލީ އޮތީ އަނބު ގަހުގައި ކަމާއި ތިރީގައި އަނބު ހޮވަން ހުރީ މުހައްމަދު ސުހއިލްކަން އެނގޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އެ ދެމީހުން ވަގަށް އަނބު ބިނީ މާލޭގެ ކޮންތާކުން ކަމެއް ބަންދުގެ އަމުރުން އެނގޭކަށް ނެތެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ އަނބު ގަސްތަކުން ވަގަށް އަނބު ބިނދެގެން މީގެ ކުރިން ވެސް އެކި ފަހަރު މަތިން މީހުން ހައްޔަރުކޮށްފައިވެ އެވެ.