03 އޮކްޓޯބަރ 2025 - 21:05

އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ގެ ހާއްސަ ދުއާއަކުން އެއްވުން ނިންމާލައިފި.

ކުރީގެ ރައީސް އިބޫ ގެންދަވަނީ ފުލުހުންނާ މުހާތަބު ކުރައްވައި، ވާހަކަ ދައްކަވަމުން. ނަމަވެސް ފުލުހުން ގެންދަނީ މީހުން ދުރަށް ޖެއްސުމަށްޓަކައި ބޭނުންކުރާ އެލްއާރުއޭޑީ އެލާމް ބޭނުން ކުރަމުން.

މުޒާހަރާގެ ބައިވެރިން މިހާރު ތިބީ މަޖީދީމަގުގައި އިށީނދެގެން. އޭގެ ތެރޭގައި ކުރީގެ ރައީސް އިބޫ އާއި އެމްޑީޕީގެ އިސްވެރިން ވެސް ހިމެނޭ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ވެސް ހިމެނޭ.

މުޒާހަރާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަޑައިގެން އެބަ ހުންނެވި. އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ލީޑާޝިޕްގެ އިސްވެރިން ވެސް މުޒާހަރާގެ ބައިވެރިންގެ ތެރޭގައި އެބަ ތިއްބެވި.

އެއްވުމުގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.

އަނެއްކާ ވެސް ފުލުހުންނާ ކުރިމަތިލުމާ އެކު، ޕެޕާ ސްޕްރޭ ޖަހައި އެއްވުމުގެ ބައިވެރިން ފަހަތަް ޖައްސާލައިފި.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ އެއްވުން ބާއްވަން ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށް ދާން ފެށުމާ ގުޅިގެން، އެ ގޮތަށް އަމަލު ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދީ، އިންޒާރު ދިން ކަމަށް. އެކަމަކު، އެ ކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށް ފުލުހުންގެ ބަޔާނުގައި ވޭ. އެހެންވެ، އެ އަމަލުތައް ހިންގި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނި. "އަދި ހަމަ އެއާ އެކު، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް ނޭޅުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ދެންމެ ބުނީ، އެއްވުމާ ގުޅޭ ގޮތުން އެމްޑީޕީ އާއި ފުލުހުންނާ ދެމެދު ކުރި މަޝްވަރާތަކުގައި، މަޖީދީ މަގުގައި އެއްވުން ކުރިއަށް ދާން އެއްވެސް އިރަކު ނޭދޭ ކަމަށް. އަދި މަޝްވަރާ ވެސް ނުކުރެވޭ ކަމަށް ފުލުހުން ބުނި. "އެއްވުން ބާއާވެނެ މަގު އަޅުގަނޑުމެން ވާނީ ދައްކާފައި،" ފުލުހުންގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އެއްވުމުގެ ބައިވެރިން އަދިވެސް ތިބީ އާޓިފިޝަލް ބީޗު ސަރަހައްދުގައި މަގުމަތީގައި. އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުން.
މުޒާހަރާގެ ތެރެއިން މީހަކު ފުލުހުން ހައްޔަރުކޮށްފި.
ފުލުހުންގެ ޝީލްޑެއް ގެންދިޔަ ކަމަށް ބުނާ ވާހަކަ ދޮގުކޮށް، އެމްޑީޕީން ބުނީ ފުލުހުން އަމަލުކުރަނީ އަނިޔާވެރިކަމާއެކު ކަމަށް.
މުޒާހަރާގެ ބައިވެރިއަކު ފުލުހުންގެ ޝީލްޑެއް ހިފައިގެން ގޮސްފައިވާތީ ހޯމް މިިނިސްޓަރު އަލީ އިހްސާން ވަނީ އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ވިދާޅުވެފައި.
އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ގެންދަނީ ދޭތެރެދޭތެރެއިން ޕެޕާސްޕްރޭ ޖަހަމުން.
ފުލުހުން ދެންމެ ބުނީ، އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ހުއްދަ ދީފައި ނުވާނެ ކަމަށް. ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެއްވުން ކުރިއަށް ގެންދަން ފުލުހުން ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ކަމަށް. ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗަށް އެއްވުން ނިންމަން ހުއްދަ ދީފައި އޮތް ނަމަވެސް އެއާ ހިލާފު ވެފައިވާ ކަމަށް ފުލުހުން ބުނި.
އެއްވުމުގެ ބައިވެރިން މިހާރު ތިބީ ހެންވޭރުން މަޖީދީ މަގުން ޖެލީ ޕިއްޒާ ކައިރީގައި މަޑުކޮށްގެން. އެ އަށް ވުރެ ކުރިއަށް ނުދެވޭ ގޮތަށް ފުލުހުން ވަނީ މަގު ބަންދުކޮށްފައި،
އެއްވުން ރޫޅާލަން ފުލުހުން މިހާރު ވަނީ ޕެޕާސްޕްރޭ ޖަހާފައި.
އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރި ނަމަވެސް ފުލުހުން އެ މަގު ބަންދު ކޮށްފައި އޮތުމުން ދެވޭ ގޮތެއް އަދި ނުވޭ. ފުލުހުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު މިހާރު ވަނީ ކުރިމަތިލުމެއް ފެށިފައި.
އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުންނަން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު ގޮވައިލެއްވުމާ އެކު، އެންމެން އާޓިފިޝަލް ބީޗު ދޫކޮށް މަޖީދީ މަގުން ދާން ދިމާކޮށްފި.
މި އެއްވުމުގައި މިހާރު ގެންދަވަނީ އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ މަޖިލިސް މެމްބަރުން ވާހަކަ ދައްކަވަމުން.
ގިނަ އަދަދެއްގެ ބަޔަކާ އެކު، އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުން މާލޭގެ އާޓިފިޝަލް ބީޗުގައި ދެންމެ ފަށައިފި އެވެ.
ދިވެހި ގައުމީ ދިދަ އާއި އެމްޑީޕީގެ ދިދަ ހިފައިގެން ގިނަ ބަޔަކު މިހާރު ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. މި އެއްވުމަށް އިއްޔެ ހަވީރުން ފެށިގެން އެކި ރަށްރަށުން ވެސް މީހުން މާލެ އަށް އައިސްފައި ވެ އެވެ.
އެއްވުމާ ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. މާލޭގެ ހުރިހާ ސަރަހައްދެއްގައި ކަހަލަ ގޮތަކަށް ފުލުހުން މިހާރު އަންނަނީ ޑިއުޓީ އަދާކުރަމުންނެވެ.
މި އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެއްވުން މިރޭ ނުވައެއް ޖެހިއިރު ފެށުމާ އެކު، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.