ޣައްޒާ ޑީލަށް ހަމާސްއަށް ފަހުގެ މުހުލަތާ އެކު ޓްރަމްޕުގެ އިންޒާރެއް
ޣައްޒާ ޑީލަށް ހަމާސްއަށް ފަހުގެ މުހުލަތާ އެކު ޓްރަމްޕުގެ އިންޒާރެއް

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވާފައިވާ ކަންކަމަށް ހަމާސް ޖަމާއަތުން ރުހުން ދިނުމަށް ސުންގަޑިއެއް ކަނޑައަޅައި އިންޒާރު ދީފި އެވެ.

ޓްރަމްޕު ވިދާޅުވީ ހަމާސްއަށް ވަގުތު ލިބޭނީ އާދީއްތަ ދުވަހުގެ ރޭ ޖީއެމްޓީން 10:00 (ރާއްޖޭ ގަޑިން އެ ރޭ މެންދަމުން އަލިވެ 3:00) އާ ހަމައަށް ކަމަށެވެ.

ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މި ފަހުގެ ފުރުސަތު" ގައި އެއްބަސް ނުވެއްޖެ ނަމަ "ދުވަހަކު ފެނިފައިނުވާ ވަރުގެ އަނިޔާވެރިކަން ހަމާސްއާ ދެކޮޅަށް ފެންނާނެ" ކަމަށެވެ.

އިޒްރޭލުން ޣައްޒާ ސިޓީ ހިފަން ކުރާ މަސައްކަތުގައި އެ ސިޓީން އާންމުން ނުކުންނަން ދީފައިވާ އިންޒާރު ޓްރަމްޕު ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.

ޓްރަމްޕު ވިދާޅުވީ ޣައްޒާ ސިޓީގައި ހަމާސްގެ ގިނަ މެންބަރުން ތިބީ "އަސްކަރީ ގޮތުން ބަލާއިރު ބަންދުވެފައި" ކަމަށެވެ. އިޒްރޭލު ސިފައިން މަޑުކޮށްގެން އެ ތިބީ ޓްރަމްޕު ވިދާޅުވި ގޮތުގައި އޭނާ "ކުރިއަށްދާން" އަމުރުކުރާނެ ވަގުތަކަށެވެ. އެ އަމުރާ އެކު ހަމާސްގެ މެންބަރުންގެ ދުވަސްދާނެ ކަމަށާއި އެއީ ކޮން ބައެއްކަން އެނގޭ ކަމަށާއި އެ މީހަކު ހުރި ތަނަކުން ހޯދައި މަރާލާނެ ކަމަށް ވެސް އިންޒާރުގައިވެ އެވެ.

"ކުށެއް ނެތް އާންމުންނަށް އަޅުގަނޑު މި ގޮވާލަނީ ޣައްޒާ ސިޓީ ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދިއުމަށް. އެންމެންނަށް އެހީތެރިކަން ލިބޭނެ. އެކަމަކު ހަމާސްގެ މެންބަރުންނަށް މި ދެނީ އެންމެ ފުރުސަތެއް."

ޓްރަމްޕު ހުށަހެޅުއްވި ކަންކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވާ ކަމަށް އޭނާ އިއުލާނުކޮށްފައި ވާއިރު ހަމާސް އިން މިއަދު ބުނެފައިވަނީ ގޮތެއް ނިންމަން އަދި ވަގުތު ބޭނުންވާ ކަމަށެވެ.

ހުށަހެޅުން ގަބޫލުކުރާ ކަމަށް އާންމުކޮށް އިއުލާނުކުރާތާ 72 ގަޑިއިރު ތެރޭ އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލުމާ އެކު ދެ ފަރާތުން ހަމަލާތައް ވަގުތުން ހުއްޓާލުން ޓްރަމްޕުގެ ހުށަހެޅުމުގައިވެ އެވެ.

ކަނޑައެޅިފައިވާ ވަކި ހިސާބަކަށް އިޒްރޭލު ސިފައިން ފަހަތަށް ޖެހި އިޒްރޭލުގެ އަސީރުން މިނިވަންކުރުމަށް ވަގުތު ދިނުމާއި އުމުރަށް ޖަލަށް ލާފައިވާ ފަލަސްތީނުގެ 250 ގައިދީއަކު އިޒްރޭލުން މިނިވަންކުރުމާއި ޣައްޒާގައި ހަމަލާތައް ދޭން ފެށި ފަހުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 1،700 މީހަކު މިނިވަންކުރުން ވެސް ހުށަހެޅުމުގައިވެ އެވެ.

މި ހުށަހެޅުމުގައި އެންމެ މުހިންމު އަދި އެމެރިކާގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސްފައި އޮތީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމާ މެދުގަ އެވެ. ހުށަހެޅުމުގައި ވަނީ އޭގައިވާ ކަންކަން ފުރިހަމައަށް ތަންފީޒުކުރެވުމާ އެކު ފަލަސްތީން އޮތޯރިޓީ އިސްލާހުކޮށް ފަލަސްތީނުގެ އަމިއްލަ ދައުލަތެއް އުފެއްދުމަށް މަޝްވަރާތައް ފަށާނެ ކަމަށާއި އަދި އެމެރިކާއިން ވެސް މި މަޝްވަރާގެ ނިންމުން ބަލައިގަންނާނެ ކަމަށެވެ.

ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި ފަލަސްތީނުގެ ސަރުކާރެއްގައި ހަމާސްގެ ބައިވެރިވުމެއް ނުބޭއްވުމަށް ޝަރުތުކޮށްފައި ވާއިރު ސުލްހަވެރިކަމާ އެކު އުޅެން ބޭނުންވާ ހަމާސްގެ މެންބަރުންނަށް އެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.