ދުވަސްތަކެއް ފަހުން ކަންގަނާ ފެޝަން ޝޯއަކަށް
ދުވަސްތަކެއް ފަހުން ކަންގަނާ ފެޝަން ޝޯއަކަށް

ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަންގަނާ ރަނާވަތު ގިނަ ދުވަސްތަކެއް ފަހުން ފެޝަން ޝޯއެއްގައި މޮޑެލް ކޮށްފި އެވެ.

ކަންގަނާ މޮޑެލް ކޮށްދިނީ އިންޑިއާގައި ގަހަނާ ހަދާ ބްރޭންޑެއް ކަަމަށްވާ "ރާބްތާ ބައި ރާހުލް" އިން އިއްޔެ ބޭއްވި ޝޯއެއްގަ އެވެ. އޭނާއަކީ އެ ޝޯގެ ޝޯސްޓޮޕާ އެވެ. އެ ޝޯގެ ރޭމްޕުގައި ކަންގަނާ ހިނގާ ވީޑިއޯއެއް އިންސްޓަގްރާމްގައި ވަނީ ޕޯސްޓުކޮށްފަ އެވެ.

އައިވަރީ ސާޅިއެއްގައި ހުރި ކަންގަނާގެ ބޮލާއި ކަރާއި އަތުގައި، އެމެރަލްޑް އަދި ރަން ކުލައިން ޑިޒައިންކޮށްފައިވާ ގިނަ އަދަދެއްގެ ގަހަނާ އަޅާފައި ހުއްޓެވެ.

ކަންގަނާ ވަނީ 2022 ވަނަ އަހަރު އިންޑިއާގައި ބޭއްވި ލެކްމީ ފެޝަން ވީކްގައި ވެސް މޮޑެލް ކޮށްފަ އެވެ. އޭގެ ފަހުން ފެޝަން ޝޯއަކުން އޭނާ މި ފެނުނީ ފުރަތަމަ ފަހަރަށެވެ. އަދި މަޖިލިސް މެމްބަރަކަށް ވި ފަހުން މި ކަހަލަ ޝޯއަކުން ފެނުނު ވެސް މިއީ ފުރަތަމަ ފަހަރެވެ.

ކަންގަނާގެ ފިލްމެއް އެންމެފަހުން ރިލީޒްކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެއީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަޔާތަށް ބިނާކޮށް ގެނެސްދިން "އިމަޖެންސީ" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބި ވަނީ ފްލޮޕް ވެފަ އެވެ.

މެމްބަރަކަށް ވި ފަހުން ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅޭ ކަންގަނާ އަށް ހޮލީވުޑް ފިލްމެއް ވެސް ވަނީ ލިބިފަ އެވެ.

ކަންގަނާ ކުޅޭ ހޮލީވުޑް ފިލްމަކީ ބިރުވެރި ފިލްމެއް ކަމަށްވާ "ބްލެސްޑް ބީ ދަ އީވިލް" އެވެ. އެ ފިލްމުގައި އޭނާއާ އެކު މުހިންމު ރޯލުތައް ކުޅޭނީ ހޮލީވުޑްގެ ތަރިން ކަމަށްވާ ޓައިލާ ޕޯޒީ އާއި ސްކާލެޓް ރޯޒް ސްޓެލޯން އެވެ. އެ ފިލްމުގެ މަންޒަރުތައް ނެގުމުގެ މަސައްކަތް މިދިޔަ މަހު އެމެރިކާގެ ނިއު ޔޯކުގައި ވަނީ ފަށައިފަ އެވެ.