04 އޮކްޓޯބަރ 2025 - 11:40

ދިވެހި ރައްޔިތުން ވަނީ އެ މީހުންގެ ނިންމުން މިނިވަން އިންސާފުވެރި އިންތިހާބަކުން އިއްވާފައި ކަމަށާއި ސިޔާސީ ބަދަލު ގެންނަން ޖެހޭނީ ވޯޓަކުން ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފި އެވެ.
އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރުމާ އެކު، ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ހަގީގީ ސިޔާސީ ބަދަލު އަންނަން ޖެހޭނީ ޑިމޮކްރެޓިކް މުއައްސަސާތައް މެދުވެރިކޮށް ކަމަށާއި އެއީ ބިނާކުރަނިވި ބަހސްތަކުގެ ތެރެއިން ގޮސް ނަގާ ވޯޓަކުން ކަމަށެވެ.
"މަގުމައްޗަށް ހަވަރު އެއްވެ ހިންގާ ހަމަނުޖެހުމަކުން ނޫން. ހަމަނުޖެހުން އުފައްދައި ރައްޔިތުންގެ ނިންމުން އެ ފުށްމިފުށަށް ޖަހަން [ސަަރުކާރު ބަދަލުކުރަން] ކުރާ މަަސައްކަތަކީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއް،" ޕީއެންސީގެ ބަޔާގައި ބުންޏެވެ.
ރޭޣޭ މުޒަހަރާގައި ހަަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށްް، ޕީއެންސީގެ ބަޔާނުގައި ބުނީ އެއްވުމުގެ ބައިވެރިން ކޮންޓްރޯލް ކުރަން ފުލުހުން ދެއްކި ޕްރޮފެޝަނަލް ކަަމަށް ތައުރީފުކުަރާ ކަމަށެވެ. ފުލުހުން މަސައްކަތް ކުރީ ގާނޫނާ އެއްގޮތަށް، ހާލަތާ އެކަށޭނަ ގޮތަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޕީއެންސީން ބުނިގޮތުގައި ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް އަދި އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވެ އެވެ. އެ ކަމަކު އެއީ ހަމަނުޖެހުމަށް މަގުފަހިކޮށް، މުދަލަށް ގެއްލުންދީ އަދި ފުލުހުންނަށް ހަމަލަ ދިނުމަށް ލިބޭ ލައިސަންސެއް ނޫން ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން މިމޭރުމުން ބަޔާނެއް ނެރުނު އިރު، އެމްޑީޕީގެ މުޒާހަރާ އަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ރޭ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ފުލުހުންގެ ޝީލްޑެއް މުޒާހަރާގެ ބައިވެރިން ގެންގުޅުމާއި ގަލާއި ފެންފުޅި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކާފައިވާތީ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީން ރޭ ބުނި ގޮތުގައި، އެފަދަ އަމަލެއް އެ ޕާޓީގެ މެމްބަރަކު ވެސް އަދި އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ވެސް ނުހިންގާނެ އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުން ރޭ 9:00 ގައި ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖިދީމަގަށް ނިކުންނަން މަސައްކަތްކުރި އެވެ. އެކަމަކު މަޖީދީ މަގުގައި ހުންނަ ޖެލީ ކައިރިން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
އެތަނުގައި ޝީލްޑް ހިފައިގެން ފުލުހުން ވެސް ހަރަކާތްތެރިވި އިރު މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ބައެއް މީހުން ހައްޔަރުވެސް ކުރި އެވެ.
ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތައް ހިނގަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން، ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށް ވިދާޅުވެ އިހުސާން ވަނީ އެއީ އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
ފުލުހުން ބުނެފައި ވަނީ މަޖީދީ މަގުން އެއްވުމުގެ ބައިވެރިން ދާން މަސައްކަތް ކުރުމަކީ އެމްޑީޕީ އާއި ފުލުހުންނާ ދެމެދުވި އެއްބަސްވުމާ ވެސް ހިލާފު ކަމެއް ކަމަށެވެ. ރޭގެ އެއްވުމަށް ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުން ހިނގާފައި ދާން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އޭގެ ރައްދުގައި އެމްޑީޕީގެ ގާނޫނީ ޓީމުން ރޭ ދަންވަރު ބުނީ، އެ ޕާޓީން ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ފުލުހުން ހިލާފު ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއަކުން ނޯންނާނެ ފުލުހުން ދީފައިވާ ރޫޓަކާ ހިލާފަށް އެއްވުން ބާއްވާނެ ކަމަކަށް އަންގާފައެއް. އެ އަށް އަޅުގަނޑުމެން ޖަވާބު ނުވެސް ދެނީސް ފުލުހުން އަމިއްލައަކަށް އަލުން އިއުލާނެއް ކޮށްފައި އެއްވުމަކީ ސުލްހަވެރިކަން ގެއްލިއްޖެ ކަމަށް އެ ބޭފުޅުން އަމިއްލަ އަށް ކަނޑައެޅުއްވީ. އެއީ އަދި އެއްވުން ބޭއްވުމުގެ ތިން ދުވަސް ކުރިން،" އެމްޑީޕީގެ ގާނޫނީ ޓީމުން ބުންޏެވެ.