03 އޮކްޓޯބަރ 2025 - 20:04

ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތައް ކައިރީގައި މިއަދު ހަވީރު މާރާމާރީ ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހަވީރު 5:00 ހާއިރު ހުޅުމާލެ 2 ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އެ ތަނުގައި މާރާމާރީ ހިންގާ މަންޒަރު ފެނިގެން އެ ތަނުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކުރިއިރު އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރީ އުމުރުން 18 އަހަރުގެ އަންހެނަކާއި 19 އަހަރުގެ އަންހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެެވެ.
ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ހިޔާގެ 7 ވަނަ ޓަވަރު ކައިރީގައި ދެ ފިރިހެނަކު މާރާމާރީ ހިންގާ ތަނެވެ. އެ މީހުން ލައިގެން ތިބި ޓީޝާޓަށް ދަމައި ބާލުވައި ގައިގައި ތަޅާ މަންޒަރު ފެނެ އެވެ. އަދި އެ ތަނުގައި ތިބި ދެ އަންހެނަކު ވެސް އިސްތަށިގަނޑު ހިފައި އެކަކު އަނެކަކަށް އަނިޔާކުރި އެވެ.