ފުލުހުން މަސައްކަތްކުރީ ގަދަބާރު ބޭނުންކޮށްގެން އެއްވުން ރުޅާލަން: އެމްޑީޕީ
ފުލުހުން މަސައްކަތްކުރީ ގަދަބާރު ބޭނުންކޮށްގެން އެއްވުން ރުޅާލަން: އެމްޑީޕީ

އިދިކޮޅު އެމްޑީޕީން އިސްނަގައިގެން މިހާރު ކުރިއަށް ގެންދާ ބޮޑު އެއްވުން ރޫޅާލަން ފުލުހުން މަސައްކަތްކުރީ ގަދަބާރު ބޭނުންކޮށްގެން ކަމަށް އެ ޕާޓީން ބުނެފި އެވެ.

"ލޫޓުވައިފި ލޫޓޫވައިފި" ނަމުގައި ބާއްވާ އެއްވުމުގެ ބައިވެރިން، އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީމަގުން ކުރިއަށް ދަނިކޮށް ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.

އެކަމާ ގުޅިގެން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓަށް ދެއްވި ރައްދުގައި އެމްޑީޕީން ބުނީ، މުޒާހަރާ ހުއްޓުވައި ސުލްހަވެރި އެއްވުން ގަދަކަމުން ރޫޅާލަން ފުލުހުން މަސައްކަތްކުރީ ޕެޕަ ސްޕްރޭ އަދި ރަޔަޓް އިކުއިޕްމަންޓް ބޭނުންކޮށްގެން ކަމަށެވެ.

އިހުސާންގެ ޓްވީޓުގައި ވަނީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މުޒާހަރާކުރާ ސަރަހައްދުގައި ބަހައްޓާފައިވާ ޝީލްޑެއް ހިފައިގެން މީހަކު ދާ ވީޑިއޯއަކާއެކު ކުރެއްވި ޕޯސްޓުގައި ހޯމް މިނިސްޓަރު ވިދާޅުވީ ޑިއުޓީގައި ހުންނަ ފުލުހެއްގެ އަތުން ތަކެތި އަތުލުމަކީ ސުލްހަވެރި ސިޔާސީ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެއީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޒިންމާތަކަށް ހުރަސް އެޅޭ ފަދަ އަނިޔާވެރި އަމަލެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނުގައި ވެސް ބުނީ ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް މަޖީދީ މަގުން ކުރިއަށްދާން ފެށުމުން އެގޮތަށް އަމަލުނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރުދީފައިވާނެ ކަމަށެވެ.

ނަމަވެސް، އެކަމަށް އިޖާބަނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލަތްތައް އަތުލަން މަސައްކަތްކޮށް އަދި ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ބުންޏެވެ.

"މި އަމަލުތައް ހިންގި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ،" ބަޔާނުގައިވެ އެވެ.

އެއްވުން ބާއްވަން ހުއްދަ ދީފައިވަނީ ފުލުހުން ބުނި ގޮތުގައި އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ.