ވިޖޭ އާއި ރަޝްމިކާ އަންނަ އަހަރު ކައިވެނިކުރަނީ
ވިޖޭ އާއި ރަޝްމިކާ އަންނަ އަހަރު ކައިވެނިކުރަނީ

ތެލޫގޫ ސިނަމާގެ މަޝްހޫރު ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ އަންނަ އަހަރު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހިންދުސްތާން ޓައިމްސްގައި ވިޖޭގެ ޓީމާ ހަވާލާދީ މި ޚަބަރު މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ނޫހުގައި ބުނީ ވިޖޭ އާއި ރަޝްމިކާ ކައިވެނިކުރަނީ އަންނަ އަހަރު ފެބްރުއަރީ މަހުގައި ކަމަށެވެ. އަދި އެ ދެމީހުން މިހާރު އެންގޭޖުވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

ވިޖޭ އާއި ރަޝްމިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރުނީ 2018 ވަނަ އަހަރު އެ ދެމީހުން އެކުގައި ކުޅުނު ފިލްމު "ގީތާ ގޮވިންދަމް"ގެ ދުވަސްވަރު އެވެ. އަދި 2019 ވަނަ އަހަރު އެކުގައި ކުޅުނު ފިލްމު "ޑިއާ ކޮމްރޭޑް"ގެ ދުވަސްވަރު ވެސް އެ ވާހަކަ ވަރަށް ގަދައަށް ދެކެވުނެވެ.

އޭގެ ފަހުން ދެ ތަރިން އެކުގައި ވަރަށް ގިނަ ޑޭޓްތަކަށް ދާތަން ޕަޕަރާޒީންނަށް ފެނިފައިވެ އެވެ. އަދި ޗުއްޓީ ހޭދަކުރަން ދެ ތަރިން އެކުގައި 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައިސްފައި ވެސް ވެ އެވެ.

ވިޖޭ އާއި ރަޝްމިކާ ވަނީ އެކުގައި ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އަދި އެ ދެ ތަރިން ވަނީ ބޮލީވުޑް ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ ވިޖޭ އުޅުނު "ލައިގާ" އާއި ރަޝްމިކާ އުޅުނު "އެނިމަލް" އެވެ. މި އަހަރު ނުކުތް ބޮލީވުޑްގެ ފިލްމު "ޗާވާ"ގައި ވެސް ރަޝްމިކާ ރޯލެއް ކުޅުނެވެ.