އިޒްރޭލުން ހަމަލާތައް ހުއްޓާލަން ޓްރަމްޕު ގޮވާލައްވައިފި، އިޒްރޭލުން ބުނީ ހުށަހެޅުން ތަންފީޒުކުރަން ތައްޔާރު ކަމަށް
އިޒްރޭލުން ހަމަލާތައް ހުއްޓާލަން ޓްރަމްޕު ގޮވާލައްވައިފި، އިޒްރޭލުން ބުނީ ހުށަހެޅުން ތަންފީޒުކުރަން ތައްޔާރު ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުއްވުމާ އެއްގޮތަށް އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކޮށް ފަލަސްތީނުގެ ޣައްޒާގައި ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ މަޝްވަރާއަށް ތައްޔާރު ކަމަށް ހަމާސް އިން އިއުލާނުކުރުމުން އިޒްރޭލުން ވެސް އެކަމަށް ތައްޔާރު ކަމަށް ބުނެފި އެވެ.

"ހުށަހެޅުމަށް ހަމާސް އިން ދިން ޖަވާބަށް ބަލައި، އެ ހުށަހެޅުމުގެ ފުރަތަމަ މަރުހަލާ ވަގުތުން ތަންފީޒުކުރަން ފަށައި ރަހީނުން މިނިވަންކުރުމުގެ މަސައްކަތަށް މި ދަނީ ތައްޔާރުވަމުން،" އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އިޒްރޭލުން މިހެން ބުނީ ހަމަލާތައް ވަގުތުން ހުއްޓާލަން ޓްރަމްޕު ގޮވައިލެއްވިތާ އިރުކޮޅެއް ފަހުންނެވެ.

"މި ހަނގުރާމަ ނިމުމަކަށް ގެންނަން ރައީސް ޓްރަމްޕާއި ޓީމުން ގެންގުޅޭ ވިސްނުމާ އެއްގޮތަށް އެކަން ކާމިޔާބުކުރުމުގައި ހުރިހާ އެއްބާރުލުމެއް ދޭނަން،" ބަޔާނުގައިވެ އެވެ.

އިޒްރުގެ އަސްކަރީ ރޭޑިއޯއިން ވަނީ ޣައްޒާގައި ސިފައިން ދިފާއުގައި ނޫނީ ހަމަލާ ނުދިނުމަށް އަންގާފައިވާ ކަމަށް ބުނެފަ އެވެ.

ހަމަލާތައް ހުއްޓާލަން ޓްރަމްޕި ގޮވައިލެއްވި އިރު މިއީ ޓްރަމްޕު ދެ ވަނަ ދައުރަށް ވެރިކަމަށް ވަޑައިގަތް ފަހުން، އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން މިހާ ސާފުކޮށް ގޮވާލެއްވި ފުރަތަމަ ފަހަރެވެ.

"ހަމާސް އިން ނެރުނު ބަޔާނަށް ބަލާއިރު އެ ޖަމާއަތުން ދާއިމީ ސުލްހައެއް ބޭނުންވާ ކަމަށް ގަބޫލުކުރެވޭ. ރަައްކާތެރިކަމާ އެކު އަދި އަވަހަށް ރަހީނުން މިނިވަންކުރުމަށް އިޒްރޭލުން ވަގުތުން ހަމަލާތައް ހުއްޓާލަންޖެހޭ،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.

"މި ވަގުތު އެކަން ކުރަން އުޅުން ވަރަށް ނުރައްކާތެރި. މިހާރުވެސް އަޅުގަނޑުމެން މި ގެންދަނީ ތަފްސީލްތަކާ މެދު މަޝްވަރާކުރަމުން. މިއީ ހަމައެކަނި ޣައްޒާއާ ގުޅޭ ކަމެއް ނޫން. މިއީ މުޅި މެދުއިރުމަތީގައި ދާއިމީ ސުލްހަޔާ ގުޅުން ހުރި ކަމެއް."

ޓްރަމްޕު ވަނީ ހަމާސްގެ ބަޔާން ވެސް އާންމުކުރައްވައިފަ އެވެ. މިއީ އެމެރިކާގެ ރައީސަކު ވެސް އަދި ވައިޓް ހައުސް އިން ވެސް ދުވަހަކު ކުރި ކަމަށް އެނގިފައިވާ ކަމެއް ނޫނެވެ.

އޭގެ ފަހުން ޓްރަމްޕު ވަނީ ސުލްހައިގެ މަސައްކަތުގައި އެމެރިކާއާ އެކު މަސައްކަތްކުރާ ގަތަރު، ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޖޯޑަންއަށް ޝުކުރު އަދާކުރައްވައި ކުރު ވީޑިއޯ ބަޔާނެއް ވެސް ނެރުއްވައިފަ އެވެ.

"މިއީ ވަރަށް ހާއްސަ ދުވަހެއް. ފަހަރެއްގައި، މިއީ އަންނާނެ ކަމަށް ބެލެވުނު ދުވަހެއް ވެސް ނޫން،" އެ ބަޔާނުގައި ޓްރަމްޕު ވިދާޅުވި އެވެ.

އެކްސިއޯސް ނިއުސް އިން ބުނި ގޮތުގައި ޓްރަމްޕްގެ މި ވާހަކައާ މެދު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަނީ ހައިރާންކަން ލިބިފަ އެވެ. ޓްރަމްޕާ އެކު ވައިޓް ހައުސްގައި ހުރެ ޓްރަމްޕުގެ ހުށަހެޅުން ގަބޫލުކުރާ ކަމަށް އިއުލާނުކުރި ނަތަންޔާހޫ ދެކެނީ ހުށަހެޅުމުގައި ބުނާ ކަންކަމަށް ހަމާސް އިން ފުރިހަމައަށް އެއްބަސްނުވެ ދައްކާ ވާހަކައެއްގެ ގޮތުގައި ކަމަށް އެކްސިއޯސް އިން ބުންޏެވެ.

ޓްރަމްޕުގެ ހުށަހެޅުމަށް އެއްބަސްވެ ހަމާސް އިން ނެރުނު ބަޔާނުގައި، ސުލްހަޔަށް ޓްރަމްޕު މަސައްކަތްކުރައްވާ ކަމަށް ބުނެ ތައުރީފުކޮށްފައިވެ އެވެ.

ހުށަހެޅުން ގަބޫލުކުރާ ކަމަށް އާންމުކޮށް އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލުމާ އެކު ދެ ފަރާތުން ހަމަލާތައް ވަގުތުން ހުއްޓާލުން ޓްރަމްޕުގެ ހުށަހެޅުމުގައިވެ އެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ ވަކި ހިސާބަކަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހި އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް ވަގުތު ދިނުމާއި އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 ގައިދީއަކު އިޒްރޭލުން މިނިވަންކުރުމާއި ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު މިނިވަންކުރުން ވެސް ހިމެނެ އެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހަކުރުމުގެ މަސައްކަތުގައި ލިބުނު ކުރިއެރުންތަކާ އެކު ގައުމުތަކުގެ ވެރިން އަންނަނީ މަރުހަބާކިޔައި، ތެދުވެރިކަމާ އެކު ދެ ފަރާތުން ވެސް ސުލްހަޔަށް މަސައްކަތްކުރުމަށް ގޮވާލަމުންނެވެ.