އަނެއްކާ ވެސް ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތެއް
އަނެއްކާ ވެސް ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނާތެއް

ދުވާފަރު ކައުންސިލަށް ތަކެއްޗާއި ހިދުމަތް ދިން ބަޔަކަށް ދޭންޖެހޭ ފައިސާތަކެއް، ލިޔެކިއުންތައް ފޯޖްކޮށްގެން އެހެން ބައެއްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އިއްޔެ ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން ދުވާފަރު ކައުންސިލުން ލިޔެކިއުންތައް ފޯޖްކޮށްގެން، ފައިސާ ލިބެންވާ ފަރާތް ނޫން އެހެން ފަރާތްތަކަށް ފޮނުވި ފައިސާގެ ޖުމްލަ އަކީ 99،338.ރ އެވެ.

އެ ފައިސާ އަކީ ދުވާފަރު ކައުންސިލަށް ތަކެއްޗާއި ހިދުމަތް ދިން ބަޔަކަށް ދޭން ޖެހޭ ފައިސާ ކަަމަށް ވާއިރު، އެ ފައިސާ އެހެން އެކައުންޓްތަކަށް ޖަމާކުރުމުން، ތަކެއްޗާއި ހިދުމަތް ދިން ފަރާތްތަކަށް ލިބެން ޖެހޭ ފައިސާ އޮޑިޓް ނިމުނު އިރު ވެސް އޮތީ ނުލިބި އެވެ.

ފައިސާ ލިބެންވާ ފަރާތްތައް ނޫން އެހެން ފަރާތްތަކަށް، އޮޅުވާލައިގެން ދޫކުރި ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ އޮޑިޓް ރިޕޯޓްގައިވާ ގޮތުން 35،520.ރ އެވެ. އަދި އޮޑިޓް ރިޕޯޓްގައިވާ ގޮތުން އޮޑިޓްކޮށް ނިމުނު އިރު ވެސް، 63،818.ރ އޮތީ ނުލިބި އެވެ.

އޭގެ އިތުރުން، މުދަލަށް އޯޑަރުކުރަން ހުއްދަދޭ އޮފިޝަލްގެ ސޮއި ފޯޖުކޮށްގެން 30،265.ރ ހަރަދުކޮށްފައިވާ ކަމަށް ވެސް އޮޑިޓުން އެނގުނެވެ. އެ މައްސަލާގައި ތުހުމަތުކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ މައްސަލަ އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ދުވާފަރު ކައުންސިލުން އޮޑިޓަށް މައުލޫމާތު ދީފައިވެ އެވެ.

ދުވާފަރު ކައުންސިލްގެ ބަޖެޓުން 2023 ވަނަ އަހަރު ހަރަދުކޮށްފައިވާ ގޮތް ބަލަން ކުރި އޮޑިޓަށް ފަހު ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ދުވާފަރު ކައުންސިލުން އުސޫލާ ހިލާފަށް އެހެން ގިނަ ކަންތައްތަކެއް ވެސް އޮތީ ކޮށްފަ އެވެ. އެއްބަސްވުމެއް ނެތި ބިންތައް ކުއްޔަށް ދިނުން ވެސް އޭގެތެރޭގައި ހިމެނެ އެވެ.

ދުވާފަރު ކައުންސިލުން ހަމަ މިފަދަ ކަންތައްތަކެއް ހިންގިކަން 2022 ވަނަ އަހަރު ވެސް ފަޅާއެރި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭރު އެކުލަވާލި ރިޕޯޓެއްގައިވާ ގޮތުން ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކުރަމުންނެވެ.

އެފަހަރު އެ މައްސަލަ ތަހުގީގުކުރުމަށް ފަހު ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވީ އެކަމުގައި ކައުންސިލަރުންނަށް ދައުވާ ނުކޮށް، ނަސޭހަތުގެ އެއްބްސްވުމެއް ހަދާށެވެ.