04 އޮކްޓޯބަރ 2025 - 12:53

އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާ ރޫޅާލުމަށް ތޫނު އަޑު ފޮނުވާ ހަތިޔާރެއް ފުލުހުން ބޭނުންކުރި މައްސަލަ ފެންމަތިވެއްޖެ އެވެ.
ތޫނު އަޑު ފޮނުވުމަށް ފުލުހުން ބޭނުންކުރީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެކެވެ. ފުލުހުން އެ އާލާތް ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެލްއާރުއޭޑީއަކީ މުޒާހަރާތައް ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އެ އާލަތް ބޭނުންކުރަނީ މުޒާހަރާ ކުރާ މީހުންނަށް އިންޒާރު ދިނުމަށެވެ. އަދި ފުލުހުންގެ އަމުރަށް ތަބާނުވެއްޖެ ނަމަ ކަންފަތަށް އުނދަގޫވާ ވަރުގެ ވަރަށް ތޫނު އަޑެއް އެ އިން ފޮނުވަ އެވެ.
ފުލުހުން ރޭގެ މުޒާހަރާގައި އެ އާލާތް ބޭނުންކުރީ 11 ޖަހަން ކައިރިވެފައިވާ ހުއްޓަ އެވެ. އެއާ އެކު، އެ ސަރަހައްދުގައި ވަރަށް ބާރު އަޑެއް އިރުގަނޑެއް ވަންދެން އިވެން ހުއްޓެވެ. އެ އަޑު އިވުމާ އެކު، މުޒާހަރާގެ ބައިވެރިންނާއި އާންމުންނަށް އުނދަގޫވެގެން ގިނަ ބަޔަކު އެ ވާހަކަ ދެއްކި އެވެ.
މިއީ ފުލުހުން މުޒާހަރާއެއް ރޫޅާލަން މި އާލާތް ބޭނުންކުރި ފުރަތަމަ ފަހަރެވެ.
މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. ރޭގައި ފުލުހުން މި އާލާތް ބޭނުންކުރީ އާންމުންނާއި ފުލުހުންނާ ދެމެދުގައި ޝީލްޑް ޖަހައިފައި ހުރި ހިސާބުގައި ތިބެގެންނެވެ. މީގެން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެ އާލާތް ބޭނުންކުރުމުގެ ހުއްދަ ފުލުހުންނަށް ނެތް ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.
ގާނޫނީ ވަކީލު އަހުމަދު މައުރޫފު ވިދާޅުވީ އެލްއާރުއޭޑީ ކިޔާ އެ އާލާތަކީ ވަރަށް ތޫނު އަޑެއް އިވޭ، މީހުންގެ ކަންފަތަށް ގެއްލުން ލިބޭ އެއްޗެއް ކަމަށެވެ.
"އަޅުގަނޑުމެން ބަލާލިއިރުގައި މި މައުލޫމާތު ލިބެނީ މިއީ ދިވެހި ފުލުހުން ބޭނުންކުރުމުގެ ހުއްދަ އޮންނަ ހަތިޔާރެއް ނުވަތަ އާލާތެއް ނޫން ކަން،" މައުރޫފު ވިދާޅުވި އެވެ.
"މީގެ މައުލޫމާތު އަޅުގަނޑުމެން ސާފުކުރި އިރުގައި މި ފާހަގަވީ މިއީ އިޒުރޭލުގެ އުފެއްދުމެއް ކަމަށް. އެއީ ތެދެއް އަޅުގަނޑުމެންނަށް ޚަބަރުތަކުން ފެނޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދަތިކުރުމަށްޓަކާ، ދުއްތުރާ ކުރުމަށްޓަކާ އިޒުރޭލުން ބޭނުންކުރާ ޑިވައިސެއް މިއީ."
ނަމަވެސް އާރްއޭޑީއަކީ މީހަކަށް ނުވަތަ ބަޔަކު ނުކުޅެދުންތެރި ހާލަތަކަށް ހިނގައިދާނެ 'ސޮނިކް ވެޕަން' އެއް ނޫން ކަމަށް އޭގެ ދިފާއުގައި ތަންފީޒީ އިދާރާތަކުގެ ފަރާތުން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
"އެއީ އެއްވުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންކުރާ، އިންސާނުންގެ ފުރާނަ އަށް ގެއްލުން ނުވާ ޒާތުގެ 'ނޮން-ލީތަލް' އުކުޅުތަކުގެ ތެރޭގައި ހިމެނޭ، ރައްކާތެރި މުވާސަލާތީ ވަސީލަތެކެވެ. ކަރުނަ ގޭހާއި ރަބަރު އުންޑަ، 'ޕެޕާ ބޯލް'، ޓޭޒާ ނުވަތަ ފްލޭޝް ބޭންގް ގްރެނޭޑް ފަދަ އާލާތްތަކާ ހިލާފަށް އެލްއާރްއޭޑީގެ ސަބަބުން ޖިސްމާނީ އަނިޔާއެއް ނުލިބޭނެ އެވެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ރޭގެ އެއްވުމަށް ދިޔަ ބައެއް މީހުން ބުނި ގޮތުގައި، ފުލުހުން އެ ހަތިޔާރު ބޭނުންކުރަމުން ދިޔަ ވަގުތު ކަންފަތަށް ވަރަށް ބޮޑަށް އުނދަގޫވެ، ބޮލުގައި ރިއްސައި ބޯ އެނބުރި އެވެ. އަދި ހޮޑުލަވާ ގޮތް ވެސް ވި އެވެ. އާންމުން ވެސް ދިރިއުޅޭ ސަރަހައްދެއްގައި ފުލުހުން މި ކަހަލަ ހަތިޔާރެއް ބޭނުންކުރުމުން ބައެއް މީހުން ދަނީ އެކަން ކުށްވެރި ވެސް ކުރަމުންނެވެ.
ހާއްސަކޮށް ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިމޭނުން ތިބި މައްސަލަ ވެސް ބައެއް މީހުން ވަނީ ސަމާލުކަމަށް ގެނެސްފަ އެވެ.
ރޭގެ މުޒާހަރާގައި ފުލުހުން އެ ހަތިޔާރު ބޭނުންކުރި ސަބަބެއް ފުލުހުން އަދި ސާފުކޮށެއް ނުދެ އެވެ.
ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ނުވަތަ އެސްއޯޕީތައް ހަދައި އާންމުކުރަން ޖެހޭއިރު، މި އާލާތް ބޭނުންކުރާނެ ގޮތުގެ އުސޫލެއް އާންމުކޮށްފައިވާކަން އެނގޭކަށް ނެތެވެ. ފުލުހުން ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރާނެ އުސޫލު ހަދައި އާންމުކޮށްފައިވެ އެވެ.
އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި އެއްވުމުން ފުލުހުން 8 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ އެކަކު ވެސް ދޫކޮށް ނުލަ އެވެ.