03 އޮކްޓޯބަރ 2025 - 22:54

އެމްޑީޕީން މާލޭގައި މިރޭ ކުރަމުންދާ މުޒާހަރާއަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުން މިރޭ 8:30 ގައި ފެށި މުޒާހަރާގެ ބައިވެރިން ވަނީ މަޖިދީމަގަށް ނިކުންނަން މަސައްކަތްކޮށްފަ އެވެ. އެކަމަކު މަޖީދީމަގުގައި ހުންނަ ޖެލީ ކައިރިން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
އެތަނުގައި ޝީލްޑް ހިފައިގެން ފުލުހުން ވެސް ހަރަކާތްތެރިވަމުން ދާއިރު މުޒާހަރާގެ ބައިވެރިންގެ ގަޔަށް ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އަދި ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ކުރިމަތިލުންތައް ހިނގަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ޑިއުޓީގައި ތިބި ފުލުހުންގެ އަތުން ގަދަކަމުން، ސާމާނު އަތުލުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅުން ކަމަށް ވިދާޅުވެ އިހުސާން ވަނީ އެއީ އަނިޔާވެރި އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
އިހުސާން އެގޮތަށް ވިދާޅުވެފައިވަނީ މުޒާހަރާގެ ތެރެއިން މީހަކު ޝީލްޑެއް ހިފައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމު ކުރެއްވުމަށްފަހު އެވެ.
އެކަމަކު އެމްޑީޕީން ވަނީ އިހުސާންގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެމްޑީޕީން ބުނީ ސުލްހަވެރިކޮށް ކުރިއަށް ގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ބާރުގެ ބޭނުންކޮށް، ޕެޕާ ސުޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި އިހުސާންގެ އެ ޓްވީޓަކީ ފުލުހުންގެ އަނިޔާވެރިކަން ފޮރުވައި އެމީހުން އަމަލުކުރީ ރަނގަޅަށް ކަމަށް ދެއްކުމަށް ކުރެއްވި ޓްވީޓެއްގެ ގޮތުގައި އެމްޑީޕީން ސިފަ ކުރި އެވެ.
"ލޫޓުވައިފި، ލޫޓުވައިފި" ގެ ނަމުގައި އެމްޑީޕީން ބާއްވަމުން އަންނަ މުޒާހަރާގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެެވެ.